"ނާގިން 5" ގެ ކާސްޓަށް ހީނާ އާއި މޯހިތު

ހީނާއާ އެކު މިހާރު ވަނީ "ނާގިން 5" ގެ ޕްރޮމޯއެއް ވެސް ދައްކާލާފައި

ކަލާޒް ޗެނެލްގެ ސިލްސިލާ "ނާގިން 5" ވަރަށް އަވަހަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭގެ ކާސްޓުން ހީނާ ޚާނާއި މޯހިތު މަލްއުތުރާ ވެސް ފެންނާކަން ކަށަވަރުވެއްޖެ އެވެ.


ޕްރޮޑިއުސަރު އެކްތާ ކަޕޫރް 2015 އިން ފެށިގެން ގެނެސްދެމުން އަންނަ ސުޕަނެޗްރަލް ސިލްސިލާގެ އާ ސީޒަނުގެ މައި ބަތަލަކީ މި ފަހަރު ދީރަޖް ދޫޕަރެވެ. އޭނާއާ އެކު "ނާގިން 5" އިން ހީނާ އާއި މޯހިތު ވެސް ފެނިގެންދާ އިރު، ސިލްސިލާގެ ޝޫޓިން ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް ފަށައިފަ އެވެ. އަދި އާ ސީޒަންގެ ޕްރޮމޯއެއް ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ. އޭގައި ބުނެފައި ވަނީ ވަރަށް އަވަހަށް ފަސް ވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.

ކަލާޒުން މިހާރު ގެނެސްދެނީ "ނާގިން 4" ގެ ފިނާލާ އެޕިސޯޑްތަކެވެ. އެހެންވެ ދެން މާ ލަހެއް ނުވެ، އެ ސީޒަން ނިމުމަކަށް އަންނާނެ އެވެ.

"ނާގިން 5" އަށް ހީނާ އާއި މޯހިތު ސޮއިކުރި އިރު، އެ ދެ ތަރިން ވަނީ އެކީގައި ފީޗާ ފިލްމެއްގެ މަސައްކަތް ވެސް ކޮށްފަ އެވެ. އެއީ ވިކްރަމް ބަޓް ޑައިރެކްޓްކޮށް މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ހެކްޑް" އެވެ. މޯހިތު ބުނީ އަނެއްކާ ވެސް އަލުން ހީނާއާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެ މީހުންގެ މެދުގައި މިހާރު ވަރަށް ގާތް އެކުވެރިކަމެއް ވެސް އޮންނަ ކަމަށެވެ.

"އަދި ނާގިންގައި ހިއްސާވާން ފުރުސަތު ލިބުމަކީ ޝަރަފެއް ވެސް މެ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެކްތާ އަށް މި ފުރުސަތު ދިން ކަމަށްޓަކައި." އެކްތާ ގެނެސްދިން "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ރޯލެއް ވެސް ކުޅުނު މޯހިތު ބުންޏެވެ.

"ނާގިން 5" ވެގެންދާނީ އެކްތާ ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ކޮމަލިކާގެ ރޯލް ދޫކޮށްލުމަށް ފަހު، ހީނާ އެނބުރި އަނެއްކާ ވެސް ޓީވީ ސިލްސިލާއަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.

"ކަސޯޓީ" ދޫކޮށްލުމަށް ފަހު "ހެކްޑް" ގެ އިތުރުން ހީނާ ވަނީ ވެބް ސީރީޒްތަކެއް ވެސް ކުޅެފަ އެވެ.