"ގަންގޫބާއީ" އިން އަޖޭ ފެންނާނީ ކަރީމް ލާލާ ކިޔާ ކެރެކްޓާއަކުން
އަޖޭ އާއި ބަންސާލީ.
07 އެޕްރީލް 2021 - 07:57
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" އަށް އަޖޭ ދޭވްގަން ކުޅޭ ރޯލުގެ ޝޫޓިން ނިންމާލައިފި އެވެ.
އަޖޭ ފިލްމުގެ ޝޫޓިންއާ އެންމެ ފުރަތަމަ ގުޅުނީ ފެބްރުއަރީ މަހުގެ 27 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ބަންސާލީ އަށް ކޮވިޑް-19 ޖެހިގެން ފިލްމުގެ މަސައްކަތް މެދުކަނޑާލި ނަމަވެސް އޭނާ ބަލިން ރަނގަޅުވުމާ އެކި، އަޖޭއާ އެކު ނަގަން ޖެހޭ ހުރިހާ މަންޒަރެއް ނަގައި މިހާރު ވަނީ ނިންމާފައި ކަމަށް މީޑިއާތަކުން ބުންޏެވެ.
ޒުވާން ބަތަލާ އާލިއާ ބަޓް ޓައިޓްލް ރޯލު ކުޅޭ "ގަންގޫބާއީ" ގައި އަޖޭ ފެންނާނީ ކަރީމް ލާލާ ކިޔާ ކެރެކްޓާއަކުންނެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަޖޭ އަށް ފިލްމުން ކުރިން ލިބުނީ ކުރު ކެމިއޯއެއް ނަމަވެސް އޭނާގެ ހުނަރާ މެދު ބަންސާލީ ހިތްހަމަޖެހުނުލެއް ބޮޑުކަމުން އަކްޝޭގެ ރޯލު އެކްސްޓެންޑް ކެމިއޯއަކަށް ބަދަލުކޮށްފައިވެ އެވެ. މާނަ އަކީ އޭނާ ސްކްރީން ޓައިމް މާ ކުރެއް ނުވާނެއޭ އެވެ.
ބަންސާލީއާ އެކު އަލުން މަސައްކަތް ކުރުމުގެ ފުރުސަތު އަޖޭ އަށް މި ލިބުނީ 22 އަހަރު ފަހުންނެވެ. ބަންސާލީ 1999 ގައި ސަލްމާން ޚާނާއި އައިޝްވާރިއާ ރާއީއާ އެކު ގެނެސްދިން "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި އަޖޭ ސަޕޯޓިން ރޯލެއް ކުޅެފައިވެ އެވެ.
މި އަހަރުގެ ޖުލައި 30 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ގަންގޫބާއީ" ގެ ޝޫޓިން އަޖޭ ނިންމައިލި އިރު، އާލިއާ އަށް ކޮވިޑް ޖެހިގެން އޭނާގެ އެއްވެސް ޝޫޓިންއެއް މި ވަގުތު ކުރިއަކަށް ގެންދެވޭކަށް ނެތެވެ.
"ގަންގޫބާއީ" ގެ ކާސްޓްގައި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި ސީމާ ޕަހްވާ އާއި ވިޖޭ ރާޒާއި އިންދިރާ ތިވާރީ އަދި ރޯހިތު ސުޚްވާނީ ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ ހާއްސަ ފެނިލުންތަކުން އިމްރާން ހާޝިމީ އާއި ހުމާ ގްރޭޝީ ވެސް ފެންނާނެ އެވެ.
މި އަހަރު ރިލީޒްވާން ހުރި އަޖޭގެ ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" އާއި "މައިދާން" އަދި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ވެސް ހިމެނެ އެވެ. އޭނާ މިހާރު އަންނަނީ ތިން ވަނަ ފިލްމެއް ޑައިރެކްޓް ވެސް ކުރަމުންނެވެ. އެއީ "މޭޑޭ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy