ފިލްމް "ކައުޝި" ގެ ޝޫޓިންގެ ތެރެއިން.
19 ފެބުރުއަރީ 2017 - 06:15
ރާއްޖޭގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓް ކުރާ ސިންގަޅަ ފިލްމް "ކައުޝި" ގެ ޝޫޓިން ނިންމާލައި، ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފަށައިފި އެވެ.
ކާސްޓުންނަށް މުޅިން ވެސް ސްރީ ލަންކާގެ އެކްޓަރުން ބޭނުންކޮށްގެން ހަދާ މި ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މި ފިލްމަކީ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އިބްރީހީމް ނިފާރު (ތިއްތި) ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.
ސީޒަން ބުނީ ޝޫޓިން ފެށިތާ 24 ދުވަހުގެ ތެރޭގައި "ކައުޝި" ގެ ޝޫޓިން ނިންމާލީ، ހުކުރު ދުވަހު ކަމަށެވެ. މީގެ މަންޒަރުތައް ނަގާފައި ވަނީ ކޮލޮމްބޯ އާއި އެ ސިޓީއާ ކައިރި ބައެއް ލޮކޭޝަންތަކުގަ އެވެ.
"މިއީ އަހަރެންގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކޮށްލެވުނު އެންމެ ސަޅި އެއް އެކްޕީރިއަންސް. ޗެލެންޖެސްއާ އެކު ވެސް ފިލްމް ރޭވި ގޮތަށް ނިންމައި ލެވުނީމަ ވަރަށް ހިތްހަމަޖެހިފައި މިހިރީ،" ލަންކާގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ސީޒަން ބުންޏެވެ.
އޭނާ ބުނީ "ކައުޝި" ގެ މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ދައްޗަކަށްވީ ފިލްމުގެ ލީޑް ރޯލަށް، އާ އެކްޓަރުންތަކެއް ލައިގެން، ސިންގަޅަ ބަހުން ފިލްމް ހެދުން ކަމަށެވެ.
ފިލްމް "ކައުޝި" ޓީމްގެ ބައެއް މެމްބަރުންނާ އެކު ސީޒަން.
"އެކަމަކު ހަމަ އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ދިޔައީ،" އަހްޝަމް އާއި ވަފާތެރި ކެހިވެރިޔާ ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ސީޒަން ބުންޏެވެ. "މީގެން ފެނިގެން ދާނެ އާ އެކްޓަރުންނާ އެކު ލަންކާގެ މަޝްހޫރު ބައެއް ތަރިން ވެސް."
ރާއްޖޭން ބޭރުގައި ސީޒަން ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް "ކައުޝި" ގެ ކެމެރާކޮށްފައި ވަނީ މުހައްމަދު ޝިވާޒް (މާސްކޭ) އެވެ. ފިލްމް އެޑިޓް ކުރަނީ އަލީ މުސްތޮފާ (ސެމީ) އެވެ.
ދެ ލަވަ ހިމެނޭ ފިލްމުގެ ބެކް މިއުޒިކާއި ފިލްމުގެ ލަވަތައް ހަދަނީ ތިއްތި އެވެ.
ފިލްމް "ކައުޝި" ގެ ޓީމާ އެކު ސީޒަން ސެލްފީއެއް ނަގަނީ.
"ފިލްމުގެ އެއް ލަވަ އެބަ ވިސްނަން ރާއްޖޭގައި ޝޫޓް ކުރަން ވެސް،" ސީޒަން ބުންޏެވެ.
ރާއްޖެ އާއި ލަންކާގެ ޓީމެއް ގުޅިގެން ހެދި "ކައުޝި" ރިލީޒް ކުރާނެ ދުވަހެއް އަދި ނުނިންމަ އެވެ. އަދި މި ފިލްމް ރާއްޖޭގައި ރިލީޒް ކުރާނެ ކަމެއް ވެސް އަދި ނޭނގެ އެވެ.
"މީގެ ޑިސްޓްރިބިއުޝަން ރައިޓްސް ވިއްކާލަން ލަންކާގެ ދެ ޑިސްޓްބިއުޓަރަކާ މިހާރު ވެސް ވާހަކަ ދެކެވެމުން އެބަދޭ. އެހެންވީމާ ފިލްމުގެ މާކެޓް ކުރާނެ ގޮތަކާ ދޭތެރޭ އަދި މުޅިއަކުން ވަކި ގޮތެއް ހަމައެއް ނުޖެހޭ،" ސީޒަން ބުންޏެވެ. "އޭގެ ޑިސްކަޝަންތައް ކުރިއަށް އެބަދޭ."
Today we completed the movie Kaushi. it's the biggest success of my long 30y in film industry. Thank you all
— SeaxanAli (@seaxanali) February 17, 2017
ސީޒަންގެ ޓްވީޓެއް.
އޭނާ އަދި ބުނީ "ކައުޝި" އަކީ ލަންކާގައި އަދި ވަރަށް އާ ޖޯންރާއެއްގެ ގޮތުގައި އޮތް ބިރުވެރި ފިލްމްތަކަށް، ބޮޑު ބަދަލެއް ވެސް ގެންނާނެ ފިލްމެއް ކަމަށެވެ.
"ކައުޝި" އަކީ ފިލްމުގެ ޓައިޓްލް ރޯލް ކުޅޭ ބަތަލާގެ ނަމެވެ.
"މީގެ ސްޓޯރީއަށް ބަލާ އިރު، ރާއްޖޭގައި މި ހަދާ ބިރުވެރި ލޯބީގެ ފިލްމުތަކާ އެއްކަހަލަ ގޮތެއް ހުންނާނެ. އެކަމަކު ލަންކާގައި މި ސްޓައިލް އަދި ވަރަށް އާ. އެހެންވީމާ ބަދަލަކަށް ވާނެ،" ލަންކާގައި ފިލްމް މޭކިން ކޯހެއް ވެސް ހަދަމުން އަންނަ ސީޒަން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން އަޙްމަދު
19 February 2017
މަ ހީކުރީ ދެކުނު އަތޮޅެއްގަ ކާއްޓަށް ކިޔާ ނަމޭ މިއޮތީ ކިޔާފަ
ކޫލް
19 February 2017
ފިލްމު ބަލާފަ މޮޔަ ނުވިއްޔާ ރަގަނޅު. ހީ ހީ ހަލާކު.
އުދުހޭ
19 February 2017
ޑައިރެކްޓްކުރާއިރު ކަރަން ޖޯހަރާ ވައްތަރުވާންބާ ސީޒަން ބޮލުގެ ދެފަޅި ނުރަކޮށްފަ އެހެރީ؟ ލޮލް