26 ސެޕްޓެމްބަރ 2020 - 09:01
ނުވަދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދައިލި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކުމާރު ސާނޫގެ ދަރިއަކު ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 14 ގައި ވާދަކުރާނެކަން ކަށަވަރުކޮށް ދީފި އެވެ.
އަންނަ މަހުގެ 3 ވަނަ ދުވަހުގެ ގެ ރޭ ފަށާ ޝޯގައި މި ފަހަރު ވާދަކުރާ ބައިވެރިންގެ ތެރެއިން ރަސްމީކޮށް ދައްކައިލި ފުރަތަމަ ބައިވެރިއަކީ ކުމާރު ސާނޫގެ ދަރިފުޅު ޖާން ކުމާރު ސާނޫ، 26، އެވެ. އޭނާ އަކީ ވެސް ބައްޕަ ފަދައިން މިއުޒިކީ ދާއިރާ އިން ކުރިއަށްދާ ފަންނާނެކެވެ.
ޖާން އަކީ ކުމާރު ސާނޫގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅު ވެސް މެ އެވެ. އޭނާގެ ދެން ތިބެނީ ޝެނަން އާއި އައްނާ ކިޔާ ދެ އަންހެން ދަރިންނެވެ.
ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" ގެ ސީޒަން 14 އާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ވާޗުއަލް ނޫސް ކޮންފަރެންސްގައި ވެސް ޖާން ބައިވެރިވި އެވެ. "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާގެ އިތުރުން 12 ވަނަ ސީޒަންގައި ވާދަކުރި ހީނާ ޚާންގެ އިތުރުން "ބިގް ބޮސް 7" ގައި ވާދަކޮށް ކާމިޔާބުކުރި ގޯހަރް ޚާން ވެސް ނޫސް ކޮންފަރެންސްގައި ސަލްމާނާ އެކު ބައިވެރިވި އެވެ.
ސަލްމާން ބުނި ގޮތުގައި އެ ތިން ފަންނާނުންނަކީ ސީޒަން 14 ގެ ގެނެސްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާނެ މީހުންނެވެ. ނޫސް ކޮންފަރެންސްގެ ތެރޭގައި ވަނީ "ބިގް ބޮސް" ގެ ބައިވެރިން ތިބޭ ގޭގެ ބައެއް ތަންތަން ވެސް ދައްކާލައިފަ އެވެ. އެގޮތުން މި ފަހަރު ގޭގައި ވަރަށް ތަފާތު މޯލަކާއި ތިއޭޓަރަކާއި ސްޕާއަކާއި ރެސްޓޯރަންޓެއް ވެސް ހުންނާނެ އެވެ. އެހެންވެ ކުރީގެ ސީޒަންތަކާ ހިލާފަށް މި ފަހަރު ގޭގެ ފުރިހަމަކަން މާ ބޮޑަށް އިތުރުވެގެން ދާނެ އެވެ.
"ބިގް ބޮސް 14" އިން ޖާން ފެންނާނެކަން ކަށަވަރުވި ނަމަވެސް މި ފަހަރުގެ ސީޒަނުގައި ދެން ވާދަކުރާނީ ކޮންކޮން ބައެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އެނގިގެން ދާނެ އެވެ.
މީޑިއާތަކުން ތިލަކުރާ ނަންތަކުގެ ތެރޭގައި ބަތަލާ ޖޭސްމިން ބާސިނާއި އެކްޓަރު އެއިޖާޒް ޚާނާއި ނައިނާ ސިންގް އާއި ނިކީ ޓަމްބޯލީގެ އިތުރުން ނިޝާންތު މަލްކާނީ ފަދަ ސެލެބްރިޓީން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy