16 އޮކްޓޯބަރ 2020 - 11:33
މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑު އުފުލައިގެން ދުނިޔޭގެ ސަމާލުކަން ހޯދި ސްވިޑްންގެ އެކްޓިވިސްޓް ގްރެޓާ ތަމްބާގްގެ ވާހަކަ ޑޮކިއުމަންޓަރީ ފިލްމަކުން ކިޔައިދީފި އެވެ.
"އައި އޭމް ގްރެޓާ" ގެ ނަން ދީފައިވާ މި ފިލްމު މިއަދު އިނގިރޭސިލާތާއި ޖަރުމަނުގެ ސިނަމާތަކުގައި ދައްކާނެ އެވެ. އަދި އަންނަ މަހު އެމެރިކާގެ ސިނަމާތަކުގައި ދައްކަން ފަށާއިރު ހޫލޫ އިން ހަމަ އެ ދުވަހު ފިލްމު ސްޓްރީމް ވެސް ކުރާނެ އެވެ.
ނަތަން ގްރޮސްމަން ޑައިރެކްޓްކޮށްފައިވާ 97 މިނިޓްގެ "އައި އޭމް ގްރޭޓާ" ވަނީ މިދިޔަ މަހު 77 ވެނިސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު ހޯދައިފަ އެވެ. މި ފިލްމުގައި އެންމެ 15 އަހަރުގައި ނުކުމެ ކްލައިމެޓް ޗޭންޖާ ދެކޮޅަށް ގްރެޓާ ކުރަން ފެށި މަސައްކަތުން ފެށިގެން ގޮސް މިދިޔަ އަހަރު ދުނިޔޭގެ ލީޑަރުން ލަދު ގަންނުވާލި "ހައު ޑެއާ ޔޫ؟" ސްޕީޗާއި އޭގެ ފަހުން ގްރެޓާ ކްްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރަމުން އައި މަސައްކަތާއި މިކަމާ ގުޅިގެން އޭނާގެ ހަޔާތަށް އައި ބަދަލުތައް ދައްކުވައިނެ އެވެ.
"އައި އޭމް ގްރެޓާ" ގެ ތަޖުރިބާއާ ބެހޭ ގޮތުން ޑައިރެކްޓަރު ގްރޮސްމަން ބުނީ އޭނާ އަށް ވެސް އެތައް ފިލާވަޅެއް އުނގަންނައި ދިން އެއްޗެއް ކަމަށެވެ. އަދި ފިލްމު އޭނާ ސިފަކުރީ ގްރެޓާގެ ޅަ އެކަމަކު ވަރުގަދަ ޝަހުސިއްޔަކާ އެކު "ސުޕަހީރޯ" ފިލްމެއްގެ ގޮތުގަ އެވެ.
ގްރޮސްމަން ބުނިގޮތުގައި "އައި އޭމް ގްރެޓާ" ބަލާ އިރު މިއީ ސީދާ އިހުލާސްތެރި ނިޔަތެއްގައި ޅަ އަންހެން ކުއްޖަކު ދުނިޔެއަށްޓަކައި ކުރާ އަގުހުރި މަސައްކަތްތަކެއްކަން އިހުސާސްކުރެވޭނެ އެވެ. އޭނާ ބުނީ ފިލްމުގެ މަސައްކަތް ކުރި ދުވަސްވަރު ވެސް އެންމެ ފާހަގަކުރެވުނީ ގްރެޓާ ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަކީ މީހުންގެ ސަމާލުކަން ހޯދައި މަޝްހޫރުވުމުގެ ގޮތުން ޓާ ފެށި މަސައްކަތެއް ނޫން ކަމެވެ.
"އޭނަގެ މި މަސައްކަތަކީ މުޅި ދުނިޔެއަށްޓަކައި ކުރާ ތެދުވެރި މަސައްކަތެއް." ގްރޮސްމަން ބުންޏެވެ.
"އައި އޭމް ގްރެޓާ" ގައި މޫސުމީ ބަދަލުތަކާ ދޭތެރޭ ގްރެޓާ ދެކޭ ގޮތާއި މިކަމަށް ހައްލު ހޯދަން މަސައްކަތްކުރަން ޖެހޭ ސަބަބުތައް ވެސް ކިޔައިދޭނެ އެވެ. ތިމާވެށީގެ މައްސަލަތަކާ މެދު ރޯފިލަން ބޭނުން ނަމަ ގްރެޓާގެ ފިލްމަކީ އެކަމަށް އޮތް ފަސޭހަ މަގެއް ކަމަށް ޑައިރެކްޓަރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުނާ 1
17 October 2020
މޫސުމަށް އަންނަ ބަދަލުތަކާ ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ކަންތައްތައް ތަކުގައި ލަފާދޭން ކުޑަކުދިން ،؟....... ދެން ދުނިޔޭގައި ތިބި ބޮޑެތި އިލްމު ވެރިން ނާއި ސައިންސް ވެރިން މިއީ ކީއްކުރާ ބައެއްތަ ؟...... މިއީ ވަރަށް ތާކުންތާކު ނުޖެހޭ އަދި ވަކިބައެއްގެ މަސްލަހަތު ކުރިއަށް ނެރެ ހިންގާ ކަންކަން......