ސްޓާ ޕްލަސް އިން ދައްކާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ލީޑް ބަތަލު ޕާތު ސަމްތާން އެ ސިލްސިލާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމި ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ސިލްސިލާގައި އަނޫރާގް ބާސޫގެ ރޯލް ކުޅޭ ޕާތު ސިލްސިލާ ދޫކޮށްލަން ނިންމީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ. ދާދި ފަހުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ވެސް ދިނެވެ. މީޑިއާތަކުން ބުނީ ބަލިން ރަނގަޅުވެގެން އަލުން ޝޫޓިންތަކަށް ޕާތު ނުކުމެފައިވާ އިރު، "ކަސޯޓީ" އިން ވަކިވާން ނިންމައި އެކަމުގެ ލިޔުން ވެސް މިހާރު އެކްތާގެ ބާލާޖީ ޓެލެ ފިލްމްސް އަށް ހުށަހަޅާފައިވާ ކަމަށެވެ.

މީޑިއާތަކުން ބުނިގޮތުގައި ޕާތުގެ އިތުރުން ސިލްސިލާގައި އޭނާގެ ޅިޔަނެއްގެ ރޯލް ކުޅޭ ސާހިލް އާނަންދު ވެސް ވަނީ ވަކިވާން ނިންމައި އެކަން ޕްރޮޑަކްޝަން ހައުސް އަށް އަންގައިފަ އެވެ. "ސްޓޫޑަންޓް އޮފް ދި އިޔާ" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ސާހިލް "ކަސޯޓީ" ގައި ފެންނަނީ އަނޫޕަމް ސެންގުޕްތާ ކިޔާ ކެރެކްޓާއަކުންނެވެ.

މި ސިލްސިލާގެ މުހިއްމު ދެ ތަރިއަކު އެ ދޫކޮށްލުން ވެގެންދާނީ އެކްތާގެ އަށް އަނެއްކާ ވެސް ކުރިމަތިވާ ބޮލުގެ ރިހުމަކަށެވެ. ކުރިން ވެސް "ކަސޯޓީ" އިން ދެ ތަރިއަކު ވަކިވެފައިވެ އެވެ. އެއީ ކުރިން ކޮމޮލިކާގެ ރޯލް ކުޅުނު ހީނާ ޚާނާއި ބަޖާޖްގެ ރޯލް ކުޅުނު ކަރަން ސިންގް ގްރޯވާ އެވެ.

މިހާރު ކޮމޮލިކާގެ ރޯލް ކުޅެނީ އާމްނާ ޝަރީފް (ކަޝިޝް) އެވެ. ބަޖާޖްގެ ރޯލް ކުޅެނީ ކަރަން ޕަޓޭލެވެ.

ޕާތު އާއި ސާހިލް "ކަސޯޓީ" ވަކިވާން ނިންމާފައިވާ ވާހަކަ މީޑިއާތަކުން ބުނަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އެކްތާ އާއި އޭނާގެ ބާލާޖީން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.