ސަލްމާން.
15 ޖޫން 2020 - 07:47
ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ ތައްޔާރީތައް މިހާރު ވެސް ފަށާފައިވާ ކަމަށާއި ޝޯގެ ޕްރޮމޯއެއް ވަރަށް އަވަހަށް އާންމުންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާން ޝޯގެ ފުރަތަމަ ޕްރޮމޯ މި ފަހަރު ޝޫޓްކުރާނީ ކޮވިޑް-19އާ އެކު އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ދިމާކޮށް އޭނާ މާޗް މަހުން ފެށިގެން ދުވަސްތައް ހޭދަކުރަމުން އަންނަ ޕޭންވެލް ފާމްހައުސްގަ އެވެ. އެތަނުގައި "ބިގް ބޮސް 14" ގެ ޕްރޮމޯ ޝޫޓްކުރުމަކީ މާ އުނދަގޫ ކަމަކަށް ވެސް ނުވާނެ އެވެ.
ސަބަބަކީ ލޮކްޑައުންގެ ތެރޭގައި ސަލްމާންގެ ދެ ވީޑިއޯ ލަވައެއް ވެސް، ފާމްހައުސްގައި ޝޫޓްކޮށް ނެރެފައިވުމެވެ.
ރިޕޯޓްތައް ބުނާގޮތުން ޝޯގެ ފުރަތަމަ ޕްރޮމޯ ހާއްސަކުރާނީ ސޯޝަލް ޑިސްޓެންސިންއަށެވެ. އަދި "ބިގް ބޮސް 14" ފެށުމާ ހަމައަށް، ގެނެސްދޭން ނިންމާފައިވާ އެކިއެކި ޕްރޮމޯތަކުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިކަން ހޯދުމަށް ހޭލުންތެރިކަން އުފައްދަން އެކި ކަހަލަ މެސެޖްތައް ދޭނެ އެވެ.
މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި "ބިގް ބޮސް 14" މި ފަހަރު ބިނާކުރާނީ ޖަންގަލީގެ ތީމަކަށެވެ. އެގޮތުން ބައިވެރިން ތިބޭ ގޭގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ އިރު، ކުރިއެކޭ އެއްގޮތަށް މި ފަހަރު ވެސް ޝޯ ކުރިއަށް ގެންދާނީ ފިލްމު ސިޓީގަ އެވެ. ނަމަވެސް ކޮވިޑް-19އާ އެކު ދިރިއުޅުމުގެ އާދަތަކަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައިވާތީ ބިގް ބޮސްގެ ގެއަށް މި ފަހަރުގެ ސީޒަނުގައި ވައްދާ ބައިވެރިން ހާއްސަ ގައިޑްލައިންތަކަކަށް އަމަލުކުރަން ވެސް ޖެހޭނެ އެވެ.
މީޑިއާތަކުން ބުނިގޮތުގައި ސީޒަން 14 ކުރިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެނެސްދޭން ރާވާފައި އޮތް ނަމަވެސް، މިހާރު ވަނީ އޮކްޓޯބަރަށް ފަސްކޮށްފަ އެވެ. އެކަމަކު ޝޯއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ އެވެ.
މި ފަހަރުގެ ސީޒަނުން ފެންނާނެ ކަމަށް ބުނާ ބައިވެރިންގެ ތެރޭގައި ޓީވީ ބަތަލާއިން ކަމަށްވާ ޝުބާންގީ އަތުރޭ އާއި ޗާހަތު ކަންނާ އާއި ޝަގޫން ޕާންޑޭ އާއި އާލިޝާ ޕަންވަރާއި ޖޭސްމިން ބާސިނާއި ޓީވީ އެކްޓަރު/ހޯސްޓް ކަރަން ކުންދުރާ އާއި އަދި ޒާން ޚާން ފަދަ ސެލެބްރިޓީން ހިމެނެ އެވެ. ބައެއް މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ސެލެބްރިޓީންގެ އިތުރަށް، އާންމުންގެ ތެރެއިން ވެސް ބަޔަކަށް "ބިގް ބޮސް 14" އިން ފުރުސަތު ދޭނެ އެވެ. މި ފޯމެޓަށް ޝޯގެ ދެ ސީޒަނެއް ކުރިން ވެސް ގެނެސްދީފައި ފަހުން ވަނީ ހަމައެކަނި ސެލެބްރިޓީންނަށް ހާއްސަކޮށްފަ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު "ބިގް ބޮސް 13" ނިންމައިލީ ޓީވީ އެކްޓަރު ސިދާތު ޝުކްލާ ޝޯ ކާމިޔާބުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޓްރީނާ
15 June 2020
ބިގްބޮސް ހޯސްޓު ކުރާކަށް ސަލްމާން ފިޓެއް ނޫން. މާ ރުޅިގަދަ
ޝްރަދާ ކަޕޫރު
21 June 2020
ސަލްމާނަ ޚާން ހާ ކޫލް މީހަކު ނުހުންނާނެ މުޅި ބޮލީވުޑް ހޯދިޔަސް