01 އޮކްޓޯބަރ 2020 - 08:36
އިންޑިއާގެ ލޮކްޑައުންއާ ހެދި ޝޫޓިން ހުއްޓިފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ މަސައްކަތް އަލުން ފަށައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ގާތްގަނޑަކަށް ހަތް މަހެއްހާ ދުވަސް ފަހުން ފިލްމުގެ ޝޫޓިން ފެށި އިރު، މަސައްކަތް ކުރިއަށް ގެންދަނީ ކޮވިޑް-19 ގެ ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން ފިލްމުގެ މަސައްކަތްކުރާ ކްރޫގެ އަދަދު ވަނީ ކުރިއަށް ވުރެ ދެބައިކުޅަ އެއްބަޔަށް މަދުކޮށްފަ އެވެ. އަދި ފިލްމު ސިޓީގައި ޝޫޓިން ކުރިއަށްދާ އިރު ސެޓް ސެނިޓައިޒްކުރުމުގެ ކަންކަން ވެސް ވަރަށް އަވަސްވަހަށް ކުރިއަށް ގެންދެ އެވެ. މީގެ އިތުރުން މަސައްކަތް ކުރިއަށް ގެންދަނީ ގައިދުރުކަން ބެހެއްޓުމަށް ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ، ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް ނައި ނަމަ "ގަންގްބާއީ ކަތިއަވާޅީ" އަކީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް އަންނާނެ ފިލްމެކެވެ. ނަމަވެސް އެ ބަލިމަޑުކަމާ އެކު މަސައްކަތްކޮށް ހުއްޓުނީ އެވެ.
"ގަންގްބާއީ ކަތިއަވާޅީ" ގެ މަސައްކަތް އަލުން ފެށި އިރު، ފިލްމު ގެނެސްދޭނެ ދުވަހެއް ވެސް އަދި އިއުލާނެއްނުކުރެ އެވެ. ޔަގީނުން ވެސް މި އަހަރަކު ދެން މި ފިލްމެއް ނުފެންނާނެ އެވެ.
ދެހާސް އަށާރައިގައި ގެނެސްދިން "ޕަދުމާވަތު" އަށް ފަހު ބަންސާލީ ހަދާ ފުރަތަމަ ފިލްމުގެ ބަތަލާ އަކީ އާލިއށާ ބަޓެވެ. އަދި މީގެ ބަތަލަކީ ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އެވެ. އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ވިޖޭ ރާޒް ވެސް ފެނިގެންދާނެ އެވެ.
"ގަންގްބާއީ ކަތިއަވާޅީ" އަކީ ޒުވާން ބަތަލާ އާލިއާ، ބަންސާލީއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ނަމަވެސް މިއީ ހުނަރުވެރި ބަތަލާ އަށް ލިބުނު ބަންސާލީގެ ފުރަތަމަ ފިލްމެއް ނޫނެވެ. ލީޑިން ބަތަލާއެއްގެ ގޮތުގައި އާލިއާ ބޮލީވުޑަށް ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ކާމިޔާބު އެއް ބަތަލާ އަށް ވެފައިވާ އިރު ބަންސާލީގެ ފަރާތުން އާލިއާ އަށް ލިބުނު ފުރަތަމަ ފިލްމަކީ "އިންޝާﷲ" އެވެ. އެކަމަކު އެ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވެފައި ވަނިކޮށް ބަތަލު ސަލްމާން ޚާން އެ ދޫކޮށްލުމުން އެ ފިލްމު ނަހަދަން ނިންމައި އާލިއާއާ އެކު "ގަންގްބާއީ ކަތިއަވާޅީ" ހަދަން ނިންމީ އެވެ.
މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނަން މިހާރު އަމާޒު ހިފާފައިވާ އިރު، ބަންސާލީ ވަނީ "ބައިޖޫ ބަވްރާ" ގެ ނަމުގައި ވެސް އަންނަ އަހަރު ފިލްމެއް ގެނެސްދޭން ނިންމައިފަ އެވެ. އެ ފިލްމު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ދިވާލީއަށެވެ. އެކަމަކު "ގަންގްބާއީ" ގެ މަސައްކަތް ދިގުލައިގެން ގޮސްފައިވާތީ "ބައިޖޫ ބަވްރާ" އަންނަ އަހަރު ގެނެސްދޭނެތޯ އެއީ މިހާރު ބޮޑު ސުވާލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy