22 އެޕްރީލް 2020 - 08:35
ކަލާޒް އިން ގެނެސްދޭ، ސަލްމާން ޚާން ހޯސްޓްކުރާ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ގެނެސްދޭނީ ޖަންގަލީގެ ތީމަކަށް ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
"ބިގް ބޮސް" އަކީ ކޮންމެ އަހަރަކު ވެސް ބައިވެރިން ބައިތިއްބާ ގެ ތަފާތު ތީމްތަކަކަށް ގެނެސްދޭ ޝޯއެކެވެ. އެގޮތުން ކުރިއަށް އޮތް ސީޒަނުގައި ގެ ހުންނާނީ ބައިވެރިންނަށް ޖަންގެއްޔެއްގެ ތެރޭގައި އުޅެވޭކަމުގެ އިހުސާސްކުރެވޭ ގޮތަށް ފަރުމާކޮށްފައި ކަމަށްވެ އެވެ.
މީގެ އިތުރުން 14 ވަނަ ސީޒަނުން ފެންނާނެ އަނެއް ތަފާތަކީ ކުރިން ވެސް ޝޯ އިން ފެނުނު ބޮޑު އެއް ބަދަލުކަމަށްވާ ސެލެބްރިޓީންނާ އެކު، އާންމުންގެ ތެރެއިން ކޮލިފައިވާ ބަޔަކަށް ފުރުސަތު ދިނުމެވެ. އާންމުންގެ ތެރެއިން ބަޔަކަށް ފުރުސަތު ދީގެން "ބިގް ބޮސް" އެންމެ ފުރަތަމަ ގެނެސްދިނީ 2016 ގައި ގެނެސްދިން 10 ވަނަ ސީޒަނެވެ.
އެ ފަހަރު ޝޯ ކާމިޔާބުކުރީ ދަނޑުވެރިއެއް ކަމަށްވާ މަންވީރް ގުއްޖަރެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ފޯމެޓް ވަނީ ބަދަލުކޮށްފަ އެވެ.
ބައެއް ނޫސްތަކުން ބުނިގޮތުގައި "ބިގް ބޮސް" ގެ 14 ވަނަ ސީޒަންގެ އޮޑިޝަން އަންނަ މަހުގެ ތެރޭގައި ފަށަން ރާވަމުން އަންނަ އިރު، ޝޯއިން މި ފަހަރު ފުރުސަތު ދޭނީ 4-5 ސެލެބްރިޓީއަކަށެވެ.
އެގޮތުން ޝޯ އިން މި ފަހަރު ފެންނާނެ ކަމަށް ބެލެވޭ ބައެއް ސެލެބްރިޓީންގެ ނަންތައް ވެސް އަންނަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި މަދުމަދުން ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކާއި އެކި ކަހަލަ ޝޯތަކުގެ ހޯސްޓެއްގެ ގޮތުގައި ވެސް ފެންނަ ކަރަން ކުންދުރާ އާއި ސިލްސިލާ "އިޝްގް މޭ މަރުޖާވާ" ގެ ބަތަލާ އާލިއާ ޕަންވަރް އަދި "ދިލް ސޭ ދިލް ތަކް" އާއި "ނާގިން 4" ފަދަ ސިލްސިލާތައް ކުޅުނު ޖޭސްމިން ބާސިން ހިމެނެ އެވެ.
"ބިގް ބޮސް" ކޮންމެ އަހަރަކު ވެސް ގެނެސްދޭން ފަށަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވާތީ މި އަހަރު ވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޯ ގެނެސްދެވޭތޯ ކަލާޒުން ވަނީ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ހާލަތަށް ރިއާޔަތްކުރަން ޖެހޭތީ އެ ދުވަސްވަރު ޝޯ ފެށުމާ ދޭތެރޭ ވަނީ ސުވާލުތަކެއް ވެސް އުފެދިފަ އެވެ.
"ބިގް ބޮސް" އަކީ ބައިވެރިންތަކެއް ގެއެއްގެ ތެރޭގައި ތިން މަހެއްހާ ދުވަހު ބައިތިއްބައިގެން ގެނެސްދޭ ޝޯއެކެވެ.
މި ޝޯގެ 13 ވަނަ ސީޒަން ފެބްރުއަރީ މަހު ނިންމައިލީ ސިދާތު ޝުކްލާ ކާމިޔާބުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy