23 އޯގަސްޓް 2020 - 08:04
ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އިން އޭގެ ލީޑް ރޯލް ކުޅޭ އެކްޓަރު ޕާތު ސަމްތާން ވަކިވާތީ އޭނާގެ ބަދަލުގައި އެ ރޯލް ހުށަހެޅި ކަމަށް ބުނާ ތިން އެކްޓަރުންގެ ތެރެއިން ދެ ތަރިއަކު އެކަން ދޮގުކޮށްފި އެވެ.
މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުން ޕާތު ކުޅޭ އަނޫރާގް ބާސޫގެ ކެރެކްޓާ ހުށަހެޅީ ވިވެކް ދަހިޔާ އާއި ޕާލް ވީ ޕޫރީގެ އިތުރުން ބަރުން ސޮބްޓީއަށެވެ. ނަމަވެސް ވިވެކާއި ޕާލް ވަނީ "ކަސޯޓީ" އެ މީހުންނަށް ހުށަހެޅި ވާހަކަ ދޮގުކޮށްފަ އެވެ.
ޒޫމަށް ދިން އިންޓަވިއުއެއްގައި ވިވެކް ބުނީ އަނޫރާގްގެ ރޯލަށް އަންނަން އޭނާ ނޫޅޭ ކަމަށެވެ.
"އޭގައި ނެތް އެއްވެސް ހަގީގަތެއް." "ގަޔާމަތު ކީ ރާތު" އާއި "ކަވަޗް" ފަދަ ސިލްސިލާތައް ކުޅުނު އެކްޓަރު ބުންޏެވެ.
ވިވެކަށް އަނޫރާގްގެ ރޯލް ހުށަހެޅި ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމުގެ ކުރިން އޭނާގެ އަންހެނުން މަޝްހޫރު ޓީވީ ބަތަލާ ދިވްޔަންކާ ތުރިޕަތީ އަށް "ކަސޯޓީ" ގެ ޕްރޭނާގެ ރޯލް ހުށަހެޅި ކަމަށް ވެސް އަޑުއެރި އެވެ. އެއީ އެ ރޯލް ކުޅޭ އެރިކާ ފެނާންޑޭޒް ސިލްސިލާ ދޫކޮށްލަން އުޅޭ ކަމަށް އަޑުއެރުމާ ގުޅިގެންނެވެ. ނަމަވެސް އެރިކާ ވަނީ "ކަސޯޓީ" ވަކިވާން ނޫޅޭ ކަމަށް ބުނެފަ އެވެ.
ވިވެކްގެ އިތުރުން ޕާލް އަށް "ކަސޯޓީ" ހުށަހެޅި ވާހަކަ ދޮގުކޮށްފައިވާ އިރު މިކަމާ ބެހޭ ގޮތުން ބަރޫން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ ތިން އެކްޓަރުންގެ ތެރެއިން މިހާތަނަށް އެކްތާ ކަޕޫރްގެ ސިލްސިލާއެއްގައި މަސައްކަތް ނުކުރަނީ ބަރޫން ކަމަށްވާތީ ފުރުސަތު އޮތީ އޭނާ އަށް ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.
ކޮންމެއަކަސް އަނޫރާގްގެ ރޯލަށް ވިވެކާއި ޕާލް ވާދަނުކުރާކަން ކަށަވަރުވުމާ އެކު، އިތުރު އެކްޓަރުންތަކެއްގެ ނަންތަކެއް މިހާރު ވަނީ ތިލަވެފަ އެވެ. އެއީ "ނާގިން 4" ގެ ބަތަލުގެ ރޯލް ކުޅުނު ވިޖަޔަންދުރަ ކުމޭރިއާ އާއި "ބޭޕަނާ" ފަދަ ސިލްސިލާތައް ކުޅުނު ހަރުޝަދު ޗޯޕްޅާ އެވެ.
ޕާތު "ކަސޯޓީ" އިން ވަކިވާން ނިންމައި އެކަން އޭގެ ޓީމަށް އެންގި ނަމަވެސް މިކަމާ ބެހޭ ގޮތުން އެކްތާ އާއި އޭނާގެ ބާލާޖީ ޓެލެފިލްމްސް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ސިލްސިލާގައި ސަޕޯޓިން ރޯލެއް ކުޅޭ ސާހިލް އާނަންދު ވެސް ވަނީ "ކަސޯޓީ" އިން ވަކިވާން ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy