ރަންބީރާއި އާލިއާ.
15 އޮކްޓޯބަރ 2021 - 05:50
އަންނަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ އާލިއާ ބަޓްގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގައި ދައްކާފައިވާ އެކްޓިން ވަރަށް މޮޅު ކަމަށާއި އެ ފިލްމުން އޭނާ އަށް ނެޝަނަލް އެވޯޑް ވެސް ހައްގުވާ ކަމަށް ލޯބިވެރިޔާ ރަންބީރް ކަޕޫރް ބުނެފި އެވެ.
އޭނާއާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ބައޮގްރަފިކަލް ކްރައިމް ޑްރާމާގެ އެޑިޓިންގެ ތެރެއިން އެ ފިލްމުގެ ވަރަށް ގިނަ މަންޒަރުތަކެއް ބަލައިލުމުގެ ފުރުސަތު ރަންބީރަށް ލިބުމާ އެކު އޭނާ އާލިއާ ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވާ ކަމަށެވެ. އަދި އާލިއާގެ އެކްޓިން ހީ ވެސް ނުކުރާ މޮޅު ކަމަށާއި "ގަންގޫބާއީ" އަކީ ޒުވާން ހުނަރުވެރި ބަތަލާ އަށް ނެޝަނަލް އެވޯޑް ލިބޭ ވަރުގެ މަސައްކަތެއް ކޮށްފައިވާ ފިލްމެއް ކަމަށް ރަންބީރް ބުންޏެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ 6 ގަ އެވެ. ދެހާސް ނަވާރައިގައި "ގަންގޫބާއީ" އިއުލާން ކުރީއްސުރެން އެތައް ބަޔަކު ތިބީ އެ ފިލްމު ބަލައިލަން ކެތްމަދުވެފަ އެވެ.
މި އަހަރުގެ ކުރީކޮޅު "ގަންގޫބާއީ" ގެ ޓީޒާއެއް ވެސް ދައްކައިލުމާ އެކު އާލިއާ އަށް ވަރަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވެ އެވެ. މި ފިލްމަކީ އޭނާ ބަންސާލީއާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ބަންސާލީގެ ފިލްމުން އާލިއާ އަށް ނެޝަނަލް އެވޯޑް ލިބޭނެ ކަމަށް ރަންބީރް ލަފާކުރާ އިރު، ރިޝީ ކަޕޫރްގެ ފިރިހެން ދަރިފުޅު ބޮލީވުޑަށް 2007 ގައި ނުކުތީ ވެސް ބަންސާލީގެ ފިލްމަކުންނެވެ. އެއީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު "ސާވަރިއާ" އެވެ. އޭގެ ފަހުން ބަންސާލީއާ އެކު ރަންބީރް މަސައްކަތެއް ނުކުރެ އެވެ.
މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ މޮޅު އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ، 28، ގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ރަންބީރާ އެކު ކުޅެފައިވާ "ބުރައްމަސްތުރާ" އާއި އަމިއްލަ އަށް ޕްރޮޑިއުސްކޮށްފައިވާ "ޑާލިންސް" އާއި ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އިތުރުން ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy