"ސަޅަކް 2" ގެ ޕޯސްޓަރު ދީނީ މައްސަލައަކަށްވެ ދައުވާކޮށްފި

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ ފިލްމު "ސަޅަކް 2" ގެ ޕޯސްޓަރުގެ މައްސަލާގައި ބަޓް އާއިލާ އަށް ދައުވާކޮށްފި އެވެ.


އުއްތަރު ޕްރަދޭޝްގެ ސިކަންދަރުޕޫރަށް ނިސްބަތްވާ އަޗާރިއާ ޗަންދުރާ ކިޝޯރު ޕަރްޝާރު ކިޔާ މީހަކު ޕޯސްޓަރުގެ މައްސަލާގައި ދައުވާކުރަން ނިންމީ އޭގައި ހިންދޫ ދީނުގެ ހާއްސަ މަގާމެއް ދީފައިވާ އަދި އެ ދީނުގެ މީހުންގެ ހާއްސަ ރަމްޒެއްގެ ގޮތުގައި ދެކޭ މައުންޓް ކައިލާޝް ޕޯސްޓަރުގައި ހިމަނާފައިވާތީ އެވެ

ޕޯސްޓަރުގައި ފިލްމު ނަން ދޭހަވާ ގޮތަށް މަގެއް ދައްކާއިރު، މަގުގެ އެއްފަރާތުން މައުންޓް ކައިލާޝް ފެންނަން ހުރެ އެވެ. މި މައްސަލާގައި ކިޝޯރު ބުނީ ޕޯސްޓަރުގައި ކައިލާޝް ދެއްކުމަކީ ހިންދޫ ދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ.

އެހެންވެ މި މައްސަލާގައި ވަނީ ދައުވާކުރަނީ ފިލްމުގެ ޑައިރެކްޓަރު މަހޭޝް ބަޓާއި އޭނާގެ ދަރިފުޅު އަދި ބަތަލާ އާލިއާ ބަޓާއި "ސަޅަކް 2" ގެ ޕްރޮޑިއުސަރު އަދި މަހޭޝްގެ ކޮއްކޮ މުކޭޝް ބަޓްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ކޯޓަށް ހުށަހެޅި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މި މައްސަލައިގެ އަޑުއެހުމެއް އުއްތަރު ޕްރަދޭޝްގެ ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓްގައި އަންނަ ބުދަ ދުވަހަށް މިހާރު ވަނީ ތާވަލު ވެސްކޮށްފަ އެވެ. ކައިލާޝްގެ ފަރާތުން މި މައްސަލާގައި ވަކާލާތުކުރަނީ ސޯނޫ ކުމާރު ކިޔާ މީހެކެވެ.

"ސަޅަކް 2" އަކީ 22 އަހަރު ފަހުން މަހޭޝް އެނބުރި ޑައިރެކްޝަނަށް އައި ފިލްމެވެ. އަދި މި ފިލްމަކީ 1991 ގައި އޭނާގެ ދަރިފުޅު ޕޫޖާ ބަޓާއި ސަންޖޭ ދަތާ އެކު އޭނާ ގެނެސްދިން "ސަޅަކް" ގެ ސީކްއެލްއެކެވެ. "ސަޅަކް 2" ގައި ވެސް އެ ދެ ތަރިން ހިމެނެ އެވެ. އަދި ފިލްމުގެ ކާސްޓްގައި އަދިތިޔާ ރޯއި ކަޕޫރް ވެސް ހިމެނެ އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ފިލްމު ޕްރިމިއާކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.