ރަންވީރާ އެކު ރޯހިތު ޝެޓީ ދެން ހަދާނީ "އަންގޫރް" ގެ ރިމޭކް

މީގެ ދެ އަހަރު ކުރިން ޑައިރެކްޓަރު ރޯހިތު ޝެޓީ، ރަންވީރު ސިންގާ އެކު ގެނެސްދިން "ސިމްބާ" އަށް ފަހު އޭނާއާ އެކު ގެނެސްދޭން އުޅޭ ދެވަނަ ފިލްމަކީ ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "އަންގޫރް" ގެ ރިމޭކް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ދާދި ފަހުން ބުނި ގޮތުގައި ރޯހިތު ދެން އެންމެ އަވަހަށް ޑައިރެކްޓްކުރާ ފިލްމުން ރަންވީރު ފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އަދި އެ ފިލްމަކީ 1982 ގައި މަޝްހޫރު ޅެންވެރިޔާ ގުލްޒާރު ޑައިރެކްޓްކޮށް ގެނެސްދިން ކަލްޓް ކްލަސިކް ކޮމެޑީ "އަންގޫރް" ކަމަށާއި ފިލްމު މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށް ބުންޏެވެ.

ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯންއާ އެކު މި އަހަރު "ޗަޕާކް" ގެނެސްދިން ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ބައްޕަ ގެނެސްދިން "އަންގޫރް" އަކީ އެއްމާބަނޑު ދެބެއިންގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. އެގޮތުން ފިލްމުގައި ސަންޖީވް ކުމާރާއި ދެވެން ވަރުމާ ޑަބަލް ރޯލްތައް ކުޅެފައިވެ އެވެ. "އަންގޫރް" ގެ ބަތަލާއިންނަކީ މައުޝަމީ ޗެޓަޖީ އާއި ދީޕްތީ ނަވަލް އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމު ރިމޭކެއް ހަދަން ރޯހިތު ވިސްނަމުން އަންނަނީ 2015 އިން ފެށިގެންނެވެ. އެހެންވެ މިހާރު ފިލްމުގެ ރައިޓްސް ލިބި، ސްކްރިޕްޓް ނިންމަމުން އަންނަ އިރު، ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި "އަންގޫރް" ގެނެސްދޭނެ އެވެ. މިއާ އެކު މި ފިލްމުވެގެން ދާނީ ރަންވީރު ޑަބަލް ރޯލަކުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ހަގާންގާމާ އިން ބުނީ "އަންގޫރް" ރޯހިތު ގެނެސްދޭނީ މައިގަނޑު ޕްލޮޓް އޮތްގޮތަށް ބާއްވައި، ބައެއް އެހެން ބަދަލުތައް ގެނެސްގެންނެވެ. އެގޮތުން އޭނާ ފިލްމުތަކުން އާންމުކޮށް ފެންނަ މަޖާ ގޮތްގަނޑު ރިމެކުން ވެސް ގެނެސްދޭނެ ކަމަށް ބުންޏެވެ.

ރޯހިތު 2012 ގައި އަޖޭ ދޭވްގަނާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "ބޯލް ބައްޗަން" އަކީ ވެސް ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 1979 ގެ "ގޯލްމާލް" އަސްލަކަށް ބަލައިގެން ހެދި ފިލްމެކެވެ. އެގޮތުން އެ ފިލްމަށް ގެނައި ކަހަލަ މުހިއްމު ބަދަލުތަކެއް "އަންގޫރް" ގެ ރިމެކަށް ވެސް ގެންނާނެ އެވެ. ނަމަވެސް ފިލްމަށް ކިޔާނެ ނަމަކާއި މަސައްކަތް ފަށާނެ އިރަކާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހަންގާމާ އިން ބުނިގޮތުގައި ރޯހިތު އަޖޭއާ އެކު ހަދާ "ގޯލްމާލް" ފްރެންޗައިޒްގެ ފަސް ވަނަ ފިލްމުގެ މަސައްކަތް ފަށާނީ "އަންގޫރް" ގެ ރިމެކަށް ފަހު އެވެ. "ގޯލްމާލް" ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ގޯލްމާލް އެގެއިން" ގެނެސްދިނީ 2017 ގަ އެވެ.

ރޯހިތުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖެނުއަރީގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ.