08 ސެޕްޓެމްބަރ 2020 - 06:54
ކަލާޒްގެ ކާމިޔާބު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ އެޕިސޯޑްތައް ކުރީގެ ސީޒަންތަކާ ހިލާފަށް ކުރުވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ޝޯ ގެނެސްދިނުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މީޑިއާތަކުން ބުނީ ކުރީގެ ސީޒަންތަކުގައި ޝޯ ގަޑިއެއްހާ އިރަށް ގެނެސްދިން ނަމަވެސް އާ ސީޒަންގެ ކޮންމެ އެޕިސޯޑެއް ގެނެސްދޭނީ ބައި ގަޑިއިރަށް ކަމަށެވެ.
އެހެންވެ އެޕިސޯޑްތައް އެހާ ކުރުވުމަކީ ބެލުންތެރިންނަށް ކަމުދާނެ ކަމެއްތޯ ވެސް ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައިވެ އެވެ. ޔަގީންވާ ކަމަކީ "ބިގް ބޮސް 14" ގެނެސްދޭން ޖެހިފައި މި ވަނީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާތީ ކުރީގެ ސީޒަންތަކާ ހިލާފަށް މި ފަހަރުގެ ސީޒަންގެ ބައިވެރިންގެ ރައްކާތެރިކަމަށްޓަކައި ބޮޑެތި ބަދަލުތަކެއް ޝޯއިން ފެންނާނެކަމެވެ.
އާންމުކޮށް ތިން މަސް ދުވަހަށް ދެމިގެންދާ ގޮތަށް ގެނެސްދޭ "ބިގް ބޮސް" އަކީ އެ ދައްކާ މުއްދަތުގެ ތެރޭގައި ހަފުތާގެ ހުރިހާ ރެއެއްގައި ކަލާޒުން ގެނެސްދޭ ޝޯއެކެވެ. އަދި ޝޯގެ ހޯސްޓް ސަލްމާން ޚާން ޝޯ އިން ފެންނާނީ ހަފުތާގެ ދެ ރެ އެވެ. އެއީ "ވީކެންޑް ކާ ވާރު" ގެ ނަމުގައި ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ އެޕިސޯޑްތަކުގަ އެވެ.
"ބިގް ބޮސް 14" ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 4 ގަ އެވެ. ޝޯގެ ޕްރޮމޯތަކެއް އެެ ޗެނެލުން މިހާރު ވެސް އަންނަނީ ދައްކަމުންނެވެ.
އެކަމަކު އަދި ޝޯއިން ފެންނާނެ ބައިވެރިންނަކީ ކޮބައިކަމެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކްގަން މުރުގަން
08 September 2020
ހެޔޮ 24 ގަޑިއިރަށް ގެންދިޔަސް ސައްލޭ ހޯސްޓް ކުރާނަމަ ނުބަލާނަން،
ޚާން އަލީ
08 September 2020
ސަލްމާން ޚާން ވަރެއް ނުވާނެ އެހެން މީހަކު އެރުވިޔަސް...