އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 20 ވަނަ ސީޒަން ފަށައި، އެ ޝޯގައި ބައިވެރިވާ 16 ބައިވެރިންގެ ފުރިހަމަ ލިސްޓު އިއްޔެ އާންމުކޮށްފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ހުށަހަޅައިދޭ އެ ޝޯގެ މި ސީޒަނުގެ ތީމަކީ "ތަތާސްތު" އެވެ. އެ ތީމުގެ މާނައަކީ ޝޯގެ ބައިވެރިންނަށް ބިގް ބޮސްގެ ގޭގައި ތިބުމަށް އެއް ފުރުސަތަށް ވުރެ ގިނަ ފުރުސަތު ލިބޭނެ އެވެ.
މި ސީޒަނުގައި ބައިވެރިވާ އެންމެ ފާހަގަކޮށްލެވޭ އެއް ބައިވެރިޔަކީ މަޝްހޫރު އެކްޓަރު އަދި ސިޔާސީ މީހާއެއް ކަމަށްވާ މަނޯޖު ތިވާރީގެ ދަރިފުޅު އަދި ލަވަކިޔުންތެރިޔާ ރީތީ ތިވާރީ އެވެ. މަނޯޖު މީގެ ކުރިން ބިގް ބޮސް ސީޒަން ހަތަރެއްގައި ބައިވެރިވެފައިވާއިރު، މިފަހަރު އޭނާ ފެނުނީ ދަރިފުޅު ޝޯއަށް ވަންނައިރު ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ މެހުމާނެއްގެ ގޮތުގަ އެވެ.
އިންޑިއާގެ މަޝްހޫރު ބޮކްސިން ޗެމްޕިއަން މޭރީ ކޮމް ވެސް ވަނީ މި ސީޒަނުގައި ބައިވެރިވެފަ އެވެ. މޭރީ ކޮމްއަކީ ވޯލްޑް ބޮކްސިން ޗެމްޕިއަންޝިޕް ހަ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ، އަދި 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބްރޯންޒް މެޑަލް ހޯދާފައިވާ ކުޅިވަރު ތަރިއެކެވެ.
މީގެ އިތުރުން ޓީވީ އަދި ފިލްމީ ދާއިރާގެ މަޝްހޫރު އެތައް ތަރިންނެއް މި ޝޯގައި ފެންނާނެ އެވެ.
ޓީވީ ތަރިން ތެރޭގައި "ލާގީ ތުޖުސޭ ލަގަން" އިން މަޝްހޫރުވި ޓީވީ އެކްޓްރެސް މަހީ ވިޖު، ޕަންޖާބީ ފިލްމުތައް ކުޅެފައިވާ އެކްޓްރެސް އިޝާ ރިކީ، ޓީވީ އެކްޓްރެސް ކަނިކާ މަން، ބޯޖުޕޫރީ ފިލްމީ ތަރި އާމްރަޕާލީ ދުބޭ އަދި "ޕަންޗާޔަތު" ސީރީޒުން ފެނުނު އެކްޓަރު އާސިފް ޚާން ވެސް ހިމެނެ އެވެ.
މިއުޒިކާއި ސޯޝަލް މީޑިއާ އިން މަޝްހޫރުކަން ހޯދާފައިވާ މީހުންގެ ތެރޭގައި 2005 ވަނަ އަހަރުގެ "ފޭމް ގުރުކުލް" ކާމިޔާބުކުރި ލަވަކިޔުންތެރިޔާ ގާޒީ ތައުގީރު، ރެޕާ ހަރްޝް މަކާރޭ، "ގުއްލޫ"ގެ ނަމުން މަޝްހޫރު ކުޝާލް ތަންވާރު އަދި ގޭމިން ދާއިރާގެ މަޝްހޫރު އިންފްލުއެންސަރު ތަންމާއި ސިންގް (ސްކައުޓް) ވެސް މި ސީޒަނުގައި ފެންނާނެ އެވެ.
އެކްޓަރު އަަމަން ގާންދީ އާއި މޮޑެލް އަދި އިންފްލުއެންސަރު އުދިތީ ސިންގު، އަރިޝްފާ ޚާން، ލަވް ގިލް (ލަވްޕްރީތު)، ރޮހެދު ޚާން އަދި "ފޭންސް ކާ ފައިސަލާ" ވޯޓުން ހޮވުނު ރިއާ އަހީރު ވެސް މިފަހަރުގެ ބިގް ބޮސްގައި ބައިވެރިވެ އެވެ.
"ބިގް ބޮސް 20"ގެ ފުރަތަމަ އެޕިސޯޑު ނެރުނީ އިއްޔެ އެވެ.