މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

09 އޮކްޓޯބަރ 2020 - 08:03

އަންނަ މަހުގެ 9 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމް" ޔޫއޭއީގައި މިހާރު ކުރިއަށްދާ މި އަހަރުގެ އިންޑިއަން ޕްރިމީއާ ލީގް (އައިޕީއެލް) ގައި ވަރަށް ފުޅާކޮށް ޕްރޮމޯޯޓްކުރަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ މިއަދު ޓްރެއިލާ ދައްކައިލަން ހަމަޖެހިފައިވާ ފިލްމުގެ ޕްރޮމޯޝަންތައް އައިޕީއެލްގެ ތެރޭގައި ފިލްމު ގެނެސްދިނުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ފިލްމުގެ ތިން ލަވައެއް ވެސް އާންމުކުރުން ހިމެނެ އެވެ. "ލަކްޝްމީ ބޮމް" އަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ ހޮރޯ-ކޮމެޑީއެކެވެ.

މީގައި އަކްޝޭގެ ވަރަށް ތަފާތު ކެރެކްޓާއެއް ވެސް ފެންނާނެ އެވެ. އެއީ ޖިންނި އަވަލާފައި ހުންނަ ޓްރާންސް-ޖެންޑާ ކެރެކްޓާއެކެވެ. "ލަކްޝްމީ ބޮމް" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.

މި ފިލްމު ވާނީ ސިނަމާތަކުގެ ބަދަލުގައި އަކްޝޭގެ ފިލްމެއް ޑިޖިޓަލްކޮށް ޕްރިމިއާކުރާ ފުރަތަމަ ފަހަރަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ލަކްޝްމީ ބޮމް" އަކީ މި އަހަރު ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމައި، އެކިއެކި ޕްލެޓްފޯމްތަކަށް ދޫކޮށްލި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބުނު ފިލްމު ވެސް މެ އެވެ. އެގޮތުން ފިލްމު ދޫކޮށްލީ 125 ކްރޯޑް ރުޕީސް (17.05 މިލިއަން ޑޮލަރު) އަށް ކަމަށްވެ އެވެ.

"ޝޭރްނީ" ގެ ޝޫޓިން މި މަހު ފަހުކޮޅު

އިންޑިއާ ލޮކްޑައުންއަކަށް ދިއުމުގެ ކުރިން ޝޫޓިން ފަށާފައި އޮތް، ބަތަލާ ވިދިޔާ ބާލަންގެ "ޝޭރްނީ: ކޯލް އޮފް ދަ ވައިލްޑް" ގެ ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިން މި މަހު ފަހު ހަފުތާ ތެރޭގައި ފަށަން ނިންމައިފި އެވެ.

ވިދިޔާ ފޮރެސްޓް އޮފިސަރެއްގެ ރޯލުން ފެނިގެންދާ މި ފިލްމަކީ އަމިތު މަސޫރް ޑައިރެކްޓްކުރާ ފިލްމެކެވެ. "ޝޭރްނީ" ގެ ޝޫޓިން އަލުން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު ބާކީ އަދި 65 ޕަސެންޓް އެބަ އޮތެވެ. އެހެންވެ މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން 35 ދުވަހުގެ ތެރޭގައި ޝޫޓިން ނިންމައިލެވޭނެ އެވެ. މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މަދިޔަ ޕްރަދޭޝްގެ ޕަލަގަޓްގަ އެވެ.

ވިދިޔާގެ އެންމެ ފަހުގެ ފިލްމަކީ ޖުލައި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި ޝަކުންތަލާ ދޭވީ އެވެ.

އަރުޖުން ކޮވިޑުން ރަނގަޅުވެއްޖެ

މިދިޔަ މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ޕޮޒިޓިވްވި ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް ބަލިން ރަނގަޅުވެއްޖެ އެވެ.

އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އޭނާ ބުނީ ބަލިން އެއްކޮށް ފަސޭހަވެފައިވާތީ ވަރަށް އަވަހަށް އެނބުރި ފިލްމީ މަސައްކަތްތަކަށް ދާނެ ކަމަށެވެ. އަރުޖުން ޕޮޒިޓިވްވީ ރަކުލް ޕްރީތު ސިންގްއާ ކުޅޭ، ޑައިރެކްޓަރު ކާޝްވީ ނައިރްގެ ފިލްމެއްގެ މަސައްކަތްކުރަމުން ދަނިކޮށެވެ.

ކޮވިޑުން ރަނގަޅުވި ވާހަކަ ހިއްސާކުރަމުން އަރުޖުން ވަނީ އެ ބަލިން ރައްކާތެރިކަން ހޯދުމަށް އާންމުން މާސްކް އެޅުމަށް ވެސް އެދިފަ އެވެ.

އޭނާ އެ ބައްޔަށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ޕޮޒިޓިވްކަން އިއުލާންކުރިތާ އެއް ދުވަސް ފަހުން ލޯބިވެރިޔާ މަލައިކާ އަރޯރާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އޭނާ ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޕާލް އާއި ދިވްޔާގެ ލަވައެއް

ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރާއި ޓީވީ އެކްޓަރު ޕާލް ވީ ޕޫރީ އެކީގައި ކުޅެފައިވާ ވީޑިއޯ ލަވަ "ތެރީ އާނކޯ މޭ" ދައްކާލައިފި އެވެ.

މި ލަވަ އަކީ ދަރްޝަން ރަވަލް އާއި ނޭހާ ކައްކަރް ކިޔާފައިވާ ވަރަށް އަސަރު ގަދަ ލަވައެކެވެ. މީގެ މިއުޒިކް މަނަން ބަރަދްވާޖް ހެދި އިރު، ޅެން ލިޔުނީ ކުމާރެވެ.

ޖޯން އަބްރަހަމާ އެކު "ސަތިޔަމޭވް ޖަޔަތޭ 2" ގެ ބަތަލާގެ ރޯލުން ވެސް ފެންނާނެ ދިވްޔާ މީގެ ކުރިން ވެސް ވަރަށް ރީތި ވީޑިއޯ ލަވަތަކަކުން ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން އެންމެ ފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ލަވަ އަކީ ސޮނީ ޓީވީން ގެނެސްދިން ސިލްސިލާ "ބޭހަދު 2" ގެ ބަތަލު ޝިވިން ނަރަންގްއާ އެކު ކުޅުނު "ތެރި ޔާދު ޕިޔާ ކި އާނެ ލަގީ" އެވެ. އެ ލަވަ އަކީ މީގެ އަހަރުތަކެއް ފަލްގުނީ ޕަތަކް ގެނެސްދިން ލަވައިގެ އާ ވާޝަނެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454