ސަލްމާން.
29 ޖޫން 2020 - 07:48
ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ގެނެސްދޭން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ކަމަށާއި ބައިވެރިން ކޮވިޑް-19 އަށް ޓެސްޓްކޮށް، ހާއްސަ ގައިޑްލައިންތަކަކަށް އަމަލުކުރަން ޖެހޭ ގޮތަށް ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އެ ޝޯ ގެނެސްދޭ ކަލާޒްގެ އޮފިޝަލަކު މީޑިއާއަކަށް ބުނީ ޝޯގެ އޮޑިޝަން ވެސް މިހާރު އޮންލައިންކޮށް ކުރިއަށްދާ ކަމަށެވެ. އެގޮތުން 30 މީހަކު ޝޯޓްލިސްޓްކޮށްފައިވާ އިރު، ފުރުސަތުދޭނީ 16 ބައިވެރިއަކަށެވެ.
"ބިގް ބޮސް 14" އިން މި ފަހަރު ފުރުސަތު ދޭން ނިންމާފައި ވަނީ 13 ސެލެބްރިޓީއަކަށާއި އާންމުންގެ ތެރެއިން ތިން މީހަކަށެވެ. މި ފަހަރުގެ ސީޒަނުން ފެންނާނެ ކަމަށް ބުނާ ސެލެބްރިޓީންގެ ތެރޭގައި ޓީވީ ބަތަލާއިން ކަމަށްވާ ޝުބާންގީ އަތުރޭ އާއި ޗާހަތު ކަންނާ އާއި ޝަގޫން ޕާންޑޭ އާއި އާލިޝާ ޕަންވަރާއި ޖޭސްމިން ބާސިނާއި ޓީވީ އެކްޓަރު/ހޯސްޓް ކަރަން ކުންދުރާ އާއި ޒާން ޚާން ފަދަ ސެލެބްރިޓީން ހިމެނެ އެވެ.
އޮފިޝަލް ބުނި ގޮތުގައި އޮޑިޝަންތައް ނިންމާލައި ޝޯ ފެށުމާ ގާތްކޮށް، ހުރިހާ ބައިވެރިން ވެސް ކޮވިޑް-19 އަށް ޓެސްޓްކުރާނެ އެވެ. އަދި އެ މީހުންގެ ސިއްހީ ހާލަތު ޝޯގެ ތެރޭގައި ވެސް ގަވައިދުން މޮނިޓަކޮށް، ބިގް ބޮސްގެ ގޭގައި ތިބޭ އިރު، ހާއްސަ ގައިޑްލައިންތަކަކަށް އަމަލުކުރަން ޖެހޭނެ އެވެ. މި ޝޯ އަކީ ބައިވެރިން ގެއެއްގެ ތެރޭގައި ތިން މަހަށް ވުރެ ގިނަ ދުވަހަށް ބައިތިއްބައިގެން ކުރިއަށް ގެންދާ ޝޯއެކެވެ.
އެހެންވެ ކުރީގެ ސީޒަންތަކާ ހިލާފަށް ބައިވެރިންގެ މެދުގައި މި ފަހަރު ވަކިން ހާއްސަކޮށް ސޯޝަލް ޑިސްޓެންސިން އާއި ރައްކާތެރިކަމުގެ އެހެން ގިނަ ފިޔަވަޅުތައް އެޅުން މަޖުބޫރުކުރާނެ އެވެ.
"ބިގް ބޮސް 14" ގެ ގެނެސްދޭނީ ޖަންގަލީގެ ތީމަކަށެވެ. އެގޮތުން ޝޯ އަށް ހާއްސަ ގޭގެ މަސައްކަތް މުމްބާއީގެ ބަންޑްރާގެ ފިލްމު ސިޓީގައި ވަރަށް އަވަހަށް ފަށާނެ އެވެ.
"ބިގް ބޮސް" ގެ 13 ވަނަ ސީޒަން ނިންމައިލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ސީޒަން ކާމިޔާބުކުރީ އެކްޓަރު ސިދާތު ޝުކްލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy