"ގަންގޫބާއީ ކަތިއަވާޅީ" ގެ ސެޓްގައި ބަންސާލީ އާއި އާލިއާ.
29 ޖޫން 2021 - 07:44
މި އަހަރު ރިލީޒްކުރަން އޮތް އެންމެ އުންމީދީ ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ ޝޫޓިން އެއްކޮށް ނިންމައިލުމަށް ފަހު، އޭގެ ލީޑް ބަަތަލާ އާލިއާ ބަޓް، ބަންސާލީ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
ހުނަރުވެރި ޒުވާން ބަތަލާ ބުނީ ބަންސާލީއާ އެކު މަސައްކަތްކުރަން ލިބުނު ފުރަތަމަ ފުރުސަތަކީ މުޅިން ތަފާތު އަދި އެހާމެ އުފާވެރި ތަޖުރިބާއެއް ކަމަށެވެ. އަދި "ގަންގޫބާއީ" އަށް ކުރަން ޖެހުނު މަސައްކަތްތަކާއި އެ ފިލްމުގެ މަސައްކަތް ފެށި ފަހުން ދިމާވި ކަންކަމަކީ ފިލްމީ ހަޔާތުގައި އަބަދު ވެސް ވަރަށް ހަނދާން ހުންނާނެ ކަންތައްތަކެއް ކަމަށް ބުންޏެވެ.
އާލިއާ ބުނި ގޮތުގައި އެ މީހުން "ގަންގޫބާއީ" ގެ ޝޫޓިން ފެށީ ޑިސެމްބަރު 8، 2019 ގަ އެވެ. އޭރު ނިންމާފައި އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި ފިލްމު ސިނަމާތަކަށް ގެންނާށެވެ. އެކަމަކު ޝޫޓިން ފެށިތާ ދެތިން މަހެއްހާ ދުވަސް ފަހުން ކޮވިޑް-19 ގެ ބޮޑު ވަބާއާ ކުރިމަތިލާން ޖެހި، މިދިޔަ އަހަރުގެ ބޮޑު ބައި އެއްކޮށް ދިޔައީ ފިލްމުގެ އެއްވެސް މަސައްކަތެއް ނުކުރެވި އެވެ.
"މި ފިލްމުގެ މަސައްކަތުގެ ތެރޭގައި އަހަރެމެންނަށް ދެ ލޮކްޑައުން އާއި ދެ ސައިކްލޯނާއި އަދި އަހަންނާއި ޑައިރެކްޓަރަށް ކޮވިޑް ޖެހިގެން ވެސް އެތައް ދުވަހަކަށް ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައި." އާލިއާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި އަޑިގުޑަންތަކާ އެކު ވެސް ދެ އަހަރެއްހާ ދުވަސް ފަހުން މި އާދީއްތަ ދުވަހު ފިލްމުގެ ޝޫޓިން ނިންމައިލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
"ބަންސާލީ ސާ އަކީ އަބަދު ވެސް އަހަރެން އެ ޑައިރެކްޓަރަކާ އެކު މަސައްކަތްކުރުމުގެ ހުވަފެން ދެކުނު ޑައިރެކްޓަރެއް. އެހެންވީމަ ގަންގޫބާއީގެ ވަރަށް ހާއްސަ ތަޖުރިބާއެއް. ފިލްމުގެ މަސައްކަތް ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރަން ޖެހި، ސެޓް ދޫކޮށްދާ އިރު އަހަންނަކީ ވެސް މިހާރު މުޅިން ތަފާތު މީހެއް،" އާލިއާ ބުންޏެވެ. "ބަންސާލީ ދެކެ ވަރަށް ލޯބިވޭ. ތިކަހަލަ ދެވަނަ މީހަކު ނެތް."
"ގަންގޫބާއީ" އަކީ 1960 ގެ އަހަރުތަކުގައި ތެރޭގައި މުމްބާއީގައި އުޅުނު ނުފޫޒު ގަދަ މާފިއާ އަންހެނެއް ކަމަށްވާ ގަންގޫބާއީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ. އާލިއާ ޓައިޓްލް ރޯލު ކުޅެފައިވާ ފިލްމުގެ ޓީޒާއެއް ވެސް މި އަހަރުގެ ކުރީކޮޅު އާންމުކޮށްފައިވެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ މަހުގެ 30 ގަ އެވެ. ނަމަވެސް ދިމާވި އެކިއެކި ހުރަސްތަކާ ހެދި މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައި އޮތުމުން އެ ތާރީހުގައި ފިލްމު ރިލީޒްކުރާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ޝޫޓިން ނިންމައިލިޔަސް، މަސައްކަތްތައް އަދި ކުރިއަށް އޮތީ އެވެ. އެގޮތުން ޕޯސްޓް-ޕްރޮޑަކްޝަންގެ ތެރެއިން ބެކް މިއުޒިކާއި އެޑިޓިން ފަދަ ބޮޑެތި މަސައްކަތްތައް ކުރަން އެބަހުއްޓެވެ.
"ގަންގޫބާއީ" ގެ ކާސްޓްގައި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި އަޖޭ ދޭވްގަނާއި އިމްރާން ހާޝިމީ އާއި، ސީމާ ޕަހްވާ އާއި ވިޖޭ ރާޒްގެ އިތުރުން ހުމާ ގްރޭޝީ އަދި އިންދިރާ ތިވާރީ ހިމެނެ އެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ޕަދުމާވަތު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
29 June 2021
މިހުންނަނީ ދިވެހިރައްޔަތުންނަށް ދެދުނިޔޭގެ ލާބަ ލިބޭނެފަދަ ވާހަކަތައް.
ރަދީފް އަނބިމީހާ
29 June 2021
ސިޔާސީ ނޫން ކަންކަމާ މެދު ވިސްނާ މީހުންވެސް ރާއްޖޭގައި އުޅެއެވެ. މާ ނޫން ކަމަށް ހެދިގެން ރަދީފްމެން އުޅުން ހުއްޓާލަން ވެއްޖެ. މި ހަބަރު ޝައުގުވެރިކަމާއެކު ކިޔާނެ އެތައް ބަޔަކު ތިބޭނެ
ރަދީފްއޮފިޝިއަލް
29 June 2021
ހެހެހެހެހެ.