ޕާތު.
13 ސެޕްޓެމްބަރ 2020 - 07:40
ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ލީޑް ރޯލް ކުޅޭ އެކްޓަރު ޕާތު ސަމްތާނަށް، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، ބަތަލާ އާލިއާ ބަޓާ އެކު ހަދާ ފިލްމު "ގަންގްބާއީ ކަތިއާވާޅީ" އިން ފުރުސަތު ލިބުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް މީޑިއާތަކުން ބުނެފި އެވެ.
އެ ފިލްމާ ގުޅުން ހުރި މީހަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ޕާތަށް ބަންސާލީ ހުށަހެޅި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި މިފަދަ ވާހަކަތައް އެހާ ބޮޑަށް މިހާރު ފެތުރި އާންމުންގެ ސަމާލުކަން ހުއްޓެނީ ސޯޝަލް މީޑިއާގެ ސަބަބުން ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ގަންގްބާއީ" އާލިއާއާ އެކު ލީޑް ބަތަލަކަށް ބަންސާލީ ބޭނުންވީ ކަތަކް ޑާންސް އެނގޭ ނެށުމަށް ކުޅަދާނަ އާ އެކްޓަރަކު ކަމަށްވާތީ އެ ފުރުސަތު ދީފައި ވަނީ ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީއަށެވެ. އޭނާ ފިލްމަށް ސޮއިކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
މީޑިއާތަކުން މިދިޔަ ރިޕޯޓްކޮށްފައިވާ ގޮތުން "ކަސޯޓީ" އިން ވަކިވާން ޕާތު ނިންމީ ވެސް ބަންސާލީގެ ފިލްމުން ލިބުނު ފުރުސަތާ ހެދި އެވެ. އަދި އެއީ ބޮލީވުޑަށް ނުކުންނަން ފަންނާނަކަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތަށްވާނެތީ "ކަސޯޓީ" ގުރުބާންކޮށްފައި ވެސް ބަންސާލީގެ ފިލްމު ދޫކޮށްލަން ޕާތު ބޭނުން ނުވީ ކަމަށްވެ އެވެ.
ބަންސާލީ އަދި ޕާތު.
"ކަސޯޓީ" އިން ޕާތުގެ ވަކިވާން ނިންމި އިރު މީގެ ކުރިން ވެސް އެ ސިލްސިލާ ބައެއް ކާސްޓުން ދޫކޮށްލުމުން އެ މީހުންގެ ބަދަލުގައި އެހެން ބަޔަކު ހޯދަން ޖެހުމަކީ އެކްތާ ކަޕޫރްގެ ބާލާޖީ ޓެލެފިލްމަށް ވެސް އެހާ ފަސޭހަކަމެއް ނޫނެވެ. އަނެއްކޮޅުން ސިލްސިލާގެ މަގުބޫލުކަން ވެސް މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާތީއާ އެކު އަންނަ މަހުގެ 3 ގައި "ކަސޯޓީ" ނިންމައިލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކުރިން މި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ އިއުލާންކުރި "ގަންގްބާއީ" ގެ ޝޫޓިން އަށް ކޮވިޑްގެ ބަލިމަޑުކަމާ ހެދި އައި ހުއްޓުމަށް ފަހު، ލޮކްޑައުން އަށް ލިބުނު ލުއިތަކާ އެކު ޝޫޓިން އަލުން ކުރިއަށްދާ އިރު ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
މި ފިލްމާ ގުޅުން ހުރި ހައިރާންކުރުވަނިވި އަނެއް ވާހަކަ އަކީ "ގަންގްބާއީ" އަށް ސޮއިކުރި ކަމަށް ބުނާ އަޖޭ ދޭވްގަނާއި އިމްރާން ހާޝިމީގެ ނަން ވެސް މިހާރު ޕާތުގެ ނަމާ އެކު ފިލްމުގެ ވިކިޕީޑިއާ ޕޭޖުން އުނިކޮށްފައިވުމެވެ. އެހެންވެ އެ ދެ ތަރިން ވެސް ފިލްމުން ފެންނާނެ ކަމަށް ބުނާ ވާހަކައާ ދޭތެރޭ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
"ގަންގްބާއީ" ގެ ވިކި ޕޭޖްގައި ކާސްޓުންގެ ގޮތުގައި މިހާރު ހިމަނާފައި އޮތީ އާލިއާ އާއި ޝަންތަނޫގެ އިތުރުން ވިޖޭ ރާޒްގެ ނަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy