08 އޮކްޓޯބަރ 2020 - 08:34
ބޭނުން ވަނީ ހަގު ދަރިފުޅު ތައިމޫރް ވެސް އެކްޓަރަކަށްވާން ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.
އުފަންވީއްސުރެ މީޑިއާގެ ސަމާލުކަން ހުއްޓި މިހާރު ވެސް ބޮޑު "ސެލެބްރިޓީއެއް" ގެ ދަރަޖަ ހޯދާފައިވާ ތައިމޫރަކީ ބަލަތާ ކަރީނާ ކަޕޫރްގެ އަލަތު ދަރިފުޅެވެ. އަންނަ ޑިސެމްބަރު މަހުގެ 20 ގައި އޭނާ އަށް 4 އަހަރު ފުރޭ އިރު ކަރީނާ މިހާރު އިނީ ސައިފްގެ ދެވަނަ ދަރިއަކަށް ބަލިވެ އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ އޭނާގެ އާއިލާގެ އެހެން ހުރިހާ މެމްބަރުންނަށް ވުރެ ތައިމޫރް މަޝްހޫރު ކަމަށް ގަބޫލުކުރާ ކަމަށެވެ. މިދިޔަ އަހަރު ސައިފްގެ މަންމަ ކުރީގެ ބަތަލާ ޝަރުމީލާ ޓެގޯރް ވެސް ވަނީ ތައިމޫރު އާއިލާގެ އެހެން ހުރިހާ އެންމެންނަށް ވުރެ މާ ކުރީގައި އުޅޭ ކަމަށް ބުނެފަ އެވެ.
ދަރިފުޅާ ބެހޭ ގޮތުން ސައިފް ބުނީ ތައިމޫރް ބޮޑުވެގެން ރަނގަޅު މަސައްކަތެއް ކުރާތަން ފެނުމަކީ ވަރަށް ދެކެން ބޭނުންވާ ކަމެއް ކަމަަށެވެ.
"އަހަރެން ބޭނުމީ އޭނަ އެކްޓަރަކަށްވާން. އަހަންނަށް އުންމީދު ވެސް ކުރެވޭ ކާމިޔާބު މީހަކަށް ތައިމޫރް ވާނެ ކަމަށް." ސައިފް ބުންޏެވެ.
އޭނާ ބުނީ އެކްޓްކުރުމަކީ ކުރިއަށް ދާން ރަނގަޅު ދާއިރާއެއް ކަމަށެވެ. އަދި އަމިއްލަ ކެރިއަރުގެ ތަޖުރިބާ އަށް ބަލާ އިރު، ގޯސް މަގަކުން ނުގޮސް މީހާ ރަނގަޅު މަގުން ކުރިއަށް ގޮސް އާންމުންގެ މެދުގައި މަގުބޫލު މީހަކަށް ވެވުނީ ފިލްމީ ދާއިރާގެ ސަބަބުން ކަމަށް ބުންޏެވެ. އެހެންވެ ދަރިން ވެސް ކެރިއަރެއްގެ ގޮތުގައި އެކްޓްކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.
ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް، 19، އާ ބެހޭ ގޮތުން ސައިފް ބުނީ އޭނާ މިހާރު ވެސް ހުރީ އެކްޓިން އަށް ނުކުންނަން ތައްޔާރުވެފައި ކަމަށެވެ. އެކަމަކު އަދި އެކަމަށް ދުވަސްތަކެއް ނަގާނެ ކަމަށް ބުންޏެވެ. އިބްރާހީމަކީ މިހާރު މަތީ ތައުލީމަށް ކިޔަވަމުން އަންނަ ޒުވާނެކެވެ. އަދި އޭނާ އަކީ އިންސްޓަގްރާމްގައި މިހާރު ވަރަށް މަގުބޫލު މީހެކެވެ.
"އިބްރާހީމަކީ ވަރަށް ބަލައިލަން ރީތި ވެސް ކުއްޖެއް. އަދި އޭނާ އަކީ ވަރަށް ރަނގަޅު ކުއްޖެއް. މިހާރު ވެސް އިބްރާހަމީ އަމިއްލަ މަގާމެއް ހޯދާފައިވާ ކުއްޖެއް. އޭނަގެ އެންމެ ހާއްސަ ކަމަކީ ސެންސް އޮފް ހިއުމާ."
ސައިފް ބުނިގޮތުގައި އޭނާ އާއި ދަރިންނާ އޮންނަ ގުޅުން ވަރަށް ރަނގަޅެވެ. އިބްރާހީމާއި ބަތަލާ ސާރާ އަލީ ޚާނަކީ ސައިފްގެ އަލަތު ކައިވެންޏަށް ބަތަލާ އަމްރިތާ ސިންގް އަށް ލިބުނު ދެ ކުދިންނެވެ.
"ދަރިންނާއި އަހަންނާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވޭ. ތައިމޫރު ލިބުނު ފަހުން އޭނައާ އެކީ ގިނަ ވަގުތު ހޭދަކުރުމުގެ މާނައެއް ނޫން އެހެން ދަރިންނާ އޮންނަ ގުޅުން ކުޑައޭ ބުނުމަކީ. ކޮންމެ ގޮތެއް ވިޔަސް އެންމެ ހަގު ދަރިފުޅާ އެކު އޮންނަ ގުޅުން މީހެއްގެ ވެސް ގާތް ވާނެ. ތިން ދަރިންނަށް ވެސް އަހަރެންގެ ގިތުގައި ހާއްސަ މަގާމެއް އޮވޭ. އެކަމެއް ދުވަހަކު ބަދަލެއް ވެސް ނުވާނެ،" ސައިފް ބުންޏެވެ. "ސާރާ އާއި އިބްރާހީމަށް ވަގުތު ބޭނުންވާ ކޮންމެ ވަގުތެއްގައި އަހަރެން ހުންނާނެ. އަދި އަބަދު ވެސް އަހަރެމެން އެކަކު އަނެކަކާ ގުޅިފައިި ހުންނާނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy