29 އޮކްޓޯބަރ 2019 - 07:36
އަންނަ އަހަރު "ގަންގޫބާއީ" ކިޔާ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އޭނާގެ ހުވަފެނީ ޕްރޮޖެކްޓް ވެސް އިއުލާންކޮށްފި އެވެ.
ބަންސާލީ ޕްރޮޑަކްޝަނުން ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމަކީ 2021 ގެ ދިވާލީގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ބައިޖޫ ބަވްރާ" ކަމަށެވެ. މިއީ ރިވެންޖް/މިއުޒިކަލް ސާގާއެކެވެ. މި ފިލްމު ބަންސާލީ ސިފަކޮށްފައި ވަނީ "މޯސްޓް އެމްބިޝަސް މެގްނަމް އޯޕަސް" ގެ ގޮތުގަ އެވެ.
"ބައިޖޫ ބަވްރާ" އިއުލާންކުރި ނަމަވެސް، ފިލްމުގެ ކާސްޓުންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ޗޯޕްޅާ އަދި ބަތަލުގެ ރޯލުން އަޖޭ ދޭވްގަން ފެނިދާނެ އެވެ. އެ ދެ ތަރިން ކުރިން ވެސް ބަންސާލީއާ އެކު މަސައްކަތްކޮށްފައިވެ އެވެ.
On this auspicious day, we are delighted to make your Diwali happier by announcing our next endeavour♥️🙏🏻#SanjayLeelaBhansali #BaijuBawra @prerna982 #HappyDiwali pic.twitter.com/GL9VZK6nUU
— BhansaliProductions (@bhansali_produc) October 27, 2019
ބަންސާލީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ 11 ގައި ގެނެސްދޭން ނިންމާފައިވާ "ގަންގޫބާއީ" އަކީ އިންޑިއާގެ ކުރީގެ އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކަތިއަވާޅީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ބަތަލާ އަކީ އާލިއާ ބަޓެވެ.
މި ފިލްމު ބަންސާލީ އިއުލާންކުރީ އާލިއާ އާއި ސަލްމާން ޚާނާއެކު ގެނެސްދޭން ނިންމި ލޯބީގެ ފިލްމު "އިންޝާﷲ" ސަލްމާން ކުއްލި ގޮތަކަށް ދޫކޮށްލުމާ ގުޅިގެންނެވެ. އެހެންވެ އެ ފިލްމު ބާއްވާފައި އިތުރު އެހެން ޕްރޮޖެކްޓަކާ އެކު ކުރިއަށްދާން ނިންމީ އެވެ.
އިންޑިއާގެ އެންމެ މޮޅު އަދި ބެލުންތެރިން އެ ޑައިރެކްޓަރެއްގެ ފިލްމުތަކަށް ވެސް އަބަދު ވެސް ވަރަށް ލޯބިކުރާ ބަންސާލީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި ތާރީހީ ލޯބީގެ ފިލްމު "ޕަދުމާވަތު" އެވެ. އެ ފިލްމުގެ ތަރިންނަކީ ދީޕިކާ ޕަދްކޯނާއި ފިރިމީހާ ރަންވީރު ސިންގްގެ އިތުރުން ޝާހިދު ކަޕޫރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy