"ކިކް 2" ގައި ސަލްމާން ޚާނާ އެކު ޖެކްލިން ފެނަންޑޭޒްކަން ޔަގީންވެއްޖެ

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޑައިރެކްޝަނަށް ނުކުތް ސަލްމާން ޚާންގެ 2014 ގެ ފިލްމު "ކިކް" ގެ ދެވަނަ ބައިގެ ބަތަލާ އަކީ ވެސް ޖެކްލިންކަން ކަށަވަރުކޮށް ދިނުމަށް ފަހު ފިލްމު އިއުލާންކޮށްފި އެވެ.


ސާޖިދު ފިލްމުގެ ކުންފުނި ނަދިއަދްވާލާ ގްރޭންޑްސަން އިން މިކަން އިއުލާންކޮށްފައި ވަނީ އަންގާރަ ދުވަހު ފާހަގަކުރި ޖެކްލިންގެ 35 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. "ކިކް 2" އިއުލާންކޮށް ކުރި ޓްވީޓްގައި ބުނީ ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އޭގެ ޝޫޓިން ފަށާނެ ކަމަށެވެ.

"ކިކް" އާ އެއްގޮތަށް "ކިކް 2" ގެ ބަތަލާ އަކީ ވެސް ޖެކްލިންކަން ކަށަވަރުކޮށް ދީފައި މި ވަނީ އެހެން ބަތަލާއިންތަކަކަށް ފިލްމު ހުށަހެޅި ކަމަށް ބުނާ ވާހަކަތަކެއް ވެސް ވަރަށް ގަދައަށް މިދިޔަ އަހަރުގެ ތެރޭގައި ދެކެވިފައި ވަނިކޮށެވެ.

އެގޮތުން ދީޕިކާ ޕަދްކޯން އާއި ކްރިތީ ސެނަން އަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ކިކް" އަކީ ސަލްމާނާއި ސްރީ ލަންކާ އަށް އުފަން ޖެކްލިންގެ ޖޯޑު އެކީގައި ސްކްރީނަށް ގެނައި ފުރަތަމަ ފިލްމެވެ. އޭގެ ފަހުން ދެ ތަރިން ވަނީ 2018 ގެ "ރޭސް 3" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ލޮކްޑައުންގެ ތެރޭގައި ސަލްމާން ފާމްހައުސްގައި ހުރެގެން ނެރުނު ދެ ވީޑިއޯ ލަވައިގެ ތެރެއިން "ތެރެ ބިނާ" އަކީ ވެސް ސަލްމާނާއި ޖެކްލިން އެކީގައި ފެނިގެން ދިޔަ ލަވައެކެވެ. އެ ލަވަ އަކީ ސަލްމާން ކިޔައި، ޑައިރެކްޓް ވެސް ކުރި ލަވައެކެވެ.

"ކިކް 2" އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

ސަލްމާންގެ އަތުގައި މިހާރު ވެސް ސާޖިދުގެ އެހެން ފިލްމެއް އެބައޮތެވެ. އެއިީ ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ނިންމާފައިވާ "ކަބީ އީދު، ކަބީ ދިވާލީ" އެވެ. އޭގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ.