"ކޫލީ ނަމްބަރު 1" އަންނަ އަހަރަށް ފަސްކޮށްފި؟

ވަރުން ދަވަން އާއި ސާރާ އަލީ ޚާންގެ ފިލްމު "ކޫލީ ނަމްބަރު 1" އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ ފިލްމު ކުރިން ސިނަމާތަކަށް ގެންނަން އޮތީ މިދިޔަ މެއި މަހުގެ 1 ގަ އެވެ. އެކަމަކު އިންޑިއާގެ ސިނަމާތައް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ބަންދުކޮށްފައިވާތީ ފިލްމު އެޅުވޭނެ ގޮތެއް ނެތި، ތާރީހެއް ނެތް ގޮތަށް ފަސްކުރީ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި "ކޫލީ ނަމްބަރު 1" ގެ ޓީމުން މިހާރު ވަނީ އަންނަ އަހަރަށް ފިލްމު ފަސްކޮށްފަ އެވެ. އެގޮތުން ފިލްމު ސިނަމާތަކުގައި އަޅުވާނެ ކަމަށް މިހާރު ބެލެވެނީ އަންނަ ޖެނުއަރީ މަހުގެ 1 ގަ އެވެ.

އެ ތާރީހަކީ ކުރިން ވަރުން ކުޅެން ހަމަޖެހިފައި އޮތް ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ "މިސްޓަ ލޭލޭ" ރިލީޒްކުރަން ތާވަލުކުރި ތާރީހެވެ. ނަމަވެސް ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ އެ ފިލްމުގެ މަސައްކަތް ވަނީ ބައެއް ސަބަބުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.

"ކޫލީ ނަމްބަރު 1" އަންނަ އަހަރަށް ފަސްކުރި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަން ޑޭވިޑާއި ފިލްމުގެ ޕްރޮޑަކްޝަން ހައުސް، ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން އަދި ކަށަވަރެއްނުކޮށްދެ އެވެ.

ޑޭވިޑް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ޑިޖިޓަލްކޮށް ފިލްމު ޕްރިމިއާކުރަން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް އެގޮތަށް ފިލްމު ރިލީޒްކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ. މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުނިގޮތުގައި އޭނާގެ އޯޑިއަންސް އޮންނާނީ ސިނަމާތަކުގައި ކަމަށްވާތީ، އެ ނޫން ގޮތަކަށް ފިލްމު ރިލީޒެއްނުކުރާނެ އެވެ.

"ކޫލީ ނަމްބަރު 1" އަކީ ޑޭވިޑްގެ 45 ވަނަ ފިލްމެވެ. އަދި މި ފިލްމަކީ ދަރިފުޅު ވަރުންއާ އެކު އޭނާ ގެނެސްދޭ ތިން ވަނަ ފިލްމެވެ. ދެބޭން އެކީގައި އެންމެ ފުރަތަމަ ގެނެސްދިނީ 2014 ގެ "މޭ ތޭރާ ހީރޯ" އެވެ. އޭގެ ފަހުން 2018 ގެ "ޖުޅުވާ 2" އެވެ.

"ކޫލީ ނަމްބަރު 1" އަކީ ހަމަ އެ ނަމުގައި ޑޭވިޑް 1992 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސްދިން ފިލްމުގެ ރިމެކެކެވެ.

ކޮވިޑާ ހެދި އިންޑިއާގެ ސިނަމާތައް ބަންދުކުރަން ޖެހުމުން ބޮލީވުޑްގެ މި އަހަރުގެ ފިލްމީ ކަލަންޑަރު އެއްކޮށް ވަނީ ހަރާބުވެފަ އެވެ. ރިޕޯތައް ބުނާގޮތުން އަލުން ސިނަމާތައް ހުޅުވާނެ ކަމަށް ބެލެވެނީ ނޮބެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެންމެ އަވަހަށް ސިނަމާތަކުގައި އަޅުވާނެ ކަމަށް ބެލެވެނީ ދިވާލީގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އެވެ.