ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ކާމިޔާބު އެކްޓްރެސް އާލިއާ ބަަޓް، "ލަވް އެންޑް ވޯ"އަށް ފަހު ކުރިން ހުއްޓާލާފައިވާ ފިލްމު "އިންޝާﷲ" އަލުން ފެށުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

"އިންޝާﷲ" އަކީ 2019 ވަނަ އަހަރު ސަލްމާން ޚާން އާއި އާލިއާ މުހިންމު ރޯލުތަކުން ފެންނާނެ ކަމަށް އިއުލާންކުރި ފިލްމެކެވެ. ނަމަވެސް، ޑައިރެކްޓަރާއި ސަލްމާންއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަކާ ހުރެ އެ ފިލްމުގެ މަސައްކަތް އޭރު ވަނީ ހުއްޓާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން، މިހާރު އެ ފިލްމު އަލުން ފެށުމަށް ނިންމާފައި ވަނީ ވާހަކައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. ފިލްމުގެ މައިގަނޑު ކޮންސެޕްޓް އެގޮތުގައި އޮތް ނަމަވެސް، ސްކްރިޕްޓަށް އާ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ބަންސާލީ އަންނަނީ ކުރަމުންނެވެ.

އެ ފިލްމުގެ ފިރިހެން ލީޑް ރޯލުން ފެންނާނެ އެކްޓަރަކު އަދި ފައިނަލްކޮށްފައެއް ނުވެ އެވެ. ސްކްރިޕްޓް ފައިނަލްވުމުން ނޫނީ ކާސްޓިން ނިންމުމަކީ ބަންސާލީގެ އާދައެއް ނޫން ކަމުން، އެ ރޯލަށް ޒުވާން އެކްޓަރަކު ނެގުން ވެސް އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.

އާލިއާ އާއި ބަންސާލީގެ އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރަނީ އަންނަ އަހަރު ޖެނުއަރީގަ އެވެ. ރަންބީރު ކަޕޫރާއި ވިކީ ކޯޝަލް ވެސް މުހިންމު ރޯލުތަކުން ފެންނަ އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރުތައް މިހާރު ވަނީ އާންމުކޮށްފަ އެވެ.