އިންޑިއާގެ ސިނަމާތައް އަންނަ މަހު ހުޅުވުމުގެ ފުރުސަތު ބޮޑު

ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް އިންޑިއާގެ ސިނަމާތައް ކޮވިޑް-19އާ ހެދި ބަންދުކޮށްފައިވާތާ ފަސް ވަރަކަށް މަސް ފަހުން އަންނަ މަހުގެ ތެރޭގައި އަލުން ހުޅުވުުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި މާޗް މަހުގެ ފަހުކޮޅު އިއުލާންކުރި ލޮކްޑައުން އަށް އިންޑިއާ އިން ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދެމުން އަންނަ އިރު އަންލޮކް 3 ގެ ދަށުން ސިނަމާތަކާއި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަ ދޭނެ އެވެ. އެކަމަކު އެއީ ހާއްސަ ފިޔަވަޅުތަކަކާ އެކީގަ އެވެ. އަދި ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދެނީ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން ފިލްމީ ދާއިރާގެ މީހުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.

އަންނަ މަހުގެ ތެރޭގައި ސިނަމާތައް އަލުން ހުޅުވުމުގެ ފުރުސަތު ބޮޑަސް ސިނަމާތައް ހުޅުވާނެ ދުވަހެއް އަދި ކަށަވަރެއްނުވެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ އަންނަ މަހުގެ 1 އިން ފެށިގެން ހުޅުވަން ހުއްދަ ދީފާނެ ކަމަށާއި އެކަން ވަރަށް އަވަހަށް ސަރުކާރުން އިއުލާންކުރާނެ ކަމަށެވެ.

އެންޑީޓީވީން ބުނި ގޮތުގައި އަންނަ މަހުގެ ތެރޭގައި ސިނަމާތައް ހުޅުވަން ހުއްދަ ދޭ އިރު، އަމަލުކުރާނެ އާ އުސޫލުތަކެއް ހުންނާނެ އެވެ. އޭގެ ތެރޭގައި ސިނަމާތަކުގައި ފިލްމުތައް ދައްކާ އިރު، ހޯލްތަކުގެ އޮކިއުޕަންސީ 25-30 ޕަސަންޓަށް ވުރެ އިތުރު ނުކުރުމާއި ސިނަމާތަކަށް ވަންނަ މީހުންގެ ފިނިހޫނުމިން ބެލުމާއި މާސްކް އެޅުމާއި އޮންލައިންކޮޑް ޓިކެޓް ވިއްކުމާއި ކެންޓީން ވިޔަފާރި އަށް ވެސް ބޮޑު ބަދަލެއް ގެނައުން ހިމެނެ އެވެ.

ސިނަމާތައް އަލުން ހުޅުވުމުގެ އިޝާރާތެއް ލިބިފައިވާތީ އިންޑިއާގައި އެންމެ ފުޅާކޮށް ސިނަމާތައް ހިންގާ އެއް ކުންފުނި ކަމަށްވާ ޕީވީއާރް ސިނެމާސްގެ ސީއީއޯ ގޯތަމް ދައްތާ ބުނީ މިއީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. އޭނާ ބުނީ އޮގަސްޓް މަހު ހުއްދަ ދޭ ނަމަ އަމާޒަކަށްވާނީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ޕީވީއާރްގެ ހުރިހާ ސިނަމާއެއް ވެސް ކުރިއެކޭ އެއްގޮތަށް އޮޕަރޭޝަނަށް ގެނައުމެވެ.

ކޮވިޑާ ހެދި މި އަހަރު އިންޑިއާގެ ފިލްމީ ކަލަންޑަރު އެއްކޮށް ހަރާބުވެފައިވާ އިރު، ގިނަ ފިލްމުތަކެއް މިހާރު ވެސް ވަނީ އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުން ޕްރިމިއާކުރަން ނިންމައިފަ އެވެ. އަދި ބައެއް ފިލްމުތައް ވަނީ ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން ފަސްކޮށްފަ އެވެ.

ސިނަމާތައް އަލުން ހުޅުވާ އިރު، ބޮލީވުޑުން އެންމެ ފުރަތަމަ އަޅުވާނެ ކަމަށް ބެލެވޭ ފިލްމުތަކަކީ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި ރަންވީރު ސިންގްގެ "83" އެވެ.