18 އޯގަސްޓް 2020 - 06:46
ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ލީޑް ބަތަލާ އެރިކާ ފެނަންޑޭޒް ވެސް އެއިން ވަކިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްތާ ކަޕޫރްގެ ބާލާޖީން ގެނެސްދޭ ސިލްސިލާގައި ޕްރޭނާގެ ރޯލް ކުޅޭ ބަތަލާ ޝޯއިން ވަކިވާން އުޅޭ ކަމަށް އަޑުއަރާފައި މި ވަނީ "ކަސޯޓީ" ގެ ލީޑް އެކްޓަރު ޕާތު ސަމްތާނާއި ސަޕޯޓިން ކާސްޓްގައި ހިމެނޭ ސާހިލް އާނަންދު ވެސް ވަކިވާން ނިންމައި އެކަން ބާލާޖީ އަށް އަންގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އަނޫރާގް ބާސޫގެ ރޯލް ކުޅޭ ޕާތު ސިލްސިލާ އިން ވަކިވާން ނިންމީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ.
އެރިކާ "ކަސޯޓީ" އިން ވަކިވާން އުޅޭ ކަމަށް އަޑުފެތުރުނު ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. އަދި މިކަމާ ބެހޭ ގޮތުން އޭގެ ޓީމުން ވެސް އެއްޗެއް ނުބުނެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެރިކާ ސިލްސިލާ ދޫކޮށްލާތީ އޭނާގެ ބަދަލުގައި ދެން ޕްރޭނާގެ ރޯލް ކުޅޭނީ ދިވްޔަންކާ ތުރިޕަތީ އެވެ. އޭނާ އަކީ އެކްތާ މިދިޔަ އަހަރު ނިންމައިލި ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ އެވެ.
ދިވްޔާ ވަނީ އިންސްޓަގްރާމްގައި އޭނާ "ކަސޯޓީ" އާ ގުޅެން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އިންސްޓަގްރާމް ސްޓޯރީގައި ދިވްޔަންކާ ބުނީ ހަމަ އެއީ ރޫމާޒްއެއް ކަމަށެވެ.
ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕްރޭނާގެ ރޯލް ވަނީ އާޝާ ނެގީ އަށް ވެސް ހުށަހަޅައިފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެކްތާގެ ބާލާޖީގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބަލާޖީން ގެނެސްދިން ވެބް ސީރީޒް "ބާރިޝް" ގެ ދެވަނަ ސީޒަނުންނެވެ.
ދެހާސް އަށާރައިގައި ދައްކަން ފެށި "ކަސޯޓީ" އަށް ކުރިން ވެސް ވަނީ ކާސްޓުންނަށް ބަދަލުތަކެއް ގެނައުމުގެ އުނދަގޫ މަސައްކަތް ތަޖުރިބާކުރަން ޖެހިފަ އެވެ.
އެގޮތުން ކޮމޮލިކާގެ ރޯލް ހީނާ ޚާން ދޫކޮށްލުމުން އާމްނާ ޝަރީފް (ކަޝިޝް) ގެނައުމާއި ބަޖާޖްގެ ރޯލް ކަރަން ސިންގް ގްރޯވާ ދޫކޮށްލުމުން ކަރަން ޕަޓޭލް ގެންނަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy