ސުޝާންތުގެ މަރު: ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލަން ނިންމައިފި

މިދިޔަ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދިން ކަމުގެ ތުހުމަތުގައި ހައްޔަކުރި، ބަތަލާ ރިއާ ޗަކްރަބަތީ ކަލާފާތުގެ ދަށުން ދޫކޮށްލަން ބޮމްބޭ ހައި ކޯޓުން މިއަދު ނިންމައިފި އެވެ.


މިދިޔަ މަހުގެ 8 ވަނަ ދުވަހު ހައްޔަރުކޮށް ތަހުގީގަށް ރިއާ ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ކަލާފާތުގެ ދަށުން ދޫކޮށްލަން ނިންމީ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިއްޔެ ހަމަވެގެން އެ މުއްދަތު އިއްޔެ މި މަހުގެ 20 އަށް އިތުރު ވެސް ކޮށްފައި ވަނިކޮށެވެ. އަދި ރިއާ ދޫކޮށްލަން ނިންމީ ކަފާލާތު ދަށުން އޭނާ މިނިވަންކޮށްދޭން ގާނޫނީ ޓީމުން ދެ ފަހަރަށް ހުށަހެޅުމުން ވެސް ކޯޓުން އެކަން ބަލައިގެން ނުގަންނަން ނިންމާފައި ވަނިކޮށެވެ.

މީޑިއާތަކުން ބުނީ ރިއާ، 27، ކަލާފާތުގެ ދަށުން މިއަދުގެ ވަގުތެއްގައި ދޫކޮށްލަން ނިންމީ ނުވަ ޝަރުތަކާ އެކީގައި ކަމަށެވެ.

އޭގެ ތެރޭގައި، ކަފާލާތަށް އެއް ލައްކަ ރުޕީސް ބެހެއްޓުމާއި ގައުމުން ބޭރަށް ދަތުރު ނުކުރުމާއި 10 ދުވަސް ވަންދެން ކޮންމެ ދުވަހަކު މުމްބާއީ ޕޮލިހަށް ހާޒިރުވެ، ސޮއިކުރުމާއި ގްރޭޓާ މުމްބާއީ ނޫން އިންޑިއާގެ ތަނަކަށްދާ ނަމަ އެކަން ފުލުހުންނާ ހިއްސާކުރުމާއި ހެއްކަށް ނުފޫޒު ފޯރުވިދާނެ ކަމަށް ބެލެވޭ އެއްވެސް މީހަކާ ބައްދަލުނުކުރުމާއި ހަ މަސް ވަންދެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުވުމާއި ކޯޓަށް ހާޒިރުވާން އަންގާ ހުރިހާ ދުވަހެއްގައި ކޯޓަށް ހާޒިރުވުމާއި ހެކި ނައްތާލަން ބެލެވޭ ކަހަލަ އެއްވެސް އަމަލެއް ނުހިންގުން ހިމެނެ އެވެ.

ކަލާފާތުގެ ދަށުން ރިއާ ދޫކޮށްލަން ނިންމި އިރު، އޭނާގެ ކޮއްކޮ ޝޯމިކް ޗަކްރަބަތީ، 24، ގެ އިތުރުން ވެސް 16 ވަރަކަށް މީހުން ތަހުގީގަށް ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު އެއިން ވެސް އެއްވެސް މީހަކަށް ކަފާލާތުގެ ފުރުސަތެއް ކޯޓުން ނުދެ އެވެ.

ސުޝާންތު މަރުވުމުގައި ރިއާގެ އަތެއްވާ ކަމަށް ބުނެ އޭނާގެ ބޮލުގައި ގިުނަ ތުހުމަތުތަކެއް އަޅުވާފައި އިރު، މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ސެންޓްރަލް ބޯޑް އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިންނެވެ. ޖޫން މަހުގެ 14 ގައި ސުޝާންތު މަރުވުމާ އެކު، ޕޯސްޓްމޯޓަމް ރިޕޯޓަށް ރިއާޔަކޮށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާ މަރުވީ އަމިއްލަ އަށް ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން ސުޝާންތުގެ އާއިލާ އާއި ބައެއް ރައްޓެހިން ވަނީ އެ މަރު ރިއާގެ ބޮލުގައި އަޅުވައިފަ އެވެ.

ނަމަވެސް ސުޝާންތުގެ މަރާ ގުޅޭ ގޮތުން އެއިމްސް ހޮސްޕިޓަލްގެ ތަޖުރިބާކާރުންގެ ޓީމަކުން ހަދާފައިވާ ރިޕޯޓެއްގައި ވަނީ ސުޝާންތު މަރުވީ އަމިއްލަ އަށް ކަން ކަށަވަރުވާ ކަމަށް ބުނެފަ އެވެ. އަދި އެކަމުގައި އިތުރު އެއްވެސް ބައެއްގެ އަތެއް ނުވާ ކަމަށް ބުނެފައިވެ އެވެ. އެ ރިޕޯޓް މިހާރު ވަނީ ސީބީއައި އަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އެތަނުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.