29 ޖެނުއަރީ 2022 - 06:45
ކޮވިޑާ ހެދި އެކި ފަހަރު މަތިން ތާރީހު ބަދަލުކުރަމުން އައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
މި އަހަރު ބެލުންތެރިން އެންމެ އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެ ފިލްމަށް އާ ތާރީހެއް ހަމަޖެއްސީ މި މަހުގެ 6 ގައި ރިލީޒްކުރަން ތާވަލުކޮށްފައި ވަނިކޮށް، ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" މި މަހުގެ 7 އަށް ތާވަލުކުރުމާ ގުޅިގެން ފިލްމު ފަސްކޮށްފައި ވަނިކޮށެވެ. އެކަމަކު ފަހުން ދެ ފިލްމު ވެސް ފަސްކުރަން ޖެހުނީ މި ފަހުން އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެންނެވެ.
"ގަންގޫބާއީ" އަށް އާ ތާރީހެއް ހަމަޖެއްސި އިރު، "އާރްއާރްއާރް" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މާޗް 18 ނުވަތަ އެޕްރީލް 28 ގަ އެވެ. މި ދެ ފިލްމުގެ ވެސް ބަތަލާ އަކީ އާލިއާ ބަޓެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ ދެ ފިލްމުގައި ވެސް އަޖޭ ދޭވްގަންގެ ހާއްސަ ރޯލުތަކެއް ހިމެނޭކަމެވެ.
ކޮވިޑްގެ ހާލަތު ދިމާނުވި ނަމަ "ގަންގޫބާއީ" އަކީ 2020 ގެ ސެޕްޓެމްބަރު 11 ގައި ބެލުންތެރިންނަށް ގެނެސްދީފައި އޮންނާނެ ފިލްމެކެވެ. އެކަމަކު އެ ބަލިމަޑުކަމާ ހެދި ފިލްމު ދެ އަރަށް ފަސްވެ، އާ ތާރީހެއް ހަމަޖެއްސި އިރު، މިއީ 2018 ގެ "ޕަދުމާވަތު" އަށް ފަހު ބަންސާލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި މިއީ އާލިއާއާ އެކު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.
"ގަންގޫބާއީ" އަކީ މުންބާއީގައި 1960 ގެ ތެރޭގައި އުޅުނު ނުފޫޒު ގަދަ މާފިއާ ލީޑަރެއް ކަމަށްވާ ގަންގޫބާއީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ. މީގެ ކާސްޓްގައި ޝަންތަނޫ މަހޭޝްވަރީ، ވިޖޭ ރާޒް، ސީމާ ޕަހްވާ، އިމްރާން ހާޝިމީ އަދި ހުމާ ގްރޭޝީ ވެސް ހިމެނެ އެވެ.
އަންނަ މަހު ބާއްވާ މި އަހަރުގެ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ވެސް "ގަންގޫބާއީ" ޕްރީމިއާ ކުރަން ހަމަޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy