ޝަމީތާ.
07 ސެޕްޓެމްބަރ 2020 - 08:18
ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.
ދެހާސް ވަނަ އަހަރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ "މުހައްބަތޭން" އިން ބޮލީވުޑަށް ނުކުތް ނަމަވެސް ޝަމީތާ އަކީ މާ ރަނގަޅު ފުރުސަތުތަކެއް ނުލިބުމުން ބޮލީވުޑުން ވަރަށް އަވަހަށް ގެއްލުނު ބަތަލާއެކެވެ. ދޭތެރެއަކުން ކޮންމެވެސް ރިއަލިޓީ ޝޯއެއް ނުވަތަ ވީޑިއޯ ލަވައަކުން ޝަމީތާ ފެނުނަސް ބަތަލާއެއްގެ ގޮތުގައި ހުނަރު ދައްކައިލާކަށް މިހާތަނަކަށް އޭނާ އަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެފައެއް ނެތެވެ.
ނަމަވެސް ޝަމީތާ މިހާރު ވަނީ ވަރުގަދަ ވެބް ސީރީޒަކަށް ސޮއިކޮށްފަ އެވެ. މިއީ ސްކެންޑެނީވިއާގައި މަޝްހޫރުކަން ހޯދި މިސްޓްރީ ސިލްސިލާ "ބްލެކް ވިޑޯޒް" ގެ އިންޑިއާގެ ވާޝަނެކެވެ. އޭތި އިންޑިއާގެ އޯޑިއަންސަށް ގެނެސްދޭނެކަން ކުރިން ވެސް އިއުލާންކޮށްފައި ވަނިކޮށް، ހުކުރު ދުވަހު ވަނީ ކާސްޓުން ވެސް އިއުލާންކޮށް ޝޫޓިން ވެސް ފަށާފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.
Super excited to announce my new web series Black Widows on @ZEE5Premium ❤️
— Shamita Shetty (@ShamitaShetty) September 4, 2020
Disclaimer: Not a super-hero movie, sorry Marvel fans! But do stay tuned for the Indian adaptation of the famous Finnish Drama #blackwidows #comingsoon #BlackWidowsOnZEE5 pic.twitter.com/CYbRIb7Bxf
މީގެ ރޯލްތަކުން ޝަމީތާއާ އެކު އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ މޯނާ ސިންގްގެ އިތުރުން ސްވާސްޓިކާ މުކަރްޖީ ވެސް ފެނިގެންދާނެ އެވެ.
ކަލްކަތާގައި ޝޫޓްކުރާ ސީރީޒާ ބެހޭ ގޮތުން ޝަމީތާ ބުނީ އޭނާ އެއަށް އެއްބަސްވި މައިގަނޑު އެއް ސަބަބަކީ "ބްލެކް ވިޑޯޒް" އަކީ މީގެ ކުރިން އިންޑިއާގެ އޯޑިއަންސް ތަޖުރިބާނުކުރާ ކަހަލަ ޖޯންރާއަކަށް ހަދާފައިވާ އެއްޗަކަށްވުމެވެ.
"މީގެ ހައިލައިޓަކީ ޑާކް ހިއުމާ. އަހަރެމެން މުޅި ޓީމް މަސައްކަތްކުރާނަން ބްލެކް ވިޑޯޒްގެ އޮރިޖިނަލް އިން ގެނެސްދިން އަސަރު އިންޑިއާ ވާޝަނުން ވެސް ގެނެސްދޭން." ޝަމީތާ، 41، ބުންޏެވެ.
ޒީ5 އިން ސްޓްރީމްކުރާ ގޮތަށް ހަދާ ސީރީޒްގެ ޑައިރެކްޓަރަކީ ބެންގާލީ ޑައިރެކްޓަރު ބިރްސާ ސެންގުޕްތާ އެވެ. "ބްލެކް ވިޑޯޒް" ގެ އިންޑިއާ ވާޝަން ދެ ސީޒަނަކަށް ގެނެސްދޭން ނިންމާފައިވާ އިރު، ފުރަތަމަ ސީޒަން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެނެސްދޭނެ އެވެ.
"ބްލެކް ވިޑޯޒް" އަކީ 2014-2016 އަށް ގެނެސްދިން ފިންލެންޑްގެ ވަރަށް ކާމިޔާބު ސިލްސިލާއެކެވެ. އެކި ގައުމުތަކުން މިހާތަނަށް މީގެ ވާޝަންތައް ގެނެސްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy