ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާ ދައްކާލައިފި

އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާ ދައްކާލައިފި އެވެ.


މި އަހަރުގެ ކުރީކޮޅު. ގދ. ތިނަދު އާއި ސްރީ ލަންކާގައި މަންޒަރުތައް ނެގި މި ފިލްމަކީ މި އަހަރު ސިނަމާ އަށް ގެންނަން ސީޒަން މަސައްކަތް ފެށި ފިލްމެކެވެ.

ނަމަވެސް ކޮވިޑް-19 ގައި ކުރިމަތިވި ލޮކްޑައުންއާ ހެދި އޮލިމްޕަސް ސިނަމާ ވެސް ބަންދުކޮށް، އަލުން ހުޅުވާނެ އިރެއް ވެސް ނޭނގޭތީ ފިލްމު އެޅުވުމާ ދޭތެރޭ އެއްވެސް އެއްޗެއް މި ވަގުތު ބުނަން ނޭނގޭ ކަމަށް ސީޒަން ބުންޏެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ "ލޯބިވެވިއްޖެ" އިން ފެންނާނެ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އާއި އިރުފާނާ އިބްރާހީމާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނިމާލާއި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ހިމެނެ އެވެ.

ސީޒަން ބުނީ ފިލްމުގެ 99 ޕަސެންޓް ޝޫޓްކޮށް ނިމި، ފިލްމު މިހާރު އޮތީ އެޑިޓިން މަރުހަލާގައި ކަމަށެވެ.

"އެކަމަކު ތިނަދޫގައި ކުރިން ނެގި ލަވައެއްގެ ތަންކޮޅެއް އަލުން ރިޝޫޓްކުރުމާއި މާލޭގައި ނަގަން ޖެހޭ ދެތިން މަންޒަރެއް އެބައިން،" އޭނާ ބުންޏެވެ. "އެކަމަކު ދަތުރުފަތުރުކުރުން ވެސް ވަރަށް ދަތިކޮށް އޮތުމާ އެކު، މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިފައި އަދި މި ތިބެނީ."

ސީޒަން ބުނިގޮތުގައި "ލޯބިވެވިއްޖެ" އެޅުވޭނެ ދުވަހެއް މި ވަގުތު ބުނަން ނޭނގުނަސް ނިއު ނޯމަލްގެ ދަށުން އޮލިމްޕަސް ސިނަމާ ވެސް ވަރަށް އަވަހަށް ހުޅުވާނެކަމުގެ އުންމީދު ބޮޑެވެ.

"އަހަރެމެން ބަރޯސާވާން އޮތްހާ ވެސް ތަނަކީ އެއީ. އެހެންވީމަ ނިއު ނޯމަލްގެ ދަށުން ސިނަމާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ވެސް ވީހާ އަވަހަކަށް ސަރުކާރުން އިއުލާންކުރުމަކީ މުޅި އިންޑަސްޓްރީ ބޭނުންވެފައި އޮތް ކަމެއް،" އޭނާ ބުންޏެވެ. "ފިލްމު އެސޯސިއޭޝަނުން ވެސް މިކަމުގައި މަސައްކަތްތަކެއް އެބަކުރޭ. އެހެންވީމަ ވަރަށް އަވަހަށް ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް އުންމީދުކޮށްގެން އަހަރެމެން މި ތިބެނީ."

"މިއީ އަހަރެމެން ކާންބޯން ކުރާ މަސައްކަތްވީމަ މިކަމާއިގެން ކުރިއަށް ދެވޭނެ ގޮތްތަކެއް ވީހާ ވެސް އަވަހަކަށް ސަރުކާރުން ފަހިކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެއް،"

ސީޒަން ބުނި ގޮތުގައި ފިލްމު އެޅުވޭނެ ގޮތެއް ނެތި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ތިބެން ޖެހުމަކީ ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

"މިއީ އަހަރެމެން ކާންބޯން ކުރާ މަސައްކަތްވީމަ މިކަމާއިގެން ކުރިއަށް ދެވޭނެ ގޮތްތަކެއް ވީހާ ވެސް އަވަހަކަށް ސަރުކާރުން ފަހިކޮށް ދިނުމަކީ ވަރަށް މުހިއްމު ކަމެއް." އޭނާ ބުންޏެވެ.

ކޮވިޑް-19 ފެތުރޭތީ އޮލިމްޕަސް ބަންދުކުރީ ވެސް ސީޒަންގެ ފިލްމެއް އަޅުވާފައި އޮއްވަ އެވެ. އެއީ މާޗް 4 ގައި ޕްރިމިއާކުރި "އަނދިރިކަން" އެވެ. އެ ފިލްމު ދެއްކުން ހުއްޓާލަން ޖެހުނީ އެ ފިލްމުގެ ހަތަރު ވަރަކަށް ޝޯ ދެއްކި ފަހުންނެވެ.

"އެހެންވެ އެ ފިލްމު ވެސް އަލުން ބެލުންތެރިންނަށް ގެނެސްދޭން އެބަޖެހޭ. އެކަމަކު އެކަން ވެސް ވާނީ އޮލިމްޕަސް ސިނަމާ ހުޅުވި، ފިލްމުތައް ދައްކަން މަގުފަހިކޮށް ދިނީމަ،" ސީޒަން ބުންޏެވެ. "އަހަރެމެން މި ތިބީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ އުސޫލުތަލާ އެއްގޮތަށް ކުރިއަށް ދާން ތައްޔާރަށް."

"އަނދިރިކަން" އަކީ މި އަހަރުގެ މިހާތަނަށް ދިވެހި ސިނަމާ އަށް އައި ހަމައެކަނި ފިލްމު ވެސްމެ އެވެ. އެ ފިލްމަކީ ވެސް ސީޒަން ބަތަލުގެ ރޯލް ކުޅެފައިވާ ފިލްމެކެވެ. ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "އަނދިރިކަން" ގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.

އޮލިމްޕަސް އަލުން ހުޅުވޭނެ އިރެއްގެ އިންތިޒާރުގައި ސީޒަން ހުރި އިރު، އޭނާ ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ކުޅެފައިވާ ޑްރާމާ ސިލްސިލާ "ފުރަބަންދު" އަންނަ ހުކުރު ދުވަހުގެ ރޭ އައިސް ޓީވީން ދައްކަން ފަށާނެ އެވެ.