ރޯނިތު.
21 ސެޕްޓެމްބަރ 2020 - 07:46
މީގެ 28 އަހަރު ކުރިން ފިލްމު "ޖާން ތެރެ ނާމް" އިން ލީޑިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތް ނަމަވެސް އެ ފިލްމު ފްލޮޕްވުމުން، ކުޅޭނެ އެއްވެސް ފިލްމެއް ނުލިބުމުން އާމްދަނީ ހޯދަން، އެކްޓަރު އާމިރު ޚާންގެ ބޮޑީގާޑަކަށް ދެ އަހަރު ވަންދެން އުޅުނު ކަމަށް، ސިލްސިލާ "ކަސޯޓީ" ގައި ބަޖާޖްގެ ރޯލް ކުޅެގެން މަަޝްހޫރުވި ރޯނިތު ރޯއި ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި 54 އަހަރުގެ އެކްޓަރު ބުނީ އޭނާ ބޭނުންވީ ވަރަށް މަޝްހޫރު ތަރިއަކަށްވާން ކަމަށެވެ. އެގޮތުން ފިލްމު ކުޅެގެން އަގު ބޮޑު އެޕާޓްމަންޓްތަކާއި ކާރު ފަދަ ތަކެތި ގަތުމަކީ އެންމެ ބޮޑަށް ދުށް ހުވަފެންތައް ކަމަށް ބުންޏެވެ.
"އަދި އަންހެން ކުދިން އޮޓޯގްރާފް ހޯދަން ކިއޫ ހަދާފައި ތިބޭ އަދި އަހަރެންގެ ނަން ބާރަށް ގޮވާ ކަހަލަ ތަރިއަކަށްވާން ބޭނުންވީ،" މިހާރު ވެސް ޓީވީ އިންޑަސްޓްރީ އާއި ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރު ބުންޏެވެ.
ރޯނިތު ބުނި ގޮތުގައި އޭނާގެ ހުވަފެންތައް ވިއްސިވިހާލިވީ 1992 ގައި ކުޅުނު "ޖާން ތެރެ ނާމް" ނާކާމިޔާބުވި ހިސާބުންނެވެ. އޭގެ ފަހުން ކުޅޭނެ ފިލްމެއް ނުލިބި ހުރި އިރު، އަމިއްލަ މެނޭޖަރުގެ ފަރާތުން ވެސް އިވެމުން ދިޔައީ މަލާމާތުގެ ބަސްތައް ކަމަށް ބުންޏެވެ.
"އެއް ފަހަރަކު އޭނަ ބުނީ އަހަންނަށް ވުރެ އެ އުޅޭ ޖޫނިއާ އާޓިސްޓުން ވެސް ހުނަރުވެރިއޭ. ކަލެއަށް މަސައްކަތެއް ދޭނެ ބަޔަކު ނުވާނޭ. އެއީ ހަގީގަތުގައި ވަރަށް ހިތުގައި ޖެހުނު ބަސްތަކެއް،" ރޯނިތު ބުންޏެވެ. "އަދި ހަމަ މި ކަހަލަ ބަސްތަކެއް މަޝްހޫރު ޑައިރެކްޓަރެއްގެ ފަރާތުން ވެސް އިވުނު. ވަރަށް ފަހުން އޭނާ އަހަންނަށް ފިލްމެއް ވެސް ހުށަހެޅި. އެކަމަކު އަހަންނަށް އެ ކަމުނުދާތީ ގަބޫލުނުކުރީ."
ތިން ކުދިންގެ ބައްޕަ ބުނީ އާމިރުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ އާމްދަނީ ހޯދާނެ ކޮންމެވެސް މަގެއް ހޯދުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކުންފުންޏެއް ހަދައިގެން ބޮޑީގާޑެއްގެ ގޮތުގައި އާމިރާ އެކު ހޭދަކުރެވުނު ދެ އަހަރެއްހާ ދުވަހަކީ ކުރިން ބެލި ބޭކާރު ހުވަފެންތައް ދޫކޮށްލައި، ރަނގަޅު އެކްޓަރަކަށްވާން ލިބުނު ފުރުސަތެއް ކަމަށް ބުންޏެވެ.
"އާމިރާ އެކު އުޅުނު ދުވަސްތަކުގައި އަހަރެންގެ ހުނަރު ތަރައްގީކޮށް ކުރިއަރުވަން އެތައް ގޮތަކުން މަގުފަހިވި. އެހެންވެ ކުރިން ބޮޑު ސްޓާރަކަށް ވާން ބެލި ހުވަފެނާއި ކާރާއި އެޕާޓްމަންޓްގެ ވިސްނުން ދޫކޮށްލައި އަހަރެން ބެލީ މޮޅު އެކްޓަރަކަށްވެވެވޭތޯ،" ރޯނިތު ބުންޏެވެ. "ތެދަށް ބުނަންޏާ އެކްޓިން އަކީ ކޯޗެއްކަމާއި އެ ހުނަރު ކުރިއަރުވާނެ ގޮތްތައް ދަސްވީ އާމިރާ އުޅުމުން. އެއީ އަބަދު ވެސް އަހަރެން ހަނދާނުގައި ބަހައްޓާނެ ކަމެއް."
އޭނާ ބުނީ ބޮލީވުޑްގައި ނަން ހިނގާ މީހަކަށް ކުރިން ނުވިޔަސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މީހަކަށް ހަދައި ދިނީ އެކްތާ ކަޕޫރް ކަމަށެވެ. އެގޮތުން އެކްތާ އެންމެ ކާމިޔާބު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ކިއު ކީ ސާސްބީ ކަބީ ބަހޫ ތީ" އާއި "ކަސޯޓީ" އަކީ ރޯނިތުގެ ކެރިއަރު މުޅިން އެހެން ހަރުފަތަކަށް ގެންދިޔަ މަސައްކަތްތަކެވެ.
"އަދިވެސް އަހަންނަކީ އެކްތާގެ ބެލުމުގެ ދަށުގައި ހުރި މީހެކޭ ބުނެވިދާނެ. އެތައް ފުރުސަތެއް އަދިވެސް އެކްތާގެ ފަރާތުން އަންނަނީ ލިބެމުން،" ރޯނިތު ބުންޏެވެ.
ބޮލީވުޑްގެ ލީޑް އެކްޓަރެއްގެ ދަރަޖަ ނުހޯދުނަސް ރޯނިތު ފަހުން ވެގެން ދިޔައީ ވަރުގަދަ ކެރެކްޓާ ސަޕޯޓިން ރޯލްތަކެއް ކުޅެމުން އަންނަ އެކްޓަރަކަށެވެ. އަދި އެންމެ މަޝްހޫރު ބޮޑެތި ސްޓޫޑިއޯތަކާއި ބައެއް ޑައިރެކްޓަރުންނާ އެކު އޭނާ މިހާތަނަށް މަސައްކަތްކޮށްފައިވެ އެވެ.
ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގައި އެހެން ބަސްބަހުން ހަދާ ފިލްމުތަކުން ވެސް ރޯނިތަށް މިހާރު ފުރުސަތު ލިބެ އެވެ. އޭނާގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި ސަންޖޭ ދަތާއި ރަންބީރް ކަޕޫރްގެ "ޝަމްޝޭރާ" އާއި ޝިލްޕާ ޝެޓީގެ "ހަންގާމާ 2" ހިމެނެ އެވެ.
ފިލްމާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ރޯނިތަކީ ވެބް ސީރީޒްތައް ވެސް ކުޅެމުން އަންނަ ވަރަށް ކާމިޔާބު އެކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޮލް
22 September 2020
ޙަމަ މިނޫހުގައި ލިއެފައި އޮއްވާ ދުށިން ތިޔަބުނާ ޖާން ތެރެނާމް އަކީ ހިޓް ފިލްމް އެކޭ...