ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގެ ސެޓުގައި ހިނގި ހާދިސާއެއްގައި މަސައްކަތްތެރިއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.
އިންޑިއާގެ މުމްބާއީގެ ފިލްމު ސިޓީގައި ހުންނަ "ރޯޔަލް ޕަމްޕް ސްޓޫޑިއޯ"ގައި މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ އެ ފިލްމުގެ ސެޓުގައި ވަޑިއަކަށް އުޅުނު 42 އަހަރުގެ ފިރިހެނެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ހާދިސާ ހިނގިއިރު، ފިލްމުގެ ލީޑް ތަރި އާލިއާ ބަޓް ހުރީ ސެޓުގައި ޝޫޓިންގަ އެވެ. ބެލެވޭ ގޮތުގައި އޭނާ ކަރަންޓުގައި ޖެހުނީ ކަރަންޓު ޝޯޓެއް ވެގެންނެވެ.
މަރުވި މީހާގެ އަންބަކާއި ދެ ދަރިން ތިބެ އެވެ. މި ހާދިސާއާ ގުޅިގެން ބަންސާލީ ޕްރޮޑަކްޝަނުން ވަނީ އެ އާއިލާއަށް އެހީތެރިވުމުގެ ގޮތުން 40 ލައްކަ އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 48,000 އެމެރިކާ ޑޮލަރު)ގެ ބަދަލެއް ދޭނެކަން އިއުލާންކޮށްފަ އެވެ.
ނަމަވެސް، އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ "ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް" އިން ވަނީ މި ބަދަލުގެ އަދަދު 50 ލައްކަ ރުޕީސްއަށް ބޮޑުކޮށްދިނުމަށް އެދިފަ އެވެ.
އެ ޖަމިއްޔާ އިން ބުނީ މަރުވި މަސައްކަތްތެރިޔާގެ ދަރިންނަކީ ވަރަށް ކުޑަކުދިން ކަމަށް ވުމުން، އެ ކުދިންގެ ތައުލީމަށާއި މުސްތަގުބަލަށްޓަކައި އިތުރު އެހީ ބޭނުންވާނެ ކަމަށެވެ. މީގެ އިތުރުން، މަރުވި މީހާގެ އަންހެނުންނަށް ބަންސާލީގެ ޕްރޮޑަކްޝަނުން ދާއިމީ ވަޒީފާއެއް ހަމަޖައްސައިދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.
މި ހާދިސާއާ އެކު ފިލްމު ސެޓުތަކުގެ ރައްކާތެރިކަމާއި މަސައްކަތްކުރާ ވަގުތުތަކާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފެންމަތިވެފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މަރުވި މީހާ މަރުވުމުގެ ކުރިން ވިދިވިދިގެން ތިން ދުވަހު، ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ފެށިގެން އަނެއް ދުވަހުގެ ދަންވަރު 3:00 އާ ހަމައަށް ސެޓުގައި މަސައްކަތް ކޮށްފައިވެ އެވެ. އެހެންވެ، ފިލްމު ސެޓުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި، ޝިފްޓުތައް ވަކި އުސޫލެއްގެ ދަށުން ތަރުތީބުކުރުމަށާއި ސެޓުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްތެރިންގެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.
"ލަވް އެންޑް ވޯ"އަކީ އާލިއާގެ އިތުރުން ރަންބީރު ކަޕޫރާއި ވިކީ ކޯޝަލް މުހިންމު ރޯލުތައް ކުޅޭ، ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު ޖެނުއަރީ 21 ގަ އެވެ.