ބިޔޯންސޭގެ ނަމާ ހެދި "ކާލީ ޕީލީ" ގެ ލަވައެއް އިސްލާހުކުރަންޖެހިއްޖެ

އަންނަ މަހުގެ 2 ގައި ޒީ ޕްލެކްސް އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ހިންދީ ފިލްމު "ކާލީ ޕީލީ" ގެ ފުރަތަމަ ލަވަ "ބިންޔޯސޭ ޝަރުމާ ޖާއޭގީ" ދައްކައިލުމާ އެކު ބޮޑު މައްސަލަގަނޑަކަށްވެ ލަވައިގެ ޅެމަށް ބަދަލު ގެންނަން ނިންމައިފި އެވެ.


މީޑިއާތަކުން ބުނީ ލަވައިގެ މައްސަލަ އަކީ އެ ލަވައިގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ނަން އިނުމާއި ޅެމުގައި އޭނާ އަށް ނިސްބަތްވާ ކަހަލަ ބައެއް އިބާރާތްތައް ހުރުން ކަމަށެވެ. އެހެންވެ ހުއްދަ ނުހޯދައި، ދުނިޔޭގެ ނުފޫޒު ޕޮޕް އާޓިސްޓެއްގެ ނަން ލަވައިގައި ބޭނުންކޮށްފައި ވާތީ ކުރިމަތިވެދާނެ ގާނޫނީ މައްސަލަތަކަކަށްޓަކައި "ކާލީ ޕީލީ" ގެ ޓީމުން މިހާރު ވަނީ ލަވައަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ. މިގޮތަށް ނިންމީ ސޯޝަލް މީޑިއާގައި ވެސް ލަވަ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އެ ލަވައަށް ފިޔަވަޅު އެޅުމަށް ބިޔޯންސޭ އަށް ވެސް ގޮވާލާފައި ވަނިކޮށެވެ.

ބިޔޯންސޭގެ ނަން އޮންނަނީ ކޮޕީރައިޓްކޮށްފަ އެވެ.

މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެށޭ ހަފުތާގެ ތެރޭގައި، ލަވަ އަށް ގެންނަ އިސްލާހާ އެކު އަލުން ލަވަ ނެރޭނެ އެވެ. ވިޝާލް-ޝޭކަރްގެ މިއުޒިކަށް ހަދާފައިވާ "ބިޔޯންސޭ ޝަރުމާ ޖާއޭގީ" ގެ ޅެން ހެދީ ކުމާރާއި ރާޖް ޝޭކަރެވެ. ލަވަ ކިޔާފައި ވަނީ ނަކަޝް އަޒީޒާއި ނީތީ މޯހަނެވެ.

އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭގެ ފޯރިގަދަ ނެށުންތަކެއް ފެށިގެންދާ "ބިޔޯންސޭ ޝަރުމާ ޖާއޭގީ" އަކީ ބޮސްކޯ-ސީޒާ ކޮރިއޯ ހަދާފައިވާ ލަވައެކެވެ.

ރޮމޭންޓިކް-އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ކާލީ ޕީލީ" އަކީ މަގްބޫލް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.