ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ޑާކް ރެއިން އެންޓަޓައިންމަންޓުން ޖުމަލް "ބޭރުކޮށްލައިފި"

ފިލްމީ ތަރި ޖުމައްޔިލް ނިމާލް (ޖުމަލް) ގެ މައްޗަށް ކުރާ ޖިންސީ ތުހުމަތާ ގުޅިގެން އޭނާއާ އެކު ޑާކް ރެއިން އެންޓަޓައިންމަންޓުން ކުރިއަށް ގެންދަން ނިންމާފައި ހުރި ޕްރޮޖެކްޓްތަކުން ޒުވާން އެކްޓަރު ވަކިކޮށްފި އެވެ.


އެ ސްޓޫޑިއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ އަބަދު ވެސް ޖިންސީ ގޯނާއާ ދެކޮޅު ތަނެއް ކަމަށާއި އެފަދަ ތުހުމަތުތަކެއް އެޅިފައިވާ ބަޔަކާ އެކު މަސައްކަތްނުކުރާނެ ކަމަށެވެ. އެހެންވެ ޖުމަލްއާ އެކު ކުރިއަށް ގެންދަން ހުރި މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާ ކަމަށް ބުންޏެވެ.

"އެފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެހާ ފަރާތްތަކާ އެކު މި ކުންފުނިން އަބަދު ވެސް ވާކަން ފާހަގަކުރަމެވެ." ޑާކް ރެއިނުން ބުންޏެވެ.

އެ ސްޓޫޑިއޯގެ ޕްރޮޖެކްޓްތަކުން ޖުމަލް ވަކިކުރި އިރު، މިހާރު ވެސް އޭނާއާ އެކު ގެނެސްދޭން ނިންމާފައި އޮތް ދެ ފިލްމެއް އެބައޮތެވެ. އެއީ ކުރިން މި މަހުގެ 1 ގައި އަޅުވަން ނިންމާފައި ވަނިކޮށް، ކޮވިޑް-19އާ ހެދި އަންނަ އަހަރަށް ފަސްކޮށްފައިވާ ލޯބީގެ ފިލްމު "ނޮވެމްބާ" އާއި ޝޫޓިން ފަށާފައި އޮތް ބިރުވެރި ފިލްމު "ބަޅިނދު" އެވެ.

ބައްޕަ އަދި މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަހުމަދު ނިމާލް 2014 ގައި ގެނެސްދިން ފިލްމު "އަނިޔާ" އިން ފިލްމީ ދާއިރާ އަށް ނުކުތް ޖުމަލް އަކީ ޑާކް ރެއިންގެ ފެވަރިޓެވެ. އެ ސްޓޫޑިއޯ އިން މި ފަހުން ގެނެސްދިން ހުރިހާ ފިލްމުތަކެއްގެ އެންމެ މުހިއްމު ތަރިއަކީ އޭނަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ގެނެސްދިން "މާމުއި" އާއި "ގޮށްރާޅު" އާއި 2018 ގެ "ވަކިން ލޯބިން" އާއި 2017 ގެ "މީ ލޯތްބަކީ" އާއި 2016 ގެ "ވާށޭ މަށާއެކީ" އާއި 2015 ގެ "އެންމެ ފަހު ވިންދާ ޖެހެންދެން" ހިމެނެ އެވެ.

ޖުމަލް އާންމުންގެ ތެރޭގައި މަގުބޫލު ތަރިއަކަށް ހަދައިދިނުމެ ފަހަތުގައި އޮތީ ޑާކް ރެއިނެވެ. އެކަމަކު އޭނާގެ މައްޗަށް ކުރެވޭނީ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން އެ ސްޓޫޑިއޯ އިން އޭނާ ދޫކޮށްލުންވެގެންދާނީ ޖުމަލްގެ ކެރިއަރުގެ "ހަލާކުވުން" ކަހަލަ ކަމަކަށެވެ.

ކުރިން މި މަހު އަޅުވަން ރޭވި "ނޮވެމްބާ" ގެ ޕޯސްޓަރެއް.

އޭނާގެ މައްޗަށް އެންމެ ފުރަތަމަ 2016 ގެ ތެރޭގައި ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ އަލުން ހޫނުވެފައިވާ އިރު، ޖުމަލްގެ އަތުގައި ސްޓޫޑިއޯތަކުގެ ފިލްމުތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު "ބަވަތި" ގެނެސްދިން އައި ފިލްމްސްގެ "ނީނާ" އާއި މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" ހިމެނެ އެވެ.

މި ދެ ފިލްމަކީ ވެސް މަސައްކަތް ނިމި އަދި މި އަހަރު އަޅުވަން ކުރިން ޕްލޭންކޮށްފައި ހުރި ފިލްމުތަކެކެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި މި ވަގުތު އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު އެކްޓަރުންގެ ލިސްޓްގެ އެންމެ ކުރީގައި އުޅޭ ޖުމަލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރަނީ އޭނާއާ ދެބެއިންގެ ދެދަރި އަންހެނެކެވެ.

މި މައްސަލަ ފެންމަތިވެފައިވާ އޮންނަތާ ދުވަސްތަކެއްވެފައިވާ އިރު މައްސަލަ ހުއްޓިފައި އޮތީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް (ޕީޖީ) އާ ހަމައިންނެވެ. ނަމަވެސް މިހާރުގެ ޕީޖީ ހުސައިން ޝަމީމު ވަނީ ޖުމަލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރާ އަންހެން މީހާ އަށް އިންސާފު ހޯދައި ދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.