24 އޯގަސްޓް 2020 - 07:56
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ ފުރައްސާރަތަކާ ދެކޮޅަށް ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ #އަބްބަސް ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ސޯޝަލް ޕްލެޓްފޯމްތަކަކީ އެންމެންނަށް ވެސް ރައްކާތެރި އެއްޗަކަށް ހެދުމުގެ މުހިއްމުކަން އަންގައި ދިނުމެވެ. މި ކެމްޕޭނުގެ ތެރެއިން ފުރައްސަރާތަކާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމުގެ މެސެޖްތައް ދިނުމާއި އެފަދަ ކަންކަން ކުރިމަތިވާ މީހުންގެ ވާހަކަތައް ހިއްސާކުރުމާއި ފުރައްސާރަކުރާ މީހުންނާ ބެހޭ މައުލޫމާތު އާންމުކޮށް، ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުން ހިމެނެ އެވެ.
#އަބްބަސް ކެމްޕޭން ފެށި ފަހުން މުމްބާއީގެ ސައިބަ ކްރައިމް ބްރާންޗުން އަންނަނީ ފުރައްސާރަކުރާ މީހުން ހައްޔަރުކޮށް، ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އިންޑިއާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީސްމީހުންނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ބޮޑު ގައުމެކެވެ. އަދި މިފަދަ ހާދިސާތަކާ ގުޅިގެން މިހާތަނަށް ބައެއް ޒުވާނުން އަމިއްލަ ފުރާނަ ވެސް ދުއްވާލާފައިވެ އެވެ.
އޮންލައިން ފުރައްސާރަތަކާ ދެކޮޅަށް ސޮނާކްޝީ ކެމްޕޭނެއް ފެށި އިރު، މިފަދަ މައްސަލަތަކާ ހެދި ޒުވާން ބަތަލާ ދާދި ފަހުން ވަނީ ޓްވިޓާ ބޭނުންކުރުން ވެސް ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy