މެލްބަން އިންޑިއާ ފިލްމު ފެސްޓިވަލް ފަސްކޮށްފި

އިންޑިއާގެ ފިލްމުތަކަށް ހާއްސަކޮށްގެން އޮސްޓްރޭލިއާގައި ބާއްވަމުން އަންނަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަމް (އައިއެފްއެފްއެމް) ގެ މި އަހަރުގެ އެޑިޝަން ބޭއްވުން ފަސްކޮށްފި އެވެ.


ކުރިން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބާއްވަން ތާވަލުކުރި ފެސްޓިވަލް ކޮވިޑް-19އާ ހެދި ފަސްކޮށް މިހާރު ބާއްވަން ނިންމާފައި ވަނީ އޮކްޓޯބަރު 30 އިން ނޮވެމްބަރު 7 އަށެވެ. މިކަން އައިއެފްއެފްއެމުން ވަނީ ޓްވިޓާގައި ވެސް ކަށަވަރުކޮށް ދީފަ އެވެ.

އޮސްޓްރޭލިއާގައި އިންޑިއާގެ ފިލްމުތަކަށް ހާއްސަކޮށްގެން ބާއްވާ ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް އެ ގައުމުގެ މަޝްހޫރު އެތައް ތަރިންނެއް ޖަމާވާ ފެސްޓިވަލެކެވެ. އޮސްޓްރޭލިއާ އަކީ އިންޑިއާގެ ފިލްމުތަކުގެ ނުފޫޒު ވަރަށް ބޮޑު، ހާއްސަކޮށް ހިންދީ ފިލްމުތަކަށް ވަރަށް ބޮޑު މާކެޓެއް ވެސް އޮންނަ ގައުމެކެވެ.

އަދި އޮސްޓްރޭލިއާ އަކީ އިންޑިއާގެ ފިލްމުތައް ވަރަށް ގިނައިން ޝޫޓްކުރާ ގައުމެކެވެ.

އައިއެފްއެފްއެމްގެ ފެސްޓިވަލް ޑިރެކްޓަރު މިޓޫ ބޯމިކް ލަންގޭ ވިދާޅުވީ މި އަހަރުގެ ފެސްޓިވަލް ފަސްކުރަން ޖެހުނަސް، ކުރީ އަހަރުތަކަށް ވުރެ ފެސްޓިވަލްގެ ފޯރި އާއި ޖޯޝް ވެސް ކުޑަ ނުވާނެ ކަމަށެވެ. އަދި ވަރަށް ފުރިހަމަ ފެސްޓިވަލެއް މި އަހަރު ވެސް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ކްރިއޭޓިވް އިންޑަސްޓްރީ މިނިސްޓަރު މާޓިން ފޯލީ ވިދާޅުވީ ކޮވިޑް-19އާ އެކު ސޯޝަލް ޑިސްޓެންސިން އަކީ މަޖުބޫރު ކަމަކަށް ވިޔަސް، އޭގެ މާނަ އަކީ "ސޯޝަލް ޑިސްކަނެކްޝަނެއް" ގެ ތެރޭގައި ތިބެން ޖެހުމެއް ނޫނެވެ.

"އެހެންވެ އަހަރެން ވަރަށް ހިތްވަރުދެން އައިއެފްއެފްއެމުން ފެސްޓިވަލް ބާއްވަން ކުރާ މަސައްކަތާއި އެ މީހުންގެ ފަރާތުން ފެންނަ ރޫހަށް ވެސް." މިނިސްޓަރު ވިދާޅުވި އެވެ. "މި ފެސްޓިވަލަކީ އޮސްޓްރޭލިއާ އަށް އަންނަ އީދެއް ކަހަލަ ކަމެއް."

އައިއެފްއެފްއެމަކީ 2012 އިން ފެށިގެން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. މި އިވެންޓް އިންތިޒާމުކުރަނީ ވިކްޓޯރިއާގެ ސަރުކާރުންނެވެ.