"ގަންގްބާއީ ކަތިއަވާޅީ" ގެ އާ ޕޯސްޓަރު.
25 ފެބުރުއަރީ 2021 - 07:15
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ސަންޖޭ ލީބާ ބަންސާލީގެ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" މި އަހަރުގެ ޖުލައި މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ އާލިއާ ބަޓް ލީޑް ރޯލުން ފެންނާނެ ފިލްމެކެވެ. "ގަންގްބާއީ" އަކީ 1960 ގެ އަހަރުތަކުގައި މުމްބާއީގައި ނުފޫޒު ގަދަ އަންހެން ގޭންގްސްޓާރެއްގެ ގޮތުގައި މަޝްހޫރުވި ގަންގްބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ލިޔުންތެރިޔާ ހުސައިން ޒައިދީގެ ވާހަކަ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" ގައި ގަންގްބާއީއާ ބެހޭ ގޮތުން ގެނެސްދީފައިވާ ޗެޕްޓާތަކެއްގެ މައްޗަށެވެ.
ގަންގްބާއީ އަކީ ވަރަށް ޒުވާން އުމުރުގައި ލޯބިވެރިޔާ އޭނާ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވިއްކައިލުމުން ފަހުން އެ ވިޔަފާރީގައި ނަގާކިޔާ މީހަކަށް ވެގެން ދިޔަ ގޮތް ފެންނާނެ ވަރަށް އަސަރުގަދަ ފިލްމެކެވެ.
ބަންސާލީއާ އެކު އާލިއާ އަލަށް މަސައްކަތްކުރި މި ފިލްމުގެ ކާސްޓްގައި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި ވިޖޭ ރާޒާއި ސީމާ ޕަހްވާ އަދި ރޯހިތު ސުޚްވާނީ ހިމެނެ އެވެ. އަދި "ގަންގްބާއީ" ގެ ހާއްސަ ފެނިލުންތަކުން އަޖޭ ދޭވްގަނާއި އިމްރާން ހާޝީމީގެ އިތުރުން ފިލްމުގެ ހާއްސަ ލަވައަކުން ހުމާ ގްރޭޝީ ވެސް ފެންނާނެ އެވެ.
މި ފިލްމަކީ ބަންސާލީ 2018 ގައި ގެނެސްދިން "ޕަދުމާވަތު" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޓީޒާ އިން މިއީ ބަންސާލީގެ ކުޅަދާނަކަމާއި އޭނާގެ ފިލްމުތަކުގެ ޖާދުގައި ބެލުންތެރިން ކުރިން ވެސް ޖައްސުވައިލި ގޮތަށް މި ފަހަރު ވެސް ޖައްސާނެ ފިލްމެއްކަން ކަށަވަރުވެ އެވެ
އޭނާ މި ފަހުން ގެނެސްދިން ފިލްމުތަކުގައި އަމިއްލަ މިއުޒިކާ އެކު ލަވަތައް ގެނެސްދިން ގޮތަށް "ގަންގްބާއީ" އަކީ ވެސް ބަންސާލީގެ މިއުޒިކް އަޑު އިވިގެންދާނެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަންގޫ ދައިތަ
25 February 2021
ގަންގޫބާއި ނޮޓް ގަންގްބާއީ އޯކޭ! ހިންދީ ފިލްމް ތަށް ބަލަންޏާ އިގޭނެ ގަންގޫ، ގަންގާ މިހެން ކަން ކިޔަނީ! ގަންގް ނުކިޔާނޭ! އޭ ގަންގޫ