16 އޯގަސްޓް 2020 - 07:23
ބަތަލާ ކަރީނާ ކަޕޫރު ފިލްމެއް ކުޅޭ އަގު މިހާރު 10 ކްރޯޑް ރުޕީސް އަށް ބޮޑުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމުފެއާ އިން ބުނިގޮތުގައި 2018 އިން ފެށިގެން 7 ކްރޯޑް ރުޕީސް (935,144.98 ޑޮލަރު) އަށް ވުރެ ކުޑަ ނޫން އަގަކަށް ނޫނީ ފިލްމު ނުކުޅޭ ބަތަލާ ކުރިއަށް އޮތް ތަނުގައި 10 ކްރޯޑް ރުޕީސް (1.4 މިލިއަން ޑޮލަރު) އަށް ވުރެ ކުޑަ އަގަކަށް ފިލްމެއް ނުކުޅޭނެ އެވެ.
މިހާރު ދެވަނަ ދަރިއަކައަށް ބަލިވެއިން ކަރީނާ، 39، އަކީ ބޮލީވުޑްގެ އެންމެ އަގު ބޮޑު ބަތަލާއިންގެ ތެރެއިން އެކަކެވެ. އެކަމަކު އަދިވެސް އޭނާ އުޅެނީ ކަންގަނާ ރަނާވަތާއި ދީޕިކާ ޕަދްކޯން އަށް ވުރެ ފަހަތުގަ އެވެ. ކަންގަނާ މިހާރު 11 ކްރޯޑް ރުޕީސް (1.5 މިލިއަން ޑޮލަރު) އަށް ވުރެ ދަށް އަގަކަށް ފިލްމަކަށް އެއްބަހެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދީޕިކާ ދާދި ފަހުން ޕްރަބާސްއާ އެކު ކުޅެން ސޮއިކުރި ފިލްމަށް އެއްބަސްވީ 20 ކްރޯޑް ރުޕީސް (2.7 މިލިއަން ޑޮލަރު) އަށެވެ.
ކަރީނާ ފިލްމު ކުޅޭ އަގު މައްޗަށް ޖައްސައިލި އިރު، މީގެ ކުރިން މި މައްސަލާގައި އޭނާ އަށް ފިލްމުތަކެއް ގެއްލިފައި ވެސް އެބަހުއްޓެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2003 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ކަލް ހޯ ނަހޯ" އެވެ. ކަރީނާގެ މިހާރުގެ ފިރިމީހާ ސައިފް އަލީ ޚާނާއި ޝާހްރުކް ޚާން ބަތަލުންގެ ރޯލް ކުޅުނު އެ ފިލްމަށް ކަރީނާ ކީ އަގުބޮޑުވެގެން ކަރަންއާ އެކު އެއްބަސްވުމަކަށް ނާދެވެމުން އެ ފިލްމު ކުޅުވީ ޕްރިތީ ޒިންތާ ލައްވަ އެވެ.
ކަރީނާ އެންމެ ފަހުން ފެނިފައި ވަނީ މާޗް މަހު ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އިންނެވެ. އޭނާގެ ކުރި ފިލްމުތަކުގެ ތެރޭގައި "ލާލް ސިންގް ޗައްޑާ" އާއި "ތަޚުތު" ހިމެނެ އެވެ.
ބޮލީވުޑްގެ އާމްދަނީގެ ފަރަގަށް ބަލާ އިރު، ބަތަލުންނަކީ ބަތަލާއިންނާ އަޅާބަލާ އިރު ވަރަށް ބޮޑު އަގެއް ލިބޭ ބައެކެވެ. އަދި މި މައްސަލާގައި ވަކާލާތުކުރުން މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރު ވެސް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy