09 ޖުލައި 2020 - 08:12
މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ފިލްމުތަކުން ދިން ފުރުސަތުތައް ދޫކޮށްލީ އޭނާ އަމިއްލަ އަށް ކަމަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެވެ.
ޒުވާން އެކްޓަރުގެ މަރާ ގުޅިގެން މުމްބާއީގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މިދިޔަ ހޯމަ ދުވަހު ބަންސާލީ ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާގެ ތިން ފިލްމަކުން ސުޝާންތަށް ފުރުސަތު ދިން ކަމަށެވެ. އެ ތިން ފިލްމަކީ 2013 ގެ "ރާމް-ލީލާ" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2018 ގެ "ޕަދުމާވަތު" އެވެ.
އެ ތިން ފިލްމަކީ ރަންވީރު ސިންގް އަދި ދީޕިކާ ޕަދްކޯންއާ އެކު ބަންސާލީ އެންމެ ފަހުން ގެނެސްދިން ފިލްމުތަކެވެ.
އޭނާ ބުނި ގޮތުގައި ސުޝާންތަށް ތިން ފިލްމުން ވެސް ދިން ފުރުސަތު ދޫކޮށްލީ އަމިއްލައަށެވެ. އެއްވެސް ޕްރޮޖެކްޓަކަށް އެއްބަސްކުރުވާފައި އަތުލާފައި ނޯންނާނެ ކަމަށް ބުންޏެވެ. ބަންސާލީ ބުނި ގޮތުގައި އޭނާގެ ފިލްމުތައް ސުޝާންތު ދޫކޮށްލީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ އެކު ފިލްމުތަކެއްގެ އެއްބަސްވުންތަކެއް ހަދާފައި އޮތުމުން އެ ޕްރޮޖެކްޓްތަކަށް އިސްކަންދޭން ޖެހޭތީ، ވަގުތު ދޭން ދަތިވެގެންނެވެ.
ސުޝާންތާ އެކު އެ ސްޓޫޑިއޯ އިން ތިން ފިލްމެއްގެ ޑީލް ހެދި އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ 2013 ގައި ގެނެސްދިން "ޝުދު ދޭސީ ރޮމޭންސް" އެވެ. ދެވަނަ ފިލްމަކީ 2015 ގެ "ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" އެވެ. އަދި ތިން ވަނަ ފިލްމަކަށް ދޭން އުޅުނީ 2016 ގައި ގެނެސްދިން "ބޭފިކްރޭ" އެވެ. އެކަމަކު އެ ފިލްމު ގެނެސްދެނީ ރަންވީރާ އެކީގަ އެވެ.
"ބޭފިކްރޭ" އިން ޖާގަ ނުލިބުނު ނަމަވެސް ވައިއާރްއެފްގެ އެހެން ފިލްމަކަށް ސުޝާންތު ތައްޔާރުވި އެވެ. އެއީ ޝޭކަޕް ކަޕޫރް ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި "ޕާނީ" އެވެ. އެކަމަކު ފަހުން އެ ސްޓޫޑިއޯ އިން އެ ޕްރޮޖެކްޓުން ވަކިވި ހިސާބުން އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ. އެހެންވެ ވައިއާރްއެފާ އެކު ހެދި ތިން ފިލްމުގެ ޑީލްގެ ދަށުން ސުޝާންތާ އެކު ގެނެސްދެވުނީ ދެ ފިލްމެވެ.
އޭނާގެ މަރާ ގުޅިގެން ފުލުހުން ސުވާލުކުރި މީހުންގެ ތެރޭގައި އެ ސްޓޫޑިއޯގެ ވެރިއަކު ވެސް ހިމެނެ އެވެ. އަދި އެއްބަސްވުމުގެ ލިޔެކިޔުންތައް ވެސް ފުލުހުންނާ ހިއްސާކޮށްފައިވެ އެވެ.
ބަންސާލީ ބުނިގޮތުގައި އޭނާގެ ފިލްމުތަކެއް ސުޝާންތަށް ހުށަހެޅި ނަމަވެސް އެ ދެ މީހުންގެ މެދުގައި އެއްވެސް އިރަކު މާ ގާތް ރައްޓެހިކަމެއް ނެތެވެ. އަދި 2016 ގެ ފަހުން ސުޝާންތާ ދިމާވެސް ނުވާ ކަމަށާއި ވާހަކަ ވެސް ދެކެވިފައި ނުވާ ކަމަށް ބުންޏެވެ.
އަދި މިދިޔަ މަހުގެ 14 ވަނަ ދުވަހު އޭނާ ދަން ޖެހިގެން މަރުވި އިރު، އެކަމުގައި ޑިޕްރެޝަން ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށް ބުނާތީ އެކަމާ ބެހޭ ގޮތުން އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް ބަންސާލީ ދިން ބަޔާނުގައި ބުނެފައިވެ އެވެ.
އެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް 29 މީހެއްގެ ބަޔާން ނަގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
09 July 2020
ސުޝާންތް މަރުވީ އަމިއްލައަށް. ދުނިޔޭގައި އުޅޭ އިރު އަވަށްޓެރިންނާ ރަހްމަތްތެރިންނާ އެކުގައި މަސައްކަތް ކުރާމީހުންގެ ފަރާތުން ހިތްހަމަނުޖެހޭ ކަންތައް ދިމާވުމަކީ ދަންޖެހި މަރުވާންޖެހޭކަމެއްނޫން. އަދި ދަންޖެހުމުން އެމީސްމީހުން ޒިންމާ އުފުލާކަށް ނުޖެހޭނެ.
ޙިމާރުލް ވަތަން
22 July 2020
ބޮލީވުޑް އަދި ހޮލީވުޑްގައިވެސް އަމިއްލައަށް މަރުވޭ. މަޝްހޫރު މުއްސަނދި އެކްޓަރުން މަރުވެފައި އެބަހުރި. އެއީ ފިލްމު އިންޑަސްޓްރީ ތަކުގައި ހިނގާ ކަމެއް. އޭގެ ތެރޭގައި އޮތްހަމަ ނުޖެހޭކަން ހާމަވޭ. ސިކުނޑިއަށް ކޮންޓްރޯލް ނުވާކަން ހާމަވޭ. އަދި ފަހަރުގަ ބަޔަކު ރާވައިގެން މަރާލީކަމަށްވެސް ވެދާނެ. ކޮންމެ ހެނެއްވިޔަސް މަރުވުމަކީ ފިނޑީ އަމަލެއް
މާމޮޅު
09 July 2020
ސުޝާންތުއަށް ވުރެ ރަންވީރު ސިންގް ގެ އެކްޓިންގް މާ މޮޅު. ބަންސާލީގެ ހީރޯއަކަށް ރަންވީރު ހަމަ ބެސްޓް
ދިލް ދެކެ ދޭކޯ
09 July 2020
ރޭޕް ކޮށް މަރާލާ މީހުންގެ މައްސަލަ ނުބަލާ ވަރަށް އަމިއްލަ އަށް މަރުވީ މީހެއްގެ މައްސަލަ އެބަ ބަލައެވެ.