އެޕަލް ޓީވީގެ ސިލްސިލާ "ޝަންތަރަމް" ގައި އަމީތާބް ބައްޗަން؟

އެޕަލް ޓީވީން ހަދަމުން އަންނަ ސިލްސިލާ "ޝަންތަރަމް" ގެ ރޯލެއް އަމީތާބް ބައްޗަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ އަހަރު ޝޫޓިން ފެށި މި ސިލްސިލާގެ މަސައްކަތް އަލުން ފަށާއިރު، އަމީތާބަށް ވަނީ އޭގެ ވަރަށް ހާއްސަ ރޯލެއް ހުށަހަޅައިފަ އެވެ. އަދި އެ ރޯލަށް އޭނާ އެއްބަސް ވެސް ވެފައިވާ ކަމަށް ބުންޏެވެ.

ދިހަ އެޕިސޯޑަށް ހަދާ "ޝަންތަރަމް" ގެ މަންޒަރުތަކެއް މިދިޔަ އަހަރު ވެސް އިންޑިއާގައި ޝޫޓްކޮށްފައިވާ އިރު މީގެ ލީޑް ބަތަލަކީ ޗާލީ ހަނަމް އެވެ. އުމުރުން 40 އަހަރުގެ ޗާލީ އަކީ "ޕެސިފިކް ރިމް" އާއި "ކްރިމްސަން ޕީކް" އާއި "ކިންގް އާތާ: ލެޖެންޑް އޮފް ދަ ސްވޯޑް" ގެ އިތުރުން "ޓްރިޕްލް ފްރޮންޓިއާ" ފަދަ ފިލްމަތައް ކުޅެފައިވާ އެކްޓަރެވެ.

"ޝަންތަރަމް" އިން ޗާލީއާ އެކު އިންޑިއާގެ ބަތަލާ ރާދިކާ އަޕްޓޭ ވެސް ފެނިގެންދާނެ އެވެ. "އަންދާދުން" ފަދަ ފިލްމުތައް ކުޅުނު ރާދިކާ އަކީ މީގެ ކުރިން ވެސް އިންޓަނެޝަނަލް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އަދި މީގެ ކާސްޓްގައި އެންޓޯނިއާ ޑެޒްޕްލަޓް، ހިލްޑާ ފޭ، މައިކަލް އެމް ފޮސްޓާ އަދި ރިޗަޑް ރޮކްސްބާގް ހިމެނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޝަންތަރަމް" އަށް އަމީތާބް، 71، އެއްބަސްވުމާ ގުޅިގެން މި އަހަރު ވެސް މީގެ މަންޒަރުތަކެއް އިންޑިއާގައި ނަގަން ޕްލޭންކުރި އެވެ. އެކަމަކު ކޮވިޑް-19އާ ހެދި އެކަން ނުވުމުން މިހާރު އަންނަ ޖެނުއަރީ އަށް އަމީތާބް ވެސް ވަގުތު ހުސްކޮށް ދީފައިވާ ކަމަށް ބުންޏެވެ.

އިންޑިއާގެ އެންމެ ވަރުގަދަ ސުޕަސްޓާރުންގެ ތެރޭގައި ހިމެނޭ އަމީތާބް ކުރިން ވެސް ހޮލީވުޑްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރި އެވެ. އެއީ "ޓައިޓޭނިކް" ގެ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ ލީޑް ރޯލް ކުޅުނު 2013 ގެ ރޮމޭންޓިކް ޑްރާމާ "ދަ ގްރޭޓް ގެޓްސްބައި" އެވެ. ބަޒް ލަމަން ޑައިރެކްޓްކުރި ފިލްމުގައި އަމީތާބް ކުޅުނީ މޭޔާ ވުލްފްޝީމް ކިޔާ ކެރެކްޓާއެކެވެ.

"ޝަންތަރަމް" އަކީ ލިޔުންތެރިޔާ ގްރެގަރީ ޑޭވިޑް ރޮބަޓްސް 2003 ގައި ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާ ސިލްސިލާއެކެވެ. މީގެ ޑައިރެކްޓަރަކީ "ސްނޯޓައުން" އާއި "މެކްބެތު" އަދި "އެސަސިންސް ކްރީޑް" ފަދަ ފިލްމުތައް ގެނެސްދިން އޮސްޓްރޭލިއާގެ ޑައިރެކްޓަރު ޖަސްޓިން ކާޒެލް އެވެ.

މީގެ އަހަރުތަކެއް ކުރިން "ޝަންތަރަމް" އަށް ބިނާކޮށް ޑައިރެކްޓަރު މީރާ ނައިރް ވެސް ހޮލީވުޑްގެ އެކްޓަރު ޖޯނީ ޑެޕާ އެކު ފިލްމެއް ހަދަން އުޅުނެވެ. އޭގެ މަސައްކަތް ފަހުން ހުއްޓާލި އިރު، އޭރު ވެސް އަމީތާބަށް ރޯލެއް ހުށަހެޅި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޖަސްޓިންގެ ސިލްސިލާގައި އަމީތާބް ފެނިގެން ދާނީ ލޯޑް ކާދަރް ޚާންގެ ކެރެކްޓާ އިންނެވެ.