ބިގް ބޮސް 14: ގެ ދޫކޮށްލަން ޖެހުނު ފުރަތަމަ ބައިވެރިޔަކީ ސާރާ

މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ކަލާޒް ޗެނެލުން ދައްކަން ފެށި "ބިގް ބޮސް" ސީޒަން 14 ގެ ފޯރިގަނޑު އަދި ރަނގަޅަށް ނުފެށެނީސް މި ފަހަރު ގެއިން ޖާގަ ލިބުނު ބައިވެރިންގެ ތެރެއިން ސާރާ ގުރްޕަލް އަށް ޝޯ އިން ވަކިވާން ޖެހިއްޖެ އެވެ.


ޝޯގައި ވާދަކުރާ 11 ބައިވެރިންގެ ތެރެއިން ގެއަށް އަލްވަދާއު ކިޔައި، ޝޯ އިން ނުކުންނަން ޖެހުނު ފުރަތަމަ ބައިވެރިޔާ އަށް ސާރާވެގެން ދިޔަ އިރު، އޭނާގެ ފަރާތުން މާ ބޮޑު ކަންތައްތަކެއް ވެސް މިހާތަނަށް ފެނިފައެއް ނުވެ އެވެ. ސާރާ ބޮޑަށް ފާހަގަކުރެވުނީ އެހެން ބައިވެރިންނާ އެކިއެކި ކަންކަމުގައި ހިޔާލު ތަފާތުވެގެން އަބަދު ރޮއި ހެދި ބައިވެރިއެއްގެ ގޮތުގަ އެވެ.

ޕަންޖާބީ ލަވަކިޔުންތެރިޔާ ސާރާ އަށް ޝޯ އިން ވަކިވާން ޖެހުނީ މި ފަހަރު ސީޒަނުގައި ހާއްސަ ބާރުތަކެއް ދީ ގެއަށް ވައްދާފައި ތިބީ "ބިގް ބޮސް" ގައި ކުރިން ވާދަކުރި ތިން "ސީނިއާ ތޫފާން" ގެ ރުހުން ވެސް ނުލިބުމާ ގުޅިގެންނެވެ. އެ ތިން މީހުންނަކީ "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާ އާއި ސީޒަން ހަތެއް ކާމިޔާބުކުރި ގޯހަރް ޚާންގެ އިތުރުން ސީޒަން 12 ގެ ފައިނަލްގައި ވާދަކުރި ހީނާ ޚާނެވެ.

މި ފަހަރު ބައިވެރިންނަށް ޝޯ އިން ރަސްމީކޮށް ޖާގަ ކަށަވަރު ވާނީ އެ ތިން މީހުންގެ ރުހުން ވެސް ލިބިގެންނެވެ.

"ބިގް ބޮސް 14" އިން 11 ބައިވެރިޔަކަށް ފުރުސަތު ދިން އިރު، މި ފަހަރު ޝޯގެ އެއް ތަފާތަކީ ހުރިހާ ބައިވެރިންނަށް ވެސް ޝޯއިން ރަސްމީކޮށް ޖާގަ ކަށަވަރުކުރަން 14 ހަފުތާގެ މުހުލަތެއް ދިނުމެވެ. އެގޮތުން ޝޯގައި ހަވާލުކުރި ފުރަތަމަ މައި ޓާސްކް ކާމިޔާބުކޮށްގެން މިހާތަނަށް ޖާގަ ކަށަވަރުވި ހަމައެކަނި ބައިވެރިޔަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ނިކީ ތަމްބޯލީ އެވެ.

އޭނާ އެކު ޝޯގައި ދެން ވާދަކުރާ ބައިވެރިންނަކީ ޖޭސްމިން ބާސިނާއި އަބިނާވް ޝުކްލާ އާއި އަންހެނުން ރުބީނާ ދިލައިކާއި ޖާން ކުމާރު ސާނޫ އާއި ރާހުލް ވައިދިއާ އާއި އިޖާޒް ޚާނާއި ނިޝާންތު ސިންގް މަލްކާނީ އާއި ޕަވިތުރަ ޕުނިއާ އަދި ޝެހެޒާދު ޑިއޯލެވެ.

ތިން މަހެއްހާ ދުވަހަށް ގެނެސްދޭ "ބިގް ބޮސް 14" ހަފުތާގެ ހުރިހާ ރެއެއްގައި ކަލާޒުން ގެނެސްދޭނެ އެވެ. އެގޮތުން ހޯމަ ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެއަށް ކުރިއަށް ގެންދާ އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން 10:00 ގަ އެވެ. އަދި ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކު ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތައް ގެނެސްދޭނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.