01 އޮކްޓޯބަރ 2021 - 07:32
މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަމުން ދިޔަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" އަންނަ އަހަރުގެ ޖެނުއަރީ 6 ގައި ގެނެސްދޭން ނިންމައިފި އެވެ.
ކޮވިޑްގެ ހާލަތު ދިމާނުވި ނަމަ، މި ފިލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރާނެ ފިލްމެކެވެ. ކޮވިޑާ ހެދި "ގަންގޫބާއީ" ގެ މަސައްކަތްތައް ހުއްޓުމުން ފަހުން، އަލުން މަސައްކަތް ފަށައި މިދިޔަ ޖުލައި 30 ގައި ފިލްމު ސިނަމާތަކަށް ގެންނަން ވެސް ތާވަލުކުރި އެވެ.
ބަންސާލީއާ އެކު ޒުވާން ބަތަލާ އާލިއާ މަސައްކަތްކުރި ފުރަތަމަ ފިލްމު "ގަންގޫބާއީ" އަކީ 1960 ގެ ތެރޭގައި މުމްބާއީގައި އުޅުނު ނުފޫޒު ގަދަ މާފިއާ އަންހެނެއް ކަމަށްވާ ގަންގޫބާއި ކޮތެވާލީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ކްރައިމް ޑްރާމާއެކެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީ ލިޔެފައިވާ "މާފިއާ ކްއީންސް އޮފް މުމްބާއީ" ގައި ގަންގޫބާއީ ބެހޭ ގޮތުން ގެނެސްދިން ބާބަށެވެ.
އާލިއާ ޓައިޓްލް ރޯލު ކުޅުނު ފިލްމުގެ ކާސްޓްގައި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި އަޖޭ ދޭވްގަނާއި އިމްރާން ހާޝިމީ އާއި ވިޖޭ ރާޖާއި ސީމާ ޕަހްވާ ހިމެނެ އެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމެއްގައި ހުމާ ގްރޭޝީ ވެސް ހިމެނެ އެވެ.
"ގަންގޫބާއީ" ގެ ޓީޒާއެއް މި އަހަރުގެ ކުރީކޮޅު އާންމު ކޮށްފައިވާ އިރު، ފިލްމާ މެދު ކުރެވޭ އުންމީދުތައް ވަރަށް ވެސް ބޮޑެވެ. އަބަދު ވެސް ބަންސާލީގެ ފިލްމުތަކަކީ ވަރަށް ފުރިހަމަ، ފުރިހަމަ ޗާލު ފިލްމުތަކަށް ވާތީ އާލިއާގެ ވިދުން ވެސް މި ފިލްމާ އެކު އިތުރަށް ގަދަވެގެންދާނެ ކަމުގެ އުންމީދު ވަކިން ބޮޑެވެ.
ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޕަދުމާވަތު" އެވެ. އެ ފިލްމުގެ ތަރިންނަކީ ދީޕިކާ ޕަދްކޯނާއި ފިރިމީހާ ރަންވީރު ސިންގްގެ އިތުރުން ޝާހިދު ކަޕޫރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy