އަކްޝޭ އާއި ސޯނޫ އަށް އިންޑިއާގެ އެންމެ މަތީ ޝަރަފު ދޭން ގޮވާލަނީ

ކޮވިޑް-19އާ ހެދި ކުރިމަތިވި ދަތި ހާލުގައި އެކި ގޮތްގޮތުން ގިނަ ބަޔަކަށް އެހީވަމުން އަންނަ ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި ސޯނޫ ސޫދަށް، އިންޑިއާގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ކަމަށްވާ ބާރަތު ރަތުނާ އެވޯޑް ދޭން ގޮވާލައި، ސޯޝަލް މީޑިއާގައި ކެމްޕޭންކުރަން ފަށައިފި އެވެ.


ވަރަށް ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި އަކްޝޭ އާއި ސޯނޫ އަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ނަމޫނާ ދެ ފަންނާނުންނެވެ. އަދި އެ މީހުންނަކީ ހަމައެކަނި ސްކްރީނުންގައި ހީރޯ އިން ނޫން ކަމަށާއި އެއީ ހަގީގީ ބަތަލުންގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ކޮވިޑްގެ ތެރޭގައި އަކްޝޭ ވަނީ މާލީ ގޮތުން އެތައް އެހީއެއް ދީފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް ކެއާޒް" ގެ އިތުރުން ވެސް އެތައް ޖަމިއްޔާއަކަށް މާލީ އެހީ ދީފައިވެ އެވެ. އޭގެ އިތުރުން އެކި ފަރާތްތަކަށް ޕީޕީއީ ވެސް ހަދިޔާކޮށްފައިވެ އެވެ.

ސޯނޫ އާންމުންގެ ލޯބި ހޯދީ ލޮކްޑައުން އިއުލާންކުރުމާ ގުޅިގެން އިންޑިއާގެ އެކި ސްޓޭޓްތަކުގައި ތާށިވެފައި ތިބި އެތައް ހާސް ބަޔަކު އެ މީހުންގެ އަމިއްލަ ވަޒަނަށް ފޮނުވައިދޭން އޭނާގެ ޖީބުން ކުރަން ފެށި ހޭދަތަކާ އެކީގަ އެވެ. އެގޮތުން އެތައް ބަޔަކު އަމިއްލަ ވަޒަނަށް ދާން އޭނާ ވަނީ ބަހުގެ ދަތުރުތައް ހަމަޖައްސައިދީފަ އެވެ.

އަކްޝޭ އާއި ސޯނޫ އަށް ބާރަތު ރަތުނާ އެވޯޑް ހައްގުވާ ކަމަށާއި އެ މީހުންގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ބާރަތު ރަތުނާ އަކީ އިންޑިއާގެ ހިދުމަތްތެރިންނަށް ސަރުކާރުން ދޭ އެންމެ މަތީ ސިވިލިއަން އެވޯޑެވެ. އެވޯޑް ދޭން ފެށީ 1954 ގަ އެވެ. އަދި މިހާތަނަށް އެކި ދާއިރާތަކުން 48 ޝަހުސިއްޔަތަކަށް އެ އެވޯޑް އަރުވާފައިވެ އެވެ.

ބާރަތު ރަތުނާ ލިބިފައިވާ ގިނަ މީހުންނަކީ ސިޔާސީ ޝަހުސިއްޔަތުންނެވެ. ނަމަވެސް ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރާއި ކްރިކެޓް ތަރި ސަޗިން ޓެންޑުލްކަރަކީ އެ އެވޯޑް ހާސިލުކޮށްފައިވާ ޝަހުސިއްޔަތުންނެވެ.

އަކްޝޭ، 52 އަކީ އިންޑިއާ ސަރުކާރުގެ ހަތަރު ވަނަ އަށް އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕަދްމާ ޝްރީ އެވޯޑް 2009 ގައި ލިބިފައިވާ ތަރިއެކެވެ.