އިމްރާން ހާޝިމީ ވަރަށް ތަފާތު ރޯލަކުން ފެންނާނެ ފިލްމު "ހަރާމީ" އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ މި އަހަރުގެ 25 ވަނަ ބުސާން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ފެސްޓިވަލް ކުރިއަށް ދާނީ އަންނަ މަހުގެ 21-30 އަށެވެ. "ހަރާމީ" އަކީ އިންޑިއާ އާއި އެމެރިކާގެ ސްޓޫޑިއޯތަކެއް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ޝާމް މަދިރާޖޫ އެވެ.
ކްރައިމް ތުރިލާއެއްގެ ގޮތުގައު ގެނެސްދޭ "ހަރާމީ" ގެ ކާސްޓުންގެ ތެރޭގައި ސުބްރަތު ދައްތާ އަދި އަދިތިޔާ ކުމާރު ފަދަ ފަންނާނުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "ދަ ބޮޑީ" އިން ފެނުނު އިމްރާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މުމްބާއީ ސާގާ" އާއި "ޗެހެރޭ"، "އެޒްރާ" އަދި "ސަބް ފަސްޓް ކްލާސް" ހިމެނެ އެވެ.
"އިންދޫ ކީ ޖަވާނީ" ގެ ތާރީހު މިއަދު
ޒުވާން ބަތަލާ ކިއާރާ އަދުވާނީ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމު "އިންދޫ ކީ ޖަވާނީ" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހު މިއަދު އިއުލާންކުރަން ނިންމައިފި އެވެ.
ނަމަވެސް ފިލްމު ދައްކާނީ ސިނަމާތަކުގައި ކަމެއް ނުވަތަ ޑިޖިޓަލްކޮށް ޕްރިމިއާކުރާނީ ކަމެއް ނޭނގެ އެވެ. އެކަން ކަށަވަރުވާނީ މިއަދެވެ. "އިންދޫ ކީ ޖަވާނީ" އަކީ ނިކިލް އަދުވާނީ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަބީރް ސެންގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޝޫޓިން ނިންމާފައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ބަތަލަކީ "ތުމް ބިން 2" އާއި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ފަދަ ފިލްމުތަކުން ފެނިފައިވާ އަދިތިޔާ ސީލެވެ. "އިންދޫ ކީ ޖަވާނީ" ވެގެން ދާނީ އޭނާ އާއި ކިއާރާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ދިނޭޝް ވެސް ޑިޖިޓަލް ކޮންޓެންޓަށް
"އިސްތިރީ" އާއި "އަނގްރޭޒީ މީޑިއަމް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަން ވެސް ޑިޖިޓަލް ކޮންޓެންޓް ގެނެސްދޭން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެކަމަށް ހާއްސަކޮށްގެން ދިނޭޝްގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން މިހާރު ވަނީ އައުޓްސައިޑާ ފިލްމްސް ކިޔާ ޑިވިޝަނެއް ވެސް އުފައްދައިފަ އެވެ. އަދި އޭގެ ދަށުން ގެނެސްދޭނެ ފުރަތަމަ ކޮންޓެންޓަކީ "ފުކްރޭ" ސީރީޒްގެ މުހިއްމު ތަރިންތަކެއް ކަމަށްވާ ވަރުން ޝަރުމާ އާއި މަންޖޯތު ސިންގް ލީޑް ރޯލް ކުޅޭ "ޗުޓްޒްޕާ" އެވެ.
މީޑިއާތަކުން ބުނީ އެ ވެބް ސީރީޒްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ސްޓްރީމްކުރާނީ ސޮނީ ޓީވީގެ ޑިޖިޓަލް ޕްލެޓްފޯމް ސޮނީ ލިވް އެޕުންނެވެ.
ދިނޭޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޫހީ އަފްޒާނާ" އާއި "މިމީ" އާއި "ގޯ ގޯއާ ގޯން 2" އާއި "އެއްކީސް" ފަދަ ފިލްމުތައް ހިމެނެ އެވެ.
"ފިލްމުފެއާ" މަޖައްލާ މި މަހު ވެސް ހިލޭ
ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގައި ނެރޭ މަޝްހޫރު ފިލްމީ މަޖައްލާ ފިލްމުފެއާގެ މި މަހުގެ އަދަދު ވެސް ހިލޭ ކިޔޭ ގޮތަށް ދޫކޮށްލައިފި އެވެ.
މިއީ ހިލޭ ކިޔައިލެވޭ ގޮތަށް މި އަހަރު ދިން ތިން ވަނަ އަދަދެވެ.
މި މަހުގެ އަދަދުގެ ކަވަސްޓޯރީގައި ހިމަނާފައި ވަނީ ބަތަލާ ވިދިޔާ ބާލަން އެވެ. އޭނާގެ ހާއްސަ އިންޓަވިއުއަކާ އެކު ފިލްމީ ފަންނާނުންގެ ގިނަ ވާހަކަތަކެއް ފިލްމުފެއާ އިން ކިޔައިލެވޭނެ އެވެ.
ފިލްމުފެއާ އަކީ ބޮލީވުޑްގެ ފިލްމީ ތަރިންގެ ވާހަކަތައް ގެނެސްދޭ އެންމެ ދުވަސްވީ އަދި އެންމެ މަގުބޫލު މަޖައްލާ އެވެ.