މުނިފޫހިފިލުވުން / ބޮލީވުޑް

އާލިއާގެ "ގަންގްބާއީ ކަތިއަވާޅީ" ގައި އަޖޭ އާއި އިމްރާން ހާޝިމީ

ޒުވާން ބަތަލާ އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދާ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ކާސްޓްގައި އަޖޭ ދޭވްގަން އާއި އިމްރާން ހާޝިމީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ދެ ތަރިންގެ ތެރެއިން އިމްރާން ވަނީ އިންޑިއާގައި ކޮވިޑް-19 އާ ހެދި މާޗް މަހުގެ ތެރޭގައި އިއުލާންކުރި ލޮކްޑައުންގެ ކުރިން އޭނާ އަށް ފިލްމުން ލިބުނު ރޯލްގެ ޝޫޓިން ނިންމާލައިފަ އެވެ.

ނަމަވެސް އިމްރާން ފެންނާނ ކޮން ކަހަލަ ރޯލަކުން ކަމެއް ނޭނގެ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ އިމްރާނަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓަށް ބޮޑުބޭބެ ކިޔާ އެކްޓަރެއް ކަމެވެ. އަދި އޭނާ އަކީ އާލިއާގެ އާއިލީ ފިލްމު ކުންފުނި ވިޝޭޝް އިން މިހާތަނަށް ގެނެސްދިން ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "މާޑާ" ގެ ދެ ފިލްމަކާއި "ރާޒް" ސީރީޒްގެ ދެ ފިލްމަކާއި "ޒެެހެރު" އާއި "ހަމާރީ އަދޫރީ ކަހާނީ" އަދި "ޖަންނަތު" ގެ ދެ ފިލްމު ހިމެނެ އެވެ.

"ގަންގްބާއީ ކަތިއާވާޅީ" ވެގެންދާނީ ފިލްމުތަކުގައި ކުރިން ވަރަށް އާންމުކޮށް ގައިގޯޅި މަންޒަރުތައް ކުޅެގެން "ސީރިއަލް ކިސާ" ގެ ގޮތުގައި މަޝްހޫރުވި އިމްރާން، ބަންސާލީގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

ހަންގާމާ އިން ބުނިގޮތުގައި "ގަންގްބާއީ ކަތިއާވާޅީ" ގައި އަޖޭ ފެނިގެންދާނީ ގޭންގްސްޓާ ކަރީމް ލާލާގެ ރޯލުންނެވެ. އަދި އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން އަލުން ފެށުމާ އެކު، އަޖޭ ކްރޫއާ ގުޅޭނެ އެވެ.

އަޖޭ ވަނީ ކުރިން ވެސް ބަންސާލީއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އެވެ. "ގަންގްބާއީ" އިން އަޖޭ ފެންނާނެ ވާހަކަ މީޑިއާތަކުން އަލުން ތިލަކޮށްފައި މި ވަނީ ފިލްމުގެ ރޯލެއް އޭނާ އަށް ހުށަހެޅި ކަމަށް މިދިޔަ އަހަރު ވެސް ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މި ފިލްމުގެ ކާސްޓްގައި އަޖޭ އާ އިމްރާން ހިމެނޭ ވާހަކަ ދެކެވެމުން އަންނަ އިރު، އެ ދެ އެކްޓަރުން ކުރިން ވެސް އެކީގައި ފިލްމުތަކެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ 2010 ގެ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އާއި 2017 ގެ "ބާދުޝާހޯ" ގަ އެވެ.

"ގަންގްބާއީ" ގެ ވިކިޕީޑިއާގައި ވެސް އަޖޭ އާއި އިމްރާން ފިލްމުގެ ކާސްޓްގައި ހިމެނޭ ކަމަށް ބުނެފަ އެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް ބަންސާލީ އަދި ކަށަވަރެއްނުކޮށްދެ އެވެ.

މިއީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިި އޮތް ބައޮގްރަފިކަލް ޑްރާމާއެކެވެ. އާލިއާ ފިލްމުން ފެނިގެންދާނީ 60 ގެ އަހަރުތަކުގައި މުމްބާއީގައި އުޅުނު ނުފޫޒު ގަދަ އަންހެން މާފިއާ ކްއީން ގަންގްބާއީގެ ރޯލުންނެވެ. "ގަންގްބާއީ ކަތިއަވާޅީ" ގެ ކާސްޓުންގެ ތެރޭގައި ޓީވީ އެކްޓަރު ޝަންތަހޫ މަހޭޝްވަރީ އާއި ވިޖޭ އަދި ސީމާ ޕަހްވާ ވެސް ހިމެނެ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ އޭއާރް ރަހްމާން، ބަންސާލީގެ ފިލްމަކަށް މިއުޒިކް ތައްޔާރުކޮށްދޭ ފުރަތަމަ ފަހަރު ވެސް މެ އެވެ. މި ފަހުން އާންމުކޮށް ބަންސާލީ އަކީ އޭނާގެ ފިލްމުތަކަށް އަމިއްލަ އަށް މިއުޒިކް ވެސް ހަދާ ޑައިރެކްޓަރެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454