ސަންޖޭ ލީލާ ބަންސާލީގެ އުންމީދީ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރުން ފަސްކޮށްފި ކަން އެ ފިލްމުގެ ލީޑު ތަރި ރަންބީރު ކަޕޫރު ކަށަވަރުކޮށްދީފި އެވެ.
އެ ނިންމުމާ އެކު "ލަވް އެންޑް ވޯ"އަށް، ކުރިއަށް އޮތް ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ދެ ފިލްމު ކަމަށްވާ "ދުރަންދަރު 2" އާއި "ޓޮކްސިކް"އާ ކުރިމަތިލާން ނުޖެހޭނެ އެވެ.
ރަންވީރު ސިންގުގެ ކާމިޔާބު އެކްޝަން ތުރިލާ "ދުރަންދަރު"ގެ ސީކުއަލް އާއި ކަންނަޑާ ތަރި ޔަޝްގެ "ޓޮކްސް" ވެސް ރިލީޒްކުރަނީ އަންނަ މަހު 19 ގަ އެވެ.
ރަންބީރުގެ އިތުރުން އާލިއާ ބަޓް އާއި ވިކީ ކޯޝަލް މުހިންމު ރޯލުތައް ކުޅޭ "ލަވް އެންޑް ވޯ" އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް، ފަހުން އެ ތާރީޚު އަންނަ މަހު 26 އަށް ބަދަލުކުރި އެވެ.
ފިލްމު ފަސްކޮށްފިކަން ރަންބީރު ކަށަވަރުކޮށްދިނީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އިންސްޓަގްރާމް ލައިވް ސެޝަނެއްގަ އެވެ.
ރަންބީރު ބުނި ގޮތުގައި "ލަވް އެންޑް ވޯ" ރިލީޒްކުރާނީ އޭނާގެ އަނެއް ބޮޑު ފިލްމު "ރަމަޔާނާ: ޕާޓް 1" އަށް ވުރެ ވެސް ފަހުގަ އެވެ. "ރަމަޔާނާ" ރިލީޒްކުރަނީ އަންނަ އޮކްޓޯބަރު މަހު އެވެ. އެހެންވެ، ލަފާކުރެވޭ ގޮތުގައި "ލަވް އެންޑް ވޯ" ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ ޑިސެމްބަރު މަހު އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ލަވް އެންޑް ވޯ" ފަސްކުރަން ޖެހުނު އިތުރު ސަބަބުތަކުގެ ތެރޭގައި ފިލްމުގައި ހިމެނޭ ވީއެފްއެކްސް ބޭނުންކުރާ މަންޒަރުތައް ނިންމުމަށް އަދި ގިނަ ވަގުތު ބޭނުންވުމާއި ފިލްމުގެ ބައެއް މުހިންމު މަންޒަރުތައް އަދިވެސް ޝޫޓްކޮށް ނުނިމޭތީ އެވެ.
މިއީ ބަންސާލީގެ ފިލްމަކުން އާލިއާ އާއި ރަންބީރް ފެންނާނެ ދެވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމު "ގަންގޫބާއީ ކަތިއަވާޑީ"ގައި ލީޑު ރޯލު ކުޅުނީ އާލިއާ އެވެ. އަދި އޭނާ 2007 ވަނަ އަހަރު ގެނެސްދިން "ސާވަރިޔާ" އަކީ ރަންބީރް ފިލްމީ ދާއިރާއަށް ތައާރަފުވި ފިލްމެވެ.
"ގަންގޫބާއީ ކަތިއަވާޑީ"އަށް ފަހު ބަންސާލީ ގެނެސްދިނީ "ހީރާމަންޑީ" ކިޔާ ސީރީޒެކެވެ. ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން އެ ސީރީޒަށް ބޮޑު ތަރުހީބެއް ލިބި، ދެވަނަ ސީޒަނެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ.