30 ސެޕްޓެމްބަރ 2020 - 08:20
އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ކަލާޒް ޗެނެލުން ފަށާ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14ގެ އެޕިސޯޑްތައް މި ފަހަރު ގެނެސްދޭނީ ބައި ގަޑިއިރަށް ކަމަށް ބުނާ ވާހަކަ ކަލާޒް އިން ދޮގުކޮށްފި އެވެ.
މިދިޔަ މަހު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރީގެ ސީޒަންތަކުގެ އެޕިސޯޑްތައް ގަޑިއެއްހާ އިރަށް ގެނެސްދިން ނަމަވެސް މި ފަހަރުގެ ސީޒަނުގެ އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނިޓެވެ. ނަމަވެސް މިކަން ދޮގުކޮށް ކަލާޒްގެ ތަރުޖަމާނު މީޑިއާތަކަށް ބުނީ ކުރީގެ ސީޒަންތަކާ އެއްގޮތަށް ސީޒަން 14 ގެ އެޕިސޯޑްތައް ވެސް 60 މިނިޓަށް ގެނެސްދޭނެ ކަމަށެވެ.
ނަމަވެސް ގަޑިތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ހަފުތާގެ ހުރިހާ ރެއެއްގައި ގެނެސްދޭ ޝޯގައި ހޯމަ ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެއަށް ކުރިއަށް ގެންދާ އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން 10:00 ގަ އެވެ. އަދި ޝޯ ހޯސްޓްކުރާ ސަލްމާން ޚާނާ އެކު ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތައް ގެނެސްދޭނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.
"ބިގް ބޮސް 14" ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް، ނިމި ދެން އޮތީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭ ވަރަށް ކުލަގަދަކޮށް ޝޯ ޕްރިމިއާކުރުމެވެ. ޝޯގެ ޕްރޮމޯތައް ވެސް ކަލާޒް އިން އަންނަނީ ދައްކަމުންނެވެ.
މި ފަހަރު ސީޒަނުން ފެންނާނެކަން ކަށަވަރުކޮށްފައިވާ ހަމައެކަނި ފަންނާނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރިފުޅު ޖާން ކުމާރު ސާނޫ އެވެ. އެކަމަކު ޔަގީންވާ ކަމަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ސެލެބްރިޓީންތަކެއް ޝޯއިން ފެންނާނެ ކަމެވެ. އެ ބައިވެރިން މިހާރު ތިބީ ބިގް ބޮސްގެ ގެއަށް ވަނުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ 14 ދުވަހުގެ ކަރަންޓީނުގެ ފަހު މަރުހަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy