21 އޯގަސްޓް 2020 - 08:25
ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ލީޑް ބަތަލު ޕާތު ސަމްތާން އެއިން ވަކިވާން ނިންމާފައިވާތީ އޭނާ ކުޅެމުން އަންނަ އަނޫރާގް ބާސޫގެ ރޯލް ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ބަހުސްތައް މީޑިއާތަކުގައި ގަދަވެއްޖެ އެވެ.
ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަނޫރާގްގެ ރޯލަށް ވާދަކުރާ އެކްޓަރުންގެ ރޭހުގެ ކުރީގައި އުޅެނީ ޓީވީގެ މަޝްހޫރު ތިން ތަރިއެކެވެ. އެއީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ގެ ބަތަލު ބަރުން ސޮބްތީ އާއި ސްޓާ ޕްލަސް އިން މިދިޔަ އަހަރު ގެނެސްދިން "ބޭޕަނާ ޕިޔާރު" ގެ ބަތަލު ޕާލް ވީ ޕޫރީގެ އިތުރުން ވިވެކް ދަހިޔާ އެވެ.
ވިވެކަކީ ސްޓާ ޕްލަސް މިދިޔަ އަހަރު ނިންމައިލި ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ ދިވްޔަންކާ ތުރިޕަތީގެ ފިރިމީހާ އެވެ. ވިވެކް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ގަޔާމަތު ކީ ރާތު" އާއި "ކަވަޗް" ހިމެނެ އެވެ.
ވިވެކާއި ބަރުން އާއި ޕާލް އަށް ބަލާ އިރު މި ތިން އެކްޓަރުންގެ ތެރެއިން މިހާތަނަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ޕްރޮޑަކްޝަނެއްގައި މަސައްކަތް ނުކުރަނީ ބަރުން އެވެ. އެހެންވެ ބައެއް މީޑިއާތަކުން ބުނީ "ކަސޯޓީ" ގެ އަނޫރާގްގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ އޭނާ ކަމަށެވެ.
ދާދި ފަހުން ކޮވިޑް-19 އަށް ފަރުވާ ވެސް ހޯދި ޕާތު ސިއްހީ ސަބަބުތަކާ ހުރެ "ކަސޯޓީ" ދޫކޮށްލަން ނިންމައި، އެކަން އެކްތާގެ ބާލާޖީ އަށް މިދިޔަ ހަފުތާގެ ތެރޭގައި އަންގާފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ވާހަކައިގެ ތެދުދޮގު އަދި ކަށަވަރެއް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޕާތުގެ އިތުރުން "ކަސޯޓީ" ގެ ސަޕޯޓިން ރޯލެއް ކުޅޭ ސާހިލް އާނަންދު ވެސް ވަނީ ސިލްސިލާ އިން ވަކިވާން ނިންމައި އެކަން އަންގައިފަ އެވެ.
މިއާ އެކު ދެން އެންމެ ބޮޑަށް ފެންމަތިވި ވާހަކަ އަކީ "ކަސޯޓީ" ގެ ލީޑް ބަތަލާ އެރިކާ ފެނާންޑޭޒް ވެސް ސިލްސިލާ ދޫކޮށްލަން ނިންމި ވާހަކަ އެވެ. އެކަމަކު ޕްރޭނާގެ ރޯލް ކުޅޭ ބަތަލާ ވަނީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެ ވާހަކަ ދޮގުކޮށްފަ އެވެ. އެރިކާ ބުނީ އޭނާ "ކަސޯޓީ" ދޫކޮށްލަން ނޫޅޭ ކަމަށާއި އެކަހަލަ ވިސްނުމެއް ވެސް ނެތް ކަމަށެވެ.
ދެހާސް އަށާރައިގައި ގެނެސްދޭން ފެށި "ކަސޯޓީ" ގެ ކާސްޓަށް ވަރަށް ފަހުން ވެސް ބަދަލުތަކެއް ގެންނަން ޖެހުނެވެ. އެގޮތުން ކޮމޮލިކާގެ ރޯލް ކުރިން ކުޅުނު ހީނާ ޚާންގެ ބަދަލުގައި އެ ރޯލް މިހާރު ކުޅެނީ އާމްނާ ޝަރީފް (ކަޝިޝް) އެވެ. އަދި ކުރިން ބަޖާޖްގެ ރޯލް ކުޅުނު ކަރަން ސިންގް ގްރޯވާގެ ބަދަލުގައި އެ ރޯލް ކުޅެނީ ކަރަން ޕަޓޭލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމް
21 August 2020
އަޅެ ވިވް ހާދަ ރީއްޗޭ