"ކައުޝި" ޝޫޓްކުރީ 2017 ވަނަ އަހަރު ލަންކާގައި.
11 އޯގަސްޓް 2020 - 21:51
ރާއްޖޭގެ މަޝްހޫރު އެކްޓަރު އަލީ ސީޒަން އަވަށްޓެރި ސްރީ ލަންކާގެ ތަރިންނާ އެކު ހަދާފައިވާ ސިންގަޅަ ފިލްމު "ކައުޝި" ނިންމަން އަމާޒު ހިފައިފި އެވެ.
މީގެ ތިން އަހަރު ކުރިން އެ ގައުމުގައި ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އިބްރާހިމް ނިފާރު (ތިއްތި) ގެ ވާހަކައަކަށް ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމެކެވެ.
ލަންކާގެ ބޮޑު ކާސްޓެއް ފެނިގެންދާ "ކައުޝީ" ކެމެރާކޮށްފައި ވަނީ އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.
ފިލްމާ ބެހޭ ގޮތުން ސީޒަން ބުނީ ބާކީ ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް މިހާރު މާލެ އާއި ލަންކާގައި ކުރިއަށްދާ ކަމަށެވެ. ޑަބިންގެ މަސައްކަތް ލަންކާގައި ކުރިއަށްދާ އިރު "ކައުޝި" ގެ ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ހަދަނީ ރާއްޖޭގެ މަޝްހޫރު ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކުންނެވެ. އެތަނަކީ މިދިޔަ އަހަރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެނެސްދިން "ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" ގެ ވީއެފްއެކްސް ވެސް ހެދި ސްޓޫޑިއޯ އެވެ.
"ކައުޝި" ގެ ވީއެފްއެކްސްގެ ތެރެއިން.
"މުޅި ފިލްމުގެ މަސައްކަތުން އޮކްޓޯބަރުގެ ތެރޭގައި އަތްދޫކޮށްލެވޭނެ ކަމަށް މި ބަލަނީ. ޑަބިން ވެސް މި މަހުގެ ފަނަރަ ހިސާބުގައި ނިމޭނެ. އެއާ އެކު ދެން ބެކް މިއުޒިކްގެ މަސައްކަތް ފަށާނަން،" މިދިޔަ އަހަރު ލަންކާގެ ތަރިންތަކެއް ހިމަނައިގެން "ސޯލް" ގެ ނަމުގައި ކުރު ފިލްމެއް ވެސް ގެނެސްދިން ސީޒަން ބުންޏެވެ.
އޭނާ ބުނީ "ކައުޝި" ނުނިންމި ލަސްވީ ކުރިން ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިތުރު ބަޔަކު ހިއްސާ ވިޔަސް މިހާރު މުޅި ޕްރޮޖެކްޓަކީ އަމިއްލަ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަން އެއްޗަކަށް ބަދަލުކުރަން ކުރަން ޖެހުމުން ކުރަން ޖެހުނު ކަންކަމަށް ވަގުތު ނެގުމުން ކަމަށެވެ.
"މިހާރު މިއީ ސީދާ އެސް ޕްރޮޑަކްޝަންގެ އެއްޗެއް." ސީޒަން ބުންޏެވެ.
އޭނާ ބުނީ "ކައުޝި" ނިންމައިލުމަށް ފަހު، ލަންކާގެ ޑިސްޓްރިބިއުޓަރުންތަކަކަށް ފިލްމު ވިއްކައިލަން ނިންމާފައިވާ ކަމަށެވެ.
"ދެތިން ފަރާތަކާ މިހާރު ވެސް ނެގޯޝިއޭޓް ކުރެވިފައި އޮތީ. އެހެންވީމާ ފިލްމު އެއްކޮށް ނިންމާފައި އެކޮޅަށް ގޮސް އެ މީހުންނަށް ފިލްމު ދައްކާފައި އެންމެ ރަނގަޅު އޮފާއެއް ދޭ ބަޔަކަށް ފިލްމު ދޫކޮށްލާނީ." ސިންގަޅަ ބަހުން އަލުން ޑައިރެކްޓްކުރި ފިލްމާ ބެހޭ ގޮތުން ސީޒަން ބުންޏެވެ.
އޭނާ ބުނީ "ކައުޝި" ގައި މަސައްކަތުގައި ދިވެހިންތަކެއް ހިއްސާވާތީ ދިވެހި ބަހުން ޑަބްކޮށްގެން ފިލްމު ދިވެހި އޯޑިއަންސަށް ގެނެސްދިނުގެ ވިސްނުން އެބަހުރި ކަމަށެވެ. އެކަމަކު އެކަމާ މުޅިން ގޮތެއް ނިންމާނީ ލަންކާގެ ޑީލަށް ފަހު ކަމަށް ބުންޏެވެ.
"ގިނަ ބަޔަކު ބައިވެރިކޮށްގެން ކުރެވިފައި އޮތް ބޮޑު މަސައްކަތެއް މިއީ. އަހަރެން ވަރަށް ހިތްހަމަޖެހޭ ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ،" ސީޒަން ބުންޏެވެ. "މުޅިން އެހެން ގައުމެއްގެ ބަޔަކު ގޮވައިގެން އެ މީހުންގެ ބަހުން ފިލްމެއް ހެދުމަކީ ފަސޭހަކަމެއް ވެސް ނޫން. އެކަމަކު މިކަހަލަ އިންޓަނެޝަނަލް ޕްރޮޖެކްޓްތަކަށް އަބަދު ވެސް ޝައުގުވެރިކަން ހުންނާތީ ކުރެވުނު މަސައްތަކެއް މިއީ."
"ކައުޝި" ނިންމުމުގެ މަސައްކަތްކުރަމުން އަންނަ އިރު ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމު "ލޯބިވެވިއްޖެ" ވެސް އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ. ސީޒަން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މާޗްގައި އެޅުވި "އަނދިރިކަން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
12 August 2020
ރަގަޅު ދިވެހި ފިލުމެއް ނުހެދޭބައެއް ކޮން ސިންގަޅަ ފިލުމެއް ހެދޭނި
ޝިފްނާ
11 August 2020
ސީޒަން ޖެކްސަންގެ ފިލްމެއްވިއްޔާ ޖެހޭނީ ކޮންމެހެންވެސް ބަަލަން.
ރާޖަޕަކްސަ
11 August 2020
ޔަގީން
އަންޑާޕޫލްމާ
11 August 2020
ދެން ސީޒަން ހަދާންވީ އަމީތާބާ ދަރޭއާ ސަތަރޭލައިގެން ބޮލީވުޑު ފިލްމެއް މާލޭގާ އަޅުވާގޮތަށް.
ކަސަބު
12 August 2020
ބަރާބަރު