28 ޖުލައި 2020 - 09:01
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ލޯބިވެރިޔާ ކަމިލަ މޮރޯން ވަރަށް އަވަހަށް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރުވެއްޖެ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ދެ ތަރިން ވަނީ ކައިވެންޏާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނައި، ގުޅުން އާ މަރުހަލާއަކަށް ގެންދަން މިހާރު އެއްބަސްވެފަ އެވެ. އެހެންވެ ދެން މާ ލަސްތަކެއް ނުވެ ލިއޮނާޑޯގެ ކައިވެނި ފެނިދާނެ ކަމަށް ނޫސްތަކުން ބުންޏެވެ.
ބައެއް ނޫސްތަކުން ބުނިގޮތުގައި އެ ދެ މީހުންގެ ގުޅުމާ ދޭތެރޭ ދެ މީހުންގެ އާއިލާ އިން ވެސް ވަރަށް ރުހޭ އިރު، ލިއޮނާޑޮ އާއި ކަމިލާ ވަނީ ދާދި ފަހުން އެންގޭޖް ވެސް ވެފަ އެވެ.
ބްލޮކްޓޯރޯ އިން ބުނިގޮތުގައި ކަމިލަ ގާތުން އިންނަން އެހުމުގެ ކުރިން ލިއޮނާޑޯ ވަނީ ލޯބިވެރިޔާގެ ބައްޕައާ ވެސް ބައްދަލުކޮށް ރުހުން ހޯދައިފަ އެވެ. އަދި އެ ދެ މީހުން ކައިވެނިކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެގޮތުން އެޕްރީލްގައި ބާއްވާ އަންނަ އަހަރުގެ 93 ވަނަ އޮސްކާ އެވޯޑްސްގެ ކުރިން ކައިވެނިކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.
މޮޑެލްއެއްގެ އިތުރުން ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރާ ކަމިލަ އަކީ "ޓައިޓޭނިކް" އިން ވިދައިލި ލިއޮނާޑޯ އަށް ވުރެ 22 އަހަރު ހަގު އަންހެނެކެވެ. އޭނާގެ އުމުރަކީ މިހާރު 23 އަހަރެވެ. ލިއޮނާޑޯ އަށް 45 އަހަރެވެ.
އުމުރުގެ ފަރަގާ ގުޅޭ ގޮތުން މިދިޔަ އަހަރު ފާޑުކިޔުންތަކެއް އަމާޒުވުމުން ކަމިލަ ރައްދު ވެސް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯގޯނި
28 July 2020
އުމުރު ތަފާތު ވިޔަސް އިންޖިކުސަން ޖެހީމަ އޯކޭވާނެ
ޔާމީނު
28 July 2020
ތީނަ ވިހާފައިވަނީ ޓައިޓޭނިކް ނެރުނު އަހަރުގަތާ.
ައަފުރާސިޔާބު
28 July 2020
އޭނާގެ އަހަރު ނޭގުނަސް މުސްކުޅިވެއްޖެކަން އެނގެނީ. އެކަމަކު ޒުވާން ކަނބަލުން ބޮޑަށް މިބަލަނީ މީހާގެ މަޝްހޫރުކަމަށް. މުޅިންވެސް ފައިސާއަށް ހުރިހާކަމެއް ގޮސް ހުސްވެއްޖެ.